ޚަބަރު

ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލެވޭނެ ގޮތެއް އޮތްތޯ ބަލަނީ


ކޯވިޑް ޖެހިގެން ލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލާދިނުމަށް އެޤައުމުގެ ސަރުކާރުން އެދިފައިވާތީ އެކަމާއި މަޝްވަރާކުރަމުން އަންނަކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ކޯވިޑަށް ޖެހިގެން މަރުވާ މީހުން އެއްވެސް ދީނަކަށް ބެލުމެއްނެތި އަންދާލުމަށް ސްރީލަންކާ ސަރުކާރުން ވަނީ ނިންމާފައެވެ. އެކަމާއި ގުޅިގެން ލަންކާ މުސްލިމުންގެ މެދުގައި ވަނީ ކަންބޮޑުވުންތައް އުފެދިފައެވެ. އަދި ބައެއް މީހުން އަނަނީ އިހްތިޖާޖުވެސް ކުރަމުންނެވެ.

ފޮރިން މިނިސްޓްރީ ވިދާޅުވީ ކޯވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ޖަނާޒާ އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ހަމަޖައްސާދިނުމަށް ލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ސިޓީފުޅެއް ފޮނުވާފައިވާކަމަށެވެ.

ލަންކާ ސަރުކާރުން އެދިފައިވާ ކަންކަން އިންތިޒާމު ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ކަމާއި ގުޅޭ ދާއިރާތަކާއި އެކު ރައީސް މަޝްވަރާކުރައްވަމުން އަންނަކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ކަން ކުރައްވަމުން އަންނަނީ އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަޤްޞަދުގައި، ރާއްޖެ އާއި ލަންކާއާއި ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިޢާޔަތްކުރައްވާކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ދުނިޔޭގައި ކޯވިޑް އެންމެ ހަލުވިކޮށް ފެތުރު ދުވަސްވަރު ލަންކާގައި އޮތީ އެ ބަލި ކޮންޓްރޯލްކޮށްފައެވެ. އެހެންނަމަވެސް މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން އެ ޤައުމުގައި ކޯވިޑް އަންނަނީ ހަލުވިކަމާއިއެކު ފެތުރެމުންނެވެ. ލަންކާއިން މިހާތަނަށް 32,790 މީހުންނަށް މި ބަލި ޖެހި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 152 އަރާފައެވެ.