ދުނިޔެ

އެމެރިކާގައި ފުރަތަމަ ވެކްސިން ނަރުހަކަށް


އެމެރިކާގައި ފުރަތަމަ ފަހަރަށް ކޯވިޑް-19 ވެކްސިން ދީފިއެވެ. ކޯވިޑް ސަބަބުން އެންމެ ޙާލަތު ގޯސްވެފައިވާ ޤައުމުގެ ގޮތުގައި އޮތީ އެމެރިކާއެވެ. އެ ޤައުމުގައި މިހާތަނަށް 16.8 މިލިއަން މީހުންނަށް ބަލިޖެހި 306،969 މީހުންވަނީ މަރުވެފައެވެ.

ފައިޒާގެ ކޯވިޑް ވެކްސިން ބޭނުންކުރުމުގެ ޙުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)އިން ދީފައިވަނީ މިދިޔަ އާދިއްތަދުވަހުއެވެ. އެއާއިއެކު އެ ޤައުމުގެ ހުރިހާ ސްޓޭޓުތަކަށް ވެކްސިން ގެންދިޔުމުގެ މަސައްކަތްވަނީ ފަށާފައެވެ.

އެމެރިކާގައި ކޯވިޑް ވެކެސިން ދޭން ފެށީ އިއްޔެއެވެ. މި ވެކްސިން ފުރަތަމަ ދިނީ ޑިސެމްބަރު މަހުގެ 14ވަނަ ދުވަހުގައި އެ ޤައުމުގެ ހަސްފަތާލެއްގެ އައިސީޔޫގައި މަސައްކަތްކުރާ ނަރުހަކަށެވެ. ސަންޑްރާ ލިންޑްސޭއަކީ ކޯވިޑް ޖެހޭ މީހުންނަށް ފަރުވާ ދިނުމުގައި އަވަދިނެތި ޙަރަކާތްތެރިވަމުންދާ ނަރުހެކެވެ. އޭނާއަށް އެ ވެކްސިން ދީފައިވަނީ ނިއު ޔޯކް ސިޓީގެ ކުއީންސްގައި ހުންނަ ލޯންގް އައިލެންޑް ޖޫވިޝް މެޑިކަލް ސެންޓަރުގައެވެ. އޭނާއަށް ވެކްސިން ދިން މަންޒަރު ނިއު ޔޯކްގެ ގަވަރުނަރު އެންޑްރޫ ކޯމޯވަނީ އިންޓަނެޓު މެދުވެރިކޮށް ވަގުތުން ބައްލަވާފައެވެ.

ވެކްސިން ޖެހުމަށްފަހު ވާހަކަދައްކަމުން ލިންޑްސޭ ބުނީ ކޯވިޑް ވެކްސިން ޖެހުމާއި އެހެން ވެކްސިނެއް ޖެހުމާއި ތަފާތެއް ނެތްކަމަށެވެ. އޭނާ ބުނީ އެމެރިކާގައި ވެކްސިން ދޭން ފެށުމުން ހިތްހަމަޖެހުން ލިބިފައިވާކަމަށާއި ޙާލަތުން އަރައިގަނެވޭނެކަމުގެ އުންމީދު އައު ވެފައިވާކަމަށެވެ. މުޅި ޤައުމަށް ފަރުވާއެއް ލިބޭނެކަމުގެ އިހުސާސްކުރެވޭކަމަށެވެ. އަދި އެ ވެކްސިނަކީ ރައްކާތެރި ވެކްސިނެއްކަން ރައްޔިތުންނަށް ބުނެދޭން ބޭނުންވާކަމަށްވެސް އޭނާ ބުންޏެވެ.

ގަވަރުނަރު ކޯމޯވަނީ ލިންޑްސޭއަށް ވެކްސިންދޭ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ޓްވިޓާގައި ޝާޢިއުކުރައްވާ، އޭނާއަކީ ކޯވިޑް ޖަހާ އެމެރިކާގެ ފުރަތަމަ މީހާކަމަށް ބުނެފައެވެ. ގަވަރުނަރު ކޯމޯވަނީ ލިންޑްސޭއަކީ ބަޠަލާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ލިންޑްސޭއަށް ވެކްސިން ދިނުމުގެ ހިނދުކޮޅެއްގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕުވަނީ އެމެރިކާގައި ކޯވިޑްގެ ފުރަތަމަ ވެކްސިން ދީފައިވާކަން އިޢުލާނުކޮށް އެމެރިކާއަށް އަދި މުޅި ދުނިޔެއަށް މަރުހަބާ ކިޔުއްވާފައެވެ.

އެމެރިކާގެ އިތުރުން އިނގިރޭސިވިލާތުގައިވެސްވަނީ ފައިޒަރގެ ވެކްސިން ދޭން ފަށައިފައެވެ. ކެނެޑާއާއި ބަހުރައިނާއި ސަޢުދީ ޢަރަބިއްޔާއާއި މެކްސިކޯއިންވެސްވަނީ ފައިޒަރގެ ވެކްސިން ބޭނުންކުރުމުގެ ޙުއްދަ ދީފައެވެ.