އޮންލައިން ނޫހެއްކަމަށްވާ " އަވަސް އޮންލައިން " އިން މުޖްތަމައުގައި އެހީ ބޭނުންވެފައި ތިބި ފަރާތްތަކަށް އެހީވުމަށް ސީއެސްއާރު ޕްރޮގްރާމެއް ލޯންޗުކޮށްފިއެވެ.ސަލްސާ ރޯޔަލްގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އަވަސް އޮންލައިންގެ ޗީފް އެޑިޓަރ އާދަމް ހަލީމް ވިދާޅުވީ އަވަސް އޮންލައިންގެ އާ ޑިޒައިންގައި ކުރިން ދިމާވާ މައްސަލަތައް ހައްލުކޮށް، މެއިން ސްޓްރީމް ނޫހެއްގެ ހުންނަންޖެހޭ ހުރިހާ ފީޗާއެއް ހިމަނާފައިވާކަމަށެވެ. އަދި މުޖްތަމައުގައި އެހީބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން ތައާރަފްކުރި " އަވަސް އެހީ" އަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް އެހީތެރިވެދީ އެހެން ފަރާތްތަކުގެ އެހީ އެފަދަ ފަރާތްތަކަށް ލިބޭނެ މަގެއް ހޯދައިދިނުމަށް ފެށި ކެމްޕެއިނެއްކަމަށްވެސް ހަލީމް ވިދާޅުވިއެވެ.މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ވަނީ އަވަސް އެހީގައި ނަމުގައި އަވަސް އޮންލައިން އިން ފެށި ހިދުމަތް ފާހަގަކޮށް އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިސްއެބިލިޓީ އެމްބެސެޑަރ އަހުމަދު ހިޝާން ވިދާޅުވީ އަވަސް އެހީގެ ދަށުން މިފަދަ އެހީތަކަށް ބޭނުންވާ ފަރާތްތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށެވެ. އަދި އެސްއެމް އެސް މެދުވެރިކޮށް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެކަމަށާއި ބައިވެރިވާ ކޮންމެ ފަރާތަކަށްވެސް ޝުއޫރު ފާޅުކުރެވޭނެކަމަށް ހިޝާން ވިދާޅުވިއެވެ.