މިދިޔަ އަހަރުގެ ލީގް ޗެންޕިއަން ބަލިކޮށް ފުރަތަމަ ފަހަރަށް ކުލަބް އީގަލްސްއިން ޗެރިޓީ ޝީލް މެޗް ކާމިޔާބުކޮށްފިއެވެ.
މިއަހަރުގެ ޗެރިޓީ ޝީލް މެޗް ވަރަށް ގިނަ ގޮތް ގޮތުން ފާހަގަކޮށްލެވެއެވެ. މިމެޗްގައި ރެފްރީކަން ކޮށްފައިވަނީ 2011ވަނަ އަހަރުގެ ޗެންޕިއަންސް ލީގުގެ ފައިނަލް މެޗްގައި ބާސެލޯނާ އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗްގެ ރެފްރީ ވިކްޓަރއެވެ. އަދި މިމެޗްގެ އޮފިޝަލުން ގޮތުގައިވެސް ހަރަކާތްތެރިވެފައިވަނީ ކުރީގެ ފީފާ ރެފްރީންކަމުގައިވާ މުހައްމަދު ސައީދު، އަލީ ސަލީމް އަދި އަހުމަދު އަމީޒެވެ.
މެޗްގެ ވަރަށް ކުރީކޮޅުގައި މާޒިޔާއިންވަނީ ލަނޑެއްޖަހާ ލީޑް ނަގާފައެވެ. މިލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ ސަމޫހު އަލީއެވެ. މިލަނޑަށްފަހުވެސް މާޒިޔާއިން ބޯޅަ ހިފަހައްޓައިގެން މޮޅު ކުޅެއް ދައްކަމުންދިޔައެވެ. ނާތީޖާއެއްގެ ގޮތުން މާޒިޔާގެ ހަމްޒާ މުހައްމަދަށް ކުރި ފައުލްއަކާއި ގުޅިގެން 2011ވަނަ އަހަރުގެ ޗެންޕިއަންސް ލީގް ފައިނަލް މެޗް އިންސާފުކުރި ރެފްރީވަނީ މާޒިޔާއަށް ޕެނަލްޓީއެއް ދީފައެވެ. މިޕެނަލްޓީ ކާމިޔާބުކޮށް މާޒިޔާއަށް ދެލަނޑުގެ ލީޑެއް ނަގައިދިނީ އިބްރާހީމް މަހުދީއެވެ. މިލަނޑަށްފަހުވެސް މާޒިޔާއިން ރަގަނޅު ކުޅުމެއްދެއްކިއެވެ.
ކުލަބް އީގަލްސްއިން ކުޅުން ރަގަނޅުކޮށް ލަނޑު ޖެހުމަށް ފުރުސަތުތަށް ތަނަވަސް ކުރަމުންދިޔަކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް މެޗްގެ ފުރަތަމަ ހާފް ނިމުނީ މާޒިޔާއިން 2 ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ.
މެޗްގެ ދެވަނަ ހާފް ފެށިގެން ކުލަބް އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ދެވަނަ ހާފްގެ ވަރަށް ކުރީ ކޮޅުގައި އަހުމަދު ރިޒްވާން ފޮނުވާލި ހިލޭ ޖެހުން ދިޔައީ ގޯލުގެ މަތީ ދަނޑި މަތިން ބޭރަށެވެ. މިހާފްގެ ކުރީ ކޮޅުގައި މާޒިޔާއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، ކުލަބް އީގަލްސްއިން ނުރައްކާތެރި ދެތިން ހަމަލާއެއް މާޒިޔާގެ ގޯލަށް އަމާޒްކޮށް ފޮނުވާލާފައިވެއެވެ. މާޒިޔާގެ ބިދޭސީ ކުޅުންތެރިޔާ ފީޓަރ މެޗްގެ 52ވަނަ މިނެޓްގައި ރިޒްވާނަށް ކުރި ފައުލަކާއި ގުޅިގެން އޭރިޔާގެ ބޭރުންވަނީ ހިލޭ ޖެހުމެއްވެސް ލިބިފައެވެ. ނަމަވެސް ރިޒްވާން ފޮނުވާލީ ބޯޅަ މާޒިޔާގެ ކީޕަރުގެ އަތުގައި ޖެހިފައި މަތީ ދަނޑީގައި ޖެހުނު ނަމަވެސް ގޯލްގެ ތިން ދަނޑިން ބޯލަ އެތެރެވާގޮތެއް ނުވިއެވެ. ދެވަނަ ހާފްގެ ކުރީ ކޮޅުގައި މާޒިޔާގެ ލީޑް އިތުރަށް ފުޅާކުރުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބުނީ ކެޕްޓަން އަސަދުﷲ އަބްދުﷲއަށެވެ. ހުސެއިން މަހުދީ ނަގައިދިން ހުރަސް އަސަދުﷲގެ ބޮލުގައި ޖެހިފައި ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ.
ދެވަނަ ހާފްގައި ކުލަބް އީގަލްސްގެ ޒުވާން ކުޅުންތެރިން ލަނޑުޖެހުމަށް ވަރަށް ހިއްވަރު ކުރަމުންދިޔަކަން ފާހަގަކުރެވުނެވެ. މެޗުގެ 66ވަނަ މިނެޓްގައިވެސް އީގަލްސްގެ ހަސަން ރާއިފު އޭރިޔާގެ ތެރެއަށް ވަންނަމުން ގޯލާއި ދިމާލަށް ފޮނުވާލި ބޯޅަ ދިފާއު ކުރީ މާޒިޔާގެ ކީޕަރު ނިކޮލާއެވެ.
ކުލަބް އީގަލްސްގެ ސުން ކަޑުވާލާދިނީ މެޗްގެ 67ވަނަ މިނެޓްގައި ޒަފަރު ޒައިންއެވެ. މިގޯލަކީ އަހުމަދު ރިޒްވާން އޭރިޔާ ތެރެއަށް ވަންނަމުން ގޯލް ކުރި މައްޗަށް ހުރަސްކޮށްލި ބޯޅައެކެވެ. އޭގެ 2 މިނެޓް ފަހުންވެސް ޒައިންއަށްވަނީ މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ރިޒްވާން ގޯލް އޭރިޔާގެ ތެރެއަށް ހުރަސްކޮށްލި ބޯޅަ ބޮލުން ފޮނުވާލަން އުޅުމުގެ ތެރޭގައި ޒައިފް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. މެޗުގައި ކުލަބް އީގަލްސްއަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 71ވަނަ މިނެޓްގައި ޒުވާން ކުޅުންތެރިޔާ މުހައްމަދު ނާއިމްއެވެ. މިގޯލަކީވެސް ރިޒްވާން އޭރިޔާގެ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން ޖެހި ލަނޑެކެވެ. މިލަނޑާއެކު މާޒިޔާއިންވަނީ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އުމެއިރު ކުޅެން ނެރެފައެވެ.
މެޗްގެ 73ވަނަ މިނެޓްގައި މާޒިޔާގެ ބިދޭސީ ގޯލް ކީޕަރު ނިކޮލާ ކުލަބް އީގަލްސްގެ ކުޅުންތެރިއަކަށް ފައުލް ކުރުމާއި ގުޅިގެން ރެފްރީވަނީ އީގަލްސްއަށް ޕެނަލްޓީއެއް ދީފައެވެ. މިޕެނަލްޓީ ކާމިޔާބުކޮށް މެޗްގައި ފުރަތަމަ ފަހަރަށް ކުލަބް އީގަލްސްއަށް ލީޑްނަގައިދިނީ މެޗްގައި މޮޅު ކުޅުމެއްދެއްކި އަޙުމަދު ރިޒްވާނެވެ. މިލަނޑަށްފަހު އީގަލްސްއިން ދިޔައީ ފުލުފުލުގައި މާޒިޔާގެ ގޯލަށް ނުރައްކާކުރަމުންނެވެ. އީގަލްސްއިން ތިންވަނަ ލަނޑު ޖެހުމާއެކު މާޒިޔާއިން ކުޅުންރަގަނޅުކޮށް، އީގަލްސްގެ ގޯލަށް ނުރައްކާ ކުރަމުންދިޔައެވެ. މެޗުގެ 82ވަނަ މިނެޓްގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ ފޮނުވާލަން މަސައްކަތް ކުރި ބޯޅަ ދިފާއުކުރީ މާޒިޔާގެ ފަހަތަށް ކުޅެމުންދިޔަ ކުޅުންތެރިންނެވެ. މިމެޗްގައި ކުލަބް އީގަލްސްގެ ރިޒްވާންގެ މޮޅު ކުޅުން ފާހަގަކޮށްލެވުނެވެ. އީގަލްސްއިން ޖެހި 3 ލަނޑުގެ ތެރެއިން 2 ލަނޑުގައިވެސް ރިޒްވާންގެ ހިއްސާބޮޑުކަން ފާހަގަކޮށްލެވެއެވެ.
މެޗްގެ އިތުރު ވަގުތުގެ ތެރޭގައި މާޒިޔާގެ އިބްރާހިމް މަހުދީ ހަސަންއަށްވަނީ ރަގަނޅު ފުރުސަތެއް ލިބިފަ، ނަމަވެސް އޭރިޔާގެ ބޭރުގައި ހުރެފައި ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ.
ރާއްޖޭގެ އެންމެ ވަރުގަދަ ފޯވާޑް ލައިންއަށް ދެވަނަ ހާފްގައި ކުލަބް އީގަލްސް ގޯލް ފޫއަޅުވާލެވޭ ގޮތެއްނުވިއެވެ. މެޗްއަށްފަހު ވާހަކަދައްކަމުން ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން)ބުނީ ޒުވާން ކުުޅުންތެރިންނާއެކު ނިކުމެ މާޒިޔާ ކަހަލަ ވަރުގަދަ ޓީމްއެއް ބަލިކުރެވެމުން ވަރަށް ހިންހަމަޖެހޭކަމަށް. އަދި މިކަމުގެ ސަބަބުން ކުލަބް އީގަލްސް ޒުވާން ކުޅުންތެރިންނަށް ލީގްގައި ކުރިއަށް ދިއުމަށާއި މެޗްތަކާއި ކުރިމަތިލާއިރު ވަރަށް ބޮޑު ހިއްވަރެއް ލިބިގެންދާނެކަމަށް މޯހަން ބުންޏެވެ.
މާޒިޔާގެ ކޯޗް މުހައްމަދު ނިޒާމްބުނީ މެޗުން ބަލިވީ ކުޅުންތެރިން މެޗަށް ދޭންޖެހޭވަރަށް ސަމާލުކަން ނުދެވިގެންކަމަށެވެ. މެޗްގެ ވަރަށް ކުރީކޮޅުގައި 2 ލަނޑު ޖެހުމުން ކުޅުންތެރިން މެޗް ފަސޭހަކޮށްލީކަމަށްވެސް ނިޒާމް ބުންޏެވެ. މެޗް ފަސޭހަކޮށްލުމާއެކު އީގަލްސްގެ ކުޅުންތެރިން އޭގެ ފައިދާ ނަގާ ތިންލަނޑުވެސް ޖެހީކަމަށާއި މިއީ މާޒިޔާގެ ކުޅުންތެރިންނަށް ލިބިގެންދިޔަ ވަރަށް ރަގަނޅު ފިލާވަޅެއްކަމަށްވެސް މާޒިޔާގެ ކޯޗު މުހައްމަދު ނިޒާމް ބުންޏެވެ.
މެޗްއަށް ފަހު އެފްއޭއެމްއިން ވަނީ 3 ޖަމިއްޔާއެއްކަމަށްވާ އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އާއި މޯލްޑިވްސް ބްލަޑް ޑޯނާސް އަދި ސްޕެޝިއަލް އޮލިމްޕިކްސް މޯލްޑިވްސްއަށް ފައިސާގެ އެހީ ދީފައެވެ.