ޚަބަރު

އަލަށް ވާދަކޮށް ސަސްއިން އެންމެފަހުގެ ރަނަރަޕް ބަލިކޮށްފި


ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ ސުޕަރ ޔުނައިޓަޑް ސްޕޯޓްސް(ސަސް)އިން ލީގުގެ އެންމެފަހުގެ ރަނަރަޕް، ކުލަބް އީގަލްސްގެ މައްޗަށް ކުރި ހޯދައިފިއެވެ.

ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ބަލިކޮށް ކުލަބް އީގަލްސްއިން ލީގު ފެށީވެސް މޮޅަކާއެކުއެވެ. އެހެންނަމަވެސް ދެވަނަ މެޗުގައި ވަނީ ސަސްގެ ކިބައިން ސަލާމަތްވާގޮތް ނުވެފައެވެ.

މެޗުގެ ވަރަށް ކުރީކޮޅު ސަސްއަށް ޕެނަލްޓީ އޭރިޔާގެ ބޭރުން ހިލޭ ޖެހުމެއް ލިބުނެވެ. މިއީ ކުލަބް އީގަލްސްގެ ހިޝާމް، ސަސްގެ އަދުހަމަށް ކުރި ފައުލްއަކާ ގުޅިގެން ލިބުނު ހިލޭ ޖެހުމެކެވެ. މެޗްގެ 4ވަނަ މިނެޓްގައި ސަސްގެ ވިކްޓަރ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ މަތީ ދަނޑިމަތިން ބޭރަށެވެ. މެޗްގެ ފުރަތަމަ ގޯލްޖަހައި ލީޑްނެގީ ސަސްއިންނެވެ. މިލަނޑު މެޗްގެ 11ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމްގެ ބިދޭސީ ފޯވާޑް ވިކްޓަރ ރޮޑްރީގޯސް މުނޯޒުއެވެ.

މެޗްގެ13ވަނަ މިނެޓްގައި އީގަލްސްގެ ނާއިމް މުޙައްމަދަށްވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ރަގަނޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް ރާއިފް ހަސަން ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ، ގޯލް ކުރިމަތީގައި ހުރެފައި ނާއިމަށް ފޮނުވާލެވުނީ ގޯލްގެ މަތީދަޑިމަތިން ބޭރަށެވެ.

މެޗްގެ 24ވަނަ މިނެޓްގައި ސަސްގެ އަދުހަމް އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ވިކްޓަރ ޖަހަން މަސައްކަތް ކުރިނަމަވެސް، ވިކްޓަރގެ ބޮލުގައި ޖެހިފައިދިޔައީ ބޭރަށެވެ.

ކުލަބް އީގަލްސްއިން އުފައްދަން މަސައްކަތް ކުރި ގިނަ ހަމަލާތަށް ހުއްޓުވާފައިވަނީ ސަސްގެ ބިދޭސީ ކުޅުންތެރިންކަން ފާހަގަކޮށްލެވުނެވެ.

ދެޓީމުގެ ފަރާތުންވެސް އަވަސް ކުޅުމެއް ފެނުނު މިމެޗްގައި ގިނަ ފައުލްތަކެއްވެސް ފެނުނެވެ. ސުޕަރ ޔުނައިޓެޑްގެ ވިކްޓަރ ހުއްޓުވުމުގައި އީގަލްސްގެ ކުޅުންތެރިން މަސައްކަތް ކުރަމުންދިޔައިރު އީގަލްސްގެ ކުރު ޕާސްތަށް ހުއްޓުވުމުގައި ސަސްގެ ޑިފެންޓަރުން މަސައްކަތް ކުރަމުންދިޔައެވެ.

މިމެޗަށް ކުލަބް އީގަލްސް ނުކުތީ އެޓީމްގެ އެންމެމުހިންމު އެއް ކުޅުންތެރިޔާ ރިޒްވާނާ ނުލައެވެ. ސީޒަން ހުޅުވުމުގެގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗް ކާމިޔާބުކު ކުރުމުގައި ރިޒްވާންގެ ހުނަރުވެރިކަން ފާހަގަކޮށްލެވުނެވެ.

މިމެޗްގެ ފުރަތަމަ ހާފު ނިމުނީ 1 - 0 އިން ސަސް ކުރީގައި އޮވެގެންނެވެ. މެޗްގެ 2ވަނަ ހާފްގެ ވަރަށް ކުރީކޮޅުގައި ސަސްގެ ކެޕްޓަން ޝާފިއު އަޙްމަދަށް ލީޑް ފުޅާކުރަން ލިބުނު ފުރުސަތުވީ ބޭކާރެވެ. ގޯލްގެ އަރިމަތީގައި ހުރެފައި ޝާފިއު ބޮލުން ފޮނުވާލި ހަމަލާ އަޒާމްވީ ގޯލްގެ އަތިމަތީ ދާގަނޑަށެވެ. އޭގެ މިނެޓްއެއްފަހުން ކުލަބް އީގަލްސްގެ ނާއިމް ފޮނުވާލި ބާރު ހަމަލާވަނީ ސަސްގެ ބިދޭސީ ކީޕަރު ދިފާއުކޮށްފައެވެ.

ދެވަނަ ހާފްގެ ކުރީކޮޅު ކުލަބް އީގަލްސްއަށް ދެތިން ހިލޭ ޖެހުމެއްވެސް ލިބުނެވެ. ނަމަވެސް މިހިލޭޖެހުންތަކުގެ އެންމެ އެކަށީގެންވާ ގޮތުގައި އެޓީމަށް ބޭނުން ހިފޭގޮތްވަނީ ނުވެފައެވެ. މެޗްގެ ދެވަނަ ހާފްގެ 72ވަނަ މިނެޓްގައި ކުލަބް އީގަލްސްއަށް މެޗްގެ ނަތިޖާ ހަމަހަމަކުރުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބުނީ ހަސަން ހައިޝަމްއަށެވެ. ނަމަވެސް ޕެނަލްޓީ އޭރިޔާގެ ތެރޭގައި ހުރެފައި ބޮލުން ފޮނުވާލި ބޯލަ ދިޔައީ ސަސްގެ ގޯލްކީޕަރާ ދިމާއަށެވެ.

ފުރަތަމަ ހާފްއެކޭ އެއްގޮތަށް މެޗްގެ ދެވަނަ ހާފްގައިވެސް ކުލަބް އީގަލްސްއިން ނުރައްކާތެރި ހަމަލާތަށް އުފައްދަމުންދިޔަކަން ފާހަގަކޮލެވެއެވެ. މެޗްގެ 79ވަނަ މިނެޓްގައި ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ކުލަބް އީގަލްސްގެ ރާއިފް ގޯލާ ދިމާއަށް ފޮނުވާލީ ހަމަލާ ގޯލްގެ ރޮގުމަތިން ކަހަލަގޮތަކަށް ސުޕަރ ޔުނައިޓަޑްގެ ކުޅުންތެރިން ވަނީ ދިފާއުކޮށްފައެވެ.

މެޗްގައި ކުލަބް އީގަލްސްއިން ޕާސްކޮށްގެން ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި ނަމަވެސް، ސަސްއިން ވަނީ ބޯޅަ ލިބުމާއެކު ކުރީގައި ހުންނަ ބިދޭސީ ފޯވާޑް ވިކްޓަރއަށް ދިނުމަށް މަސައްކަތްކޮށްފައެވެ.

މެޗް ނިމެން 5ވަރަކަށް މިނެޓަށް ވެފައިވަނިކޮށްވެސް ހައިޝަމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. އަހުމަދު ނޫމާން އޭރިޔާގެ ތެރެއަށް ހުރަސްކޮށްލި ބޯޅަ ހައިޝަމް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. މިމެޗްގައި ސުޕަރ ޔުނައިޓަޑްގެ ގޯލް ކީޕަރުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މެޗް ނިމެން 2 މިނެޓްއަށް ވެފައި ވަނިކޮށްވެސް ހަސަން ހައިޝަމްއަށް ގޯލް ޖެހުމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ.

ރިހާމް އޭރިޔާގެ ތެރެއަށް ހުރަސްކޮށްލި ބޯޅަ ހައިޝަމްއަށް ބޮލުން ފޮނުވާލި ނަމަވެސް، އެބޯޅަ ދިޔައީ ގޯލްގެ މާ މަތިން ބޭރަށެވެ. މިދިޔަ އަހަރުގެ ލީގްގެ ރަނަރަޕް ކުލަބް އީގަލްސްއިންވަނީ މިމެޗްގައި ގިނަ ހަމަލާތެއް އުފައްދާފައެވެ. ނަމަވެސް މެޗް ނިމިގެންދިޔަ އިރުވެސް ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރި ސުޕަރ ޔުނައިޓަޑް ސްޕޯޓްސްގެ ގޯލް ފޫއަޅުވާލެވޭގޮތްވަނީ ނުވެފައެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުލަބް އީގަލްސްގެ ކެޕްޓަން ހުސެއިން ޝިފާޢުއެވެ.