ޚަބަރު

ކޯޗު ބޭނުން ވާގޮތަށް ޓީމް ލައްވައި ކުޅުވޭނެ - ނިޒާމް


ކޯޗް ބޭނުންވާ ގޮތަށް ޓީމު ލައްވާ ކުޅުވަން އަދި ވަގުތު ނާގާނެކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗް މުހައްމަދު ނިޒާމް ބުނެފިއެވެ.

މިދިޔަ އަހަރު މާޒިޔާގެ ކޯޗަކަށް ހުރީ މެސެޑޯނިއާގެ މަރުޖާން ސެކުލޮވްސްކީއެވެ. މާޒިޔާއަށް 2 ފަހަރު ކޯޗުކޮށްދިން ކޯޗް، ދެ ފަހަރުވެސް މާޒިޔާ ދޫކޮށްލާފައިވަނީ ކޮންޓްރެކްޓް ހަމަވުމުންނެވެ. ސެކުލޮވްސްކީއާއެކު މާޒިޔާއިން ވަނީ މިދިޔަ ސީޒަންގެ ލީގް ޗެންޕިއަންކަން ހޯދުމުގެ އިތުރުން އެޓީމުވަނީ އޭއެފްސީކަޕްގެ ކޮލިފައިން ބުރުގައި އިންޑިޔާގެ ގަދަބާރު ބެންގަލޫރު އެފްސީ ކަޓުވާލުމަށްފަހު އޭއެފްސީކަޕްގެ ގުރޫޕް ސްޓޭޖަށް ކޮލިފައިވެފައެވެ. މާޒިޔާގެ މިހާރުގެ ކޯޗް މުޙައްމަދު ނިޒާމް ބުނީ އެއް ކުޅުންތެރިންތަކަކާއެކު އެއް ކޯޗެއް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރުން އެކޯޗުގެ ކުޅުމުގެ ވައްޓަފާޅިއަށް ކުޅުންތެރިން ހޭނޭނެކަމަށާއި އެއީ އެކަން ވާނެގޮތްކަމަށެވެ. މާޒިޔާގެ ކުޅުން ބަދަލު ކުރުމަށް އަދި ދުވަސްނަގާނެކަމަށާއި މިއީ ކޮންމެ ކޯޗަކަށްވެސް ދިމާވާނެ ވަރަށް ބޮޑު ޗެލެންޖެއްކަމަށް މާޒިޔާގެ ކޯޗް ނިޒާމް ބުންޏެވެ.

މިދިޔަ ސީޒަންގައި ސެކުލޮވްސްކީގެ ޕްލޭނާއި އެއްގޮތަށް ކުޅެ ޓީމް ލީގު އުފުލާލާފައިވާއިރު، މިއަހަރު ޓީމާއި ހަވާލުވެ ކުޅުމުގެ ވައްޓަފާޅިއަށް ބަދަލުގެންނައިރު، ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ވިސްނުމަށްވެސް އިހުތިރާމް ކުރަންޖެހޭކަމަށްވެސް ނިމާޒް ބުންޏެވެ. މާޒިޔާފަދަ ވަރުގަދަ ޓީމަކާއި ހަވާލުވީވެސް ވަރަށް ބޮޑު ޗެލެންޖެއްކަމަށް ދެކިގެންކަމަށާއި މިޓީމާއެކު ކޮންމެ މެޗެއް ކާމިޔާބުކުރަންޖެހޭކަމަށް ވެސް ނިޒާމް ބުންޏެވެ. ޓީމުގައި ތިބި ކުޅުންތެރިންނަށް ބަލާފައި ކޮންމެ މެޗެއް ކާމިޔާބު ނުކުރެވެންވީ އެއްވެސް ސަބަބެއްވެސް ނެތްކަމަށާއި ޗެރިޓީ ޝީލް މެޗުން ބަލިވުމާއެކު ކުޅުންތެރިންނަށް މިހާރު ވަރަށް ރަގަނޅު ފިލާވަޅެއް ލިބިއްޖެކަމަށް ނިޒާމް ބުނެފިއެވެ. ސެރިޓީ ޝީލްޑް މެޗުން ބަލިވިކަމަށް ވީނަމަވެސް ކޯޗު ބޭނުންވި ގޮތަށް ކުޅުންތެރިން ކުޅުނުކަމަށާއި ބަދަލުތަކެއް ޓީމަށް އަންނަތަން ފެންނަމުންދާކަމަށްވެސް ނިމާޒު ބުނެފިއެވެ. އަދި ޓިމާއެކު ކާމިޔާބުވެސް ހޯދޭނެކަމަށް ގަބޫލް ކުރާކަމަށްވެސް މާޒިޔާގެ ކޯޗް މުހައްމަދު ނިޒާމް ބުންޏެވެ.