ބޯހިޔާވަހިކަމެއްނެތި މާލޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅެމުންދާ މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދިނުމަށް ފަށާފައިވާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 22 މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
ޖެންޑަރ މިނިސްޓްރީން މާލެ ސިޓީ ކައުންސިލާއި ފުލުހުންނާއި ނޭޝަނަލް ޑްރަގް އެޖެންސީއާއި ދިވެހި ރެޑްކްރެސެންޓުގެ އިތުރުން އެލްޖީއޭ އާއި ހޯމް މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި މަގުމަތިވެފައިވާ މީހުންނަށް އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމާއި އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމަށްވަނީ ނިންމާފައެވެ.
މި މަސައްކަތާގުޅޭގޮތުން ޕީއެސްއެމްނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ފާތިމަތު ޔުމްނާ ވިދާޅުވީ ތަފާތު ސަބަބުތަކާއިހެދި ވަންނާނެ ތަނެއްނެތި ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ސަތޭކަ ފަންސާހެއްހާ މީހުން އުޅޭނެކަމަށް ބެލެވޭކަމަށާއި މީގެ ތެރޭގައި މާލޭގެ މާރުކޭޓުތަކާއި މިސްކިތްތަކާއި ފަޅު ގެތަކުގައިވެސް ދިރިއުޅޭ މީހުން ހިމެނޭކަމަށެވެ.
މިފަދަ މީހުންނަށް ފުރަތަމަކަމަކަށް ދޭންޖެހޭ އަސާސީ ޙައްޤުތަށް ކަށަވަރުކޮށް ބޭސްފަރުވާ ދިނުމުގެ ކަންކަން ކުރުމަށް ގުޅީފަޅުގައި ޚާއްސަ އިންތިޒާމް ހަމަޖައްސައި އެތަނަށް އެމީހުން ބަދަލުކުރަން ފަށާފައިވާއިރު މީގެ ތެރޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ގިނަ ޢަދަދަކަށް ހިމެނޭތީ އެމީހުންނަށް ބޭނުންވާ ފަރުވާގެ އިންތިޒާމުތައް ނޭޝަނަލް ޑްރަގް އެޖެންސީއާ ގުޅިގެން ކުރިއަށްގެންދާކަމަށް ޔުމްނާ ވިދާޅުވިއެވެ. އަދި ފިރިހެނުންނެކޭ އެއްގޮތަށް އަންހެނުންވެސް އެހީތެރިކަން ބޭނުންވެފައިވާ މީހުންގެ ތެރޭގައި އެބަތިބިކަމަށް ޔުމްނާ ވަނީ ފާހަގަކުރައްވާފައެވެ.
"އަޅުގަނޑުމެންގެ ޓީމުތައް އެމީހުންގެ ގާތަށްގޮސް ދެފަރާތުން މަޝްވަރާކޮށްގެން އެމީހުން ހިޔާވަހިކަމަށް މި ގެންދަނީ ފަރުވާ ހޯދުމަށްވެސް ބޭނުންވާތީ. މީގައި ފިރިހެނުންނެކޭ އެއްގޮތަށް އަންހެނުންވެސް އެބަތިބި ފަރުވާ ބޭނުންވާ މިހާތަނަށް ގެނެވުނު މީހުންގެ ތެރޭގައި ހައިރިސްކް އަދި ފަރުވާއަށް ވަގުތުން ބޭނުންވެފައިވާ މީހުންތިބުމުން އެފަދަ މީހުން ފަރުވާއަށް ފުނިވިފައިވަނީ" ޔުމްނާ ވިދާޅުވިއެވެ.
މަގުމަތިވެފައިވާ މީހުންގެ ޙާލަތު ބަލައި އެމީހުންނަށް ދޭންޖެހޭ ފަރުވާއާއި ފަހިކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެސެސްމެންޓް ހެދުމަށް ހަމަޖެހިފައިވާއިރު، މިގޮތަށް ފަރުވާއަށް ގެންދާ މީހުންގެ ތެރެއިން މަސްތުވާތަކެތީގެ ވަބާގައި ބޮޑަށް ޖެހިފައިވާ ފިރިހެނުންނަށް ފަރުކޮޅު ފުށީގައި ޤާއިމުކޮށްފައިވާ ފެސިލިޓީއަށް ގެންގޮސްގެން ފަރުވާދޭން މިހާރުވަނީ ފަށާފައެވެ. އަދި އަންހެނުންނަށް ފަރުވާދިނުމަށް ހަމަޖެހިފައިވަނީ ކ.ހިންމަފުށީގައި ހުންނަ ރީހެބިލިޓޭޝަން ސެންޓަރުގައިކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ.
އިޖުތިމާޢީ ރައްކާތެރިކަމުގެ މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން އެމީހުން އަނބުރާ މުޖުތަމައަށް ގެނެވި އެމީހުންނަކީވެސް ޒިންމާދާރު ބައެއްގެ ގޮތުގައި ދިރިއުޅޭ ފެންވަރަށް ބަދަލުކުރުމަކީ މިފަދަ ހިޔާވަހިކަމާއި ރައްކާތެރިކަމުގެ ޕްރޮގްރާމެއް ހިންގުމުގެ މައިގަޑު އަމާޒްކަމަށާއި މިފަދަ މީހުންނަށް ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުން ދިނުމަށް ޖެންޑަރ މިނިސްޓްރީންވަނީ އިލްތިމާސްކޮށްފައެވެ.
"މިކަމުގެ މަޤްޞަދު އޮޅުވާނުލައްވާ، އަޅުގަނޑުމެން މިކުރަނީ ހަމަގައިމުވެސް މިކަމުގެ ސަބަބުން އެފަރާތްތަކަށްވެސް އާއިލާތަކަށްވެސް އަދި މުޖުތަމައަށްވެސް އެފަރާތްތަކަށް އެންމެ ރަނގަޅަށް އެމީހުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތެއް. އެހެންވީމަ މިކުރާ މަސައްކަތައް ހުރިހާ ފަރާތެއްގެ އެއްބާރުކުމާއި އެހީތެރިކަން އެބަބޭނުންވޭ" ޔުމްނާ ވިދާޅުވިއެވެ.
ޖެންޑަރ މިނިސްޓްރީންވަނީ މަގުމަތީގައި ހާލުގައި ޖެހިފައިވާ މީހުންގެ ފަރާތުން ނޭދެވޭ އަމަލެއް ފެނުމުން އެމީހުންނަށް ހަމަލާދީ އަނިޔާކުރާ މައްސަލަވެސް ފާހަގަވާކަން ފާހަގަކުރައްވައި އެފަދަ ކަމެއް ދިމާވެއްޖެނަމަ ކަމާގުޅުހުރި އިދާރާތަކުގެ ސަމާލުކަމަށް އެކަންކަން ގެނައުމަށްވެސް އިލްތިމާސްކުރައްވާފައެވެ.
ކޯވިޑް-19ގެ ސަބަބުން ދިމާވި އިޤްތިޞާދީ ދަތިކަމާއެކު ހާލުގައި ޖެހުނު އެތައް ބަޔަކަށްވެސް ސަރުކާރުންވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ރަށްރަށަށް ބަދަލުވާން ބޭނުންވާ މިހުންނަށް އެކަމުގައި އެހީވުމާއި އެފަދަ މީހުންގެ އަސާސީ ޙައްޤުތައް ކަށަވަރުކުރުމަށްވެސް މިއަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.