ކުޅިވަރު

ކުޅިވަރާ ބެހޭ ގާނޫނަށް ހުށަަހަޅުއްވާ އިސްލާހުގެ ބަހުސްމަރުހަލާ ނިންމާ ކޮމެޓިއަށް


ކުރީގެ ސްޕޯޓްސް މިނިސްޓަރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ކުޅިވަރާ ބެހޭ ގާނޫނަށް ހުށަަހަޅުއްވާ އިސްލާހުގެ ބަހުސްމަރުހަލާ ނިންމާލައިފިއެވެ. މިބަހުސްމަރުހަލާ ނިންމާލިއިރު، ގިނަ މެންބަރުންވަނީ ކުޅިވަރު ގާނޫނަށް ހުށައެޅި އިސްލާޙުތަކަށް ތާއީދުކޮށް ވާހަކަދައްކާފައެވެ.

ކުޅިވަރުގެ ގާނޫންނަށް މެންބަރު ހަސަން ލަތީފް ހުށައެޅުއްވި އިސްލާޙުތަކަށް މަޖްލިހުގައި ތިން ދުވަހު ބަހުސް ކުރުމަށް މަހު ބިލް ކޮމެޓީއަށް ފޮނުވާލިއިރު، ކޮންމެ މެންބަރަކުވެސް ކުޅިވަރުގެ ގާނޫނަށް ގިނަ އިސްލާޙުތަކެއް ގެންގަންޖެހޭކަމަށް އެއްބަސްވެފައިވެއެވެ. އަދި ހާއްސަކޮށް ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް މިބިލްގެ މުހިންމުކަމުގެ މައްޗަށް މެންބަރުން ވާހަކަފުޅުދައްކާފައިވެއެވެ. ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު ވިދާޅުވީ ކުޅިވަރުގެ ގާނޫނަށް ހުށައަޅާފައިވާ އިސްލާޙުތަކުގެ ތެރެއިން އެންމެ ކަންބޮޑުވާ އިސްލާހަކީ ގައުމީ އެސޯސިއޭޝަންތަކުގެ އިންތިޚާބުގެ ކަން ކަން އިލެކްޝަން ކޮމިޝަނުން ކުރިއަށްގެންދާ އިސްލާޙެެވެ. މެންބަރު މުހުސިން ވިދާޅުވީ ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި އޮލިމްޕިކް ޗާޓާއި ހިލާފު ނުވާނަމަ މިއީ ވަރަށް ރަގަނޅުކަމެއްކަމަށެވެ. އަދި ސްޕޯޓްސް ކައުންސިލަށް ނޮން އޮލިމްޕިކް ކުޅިވަރުން މެންބަރުން އައްޔަން ކުރާނެ ގޮތެއް ކުޅިވަރުގެ ގާނޫނުގައި ލިޔެވިފައި އޮންނަން ޖެހޭކަމަށް މެންބަރު މުހުސިން ވިދާޅުވިއެވެ.

މިބިލުގެ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވީ ޖުމްލަކޮށް ކުޅިވަރުގެ ގާނޫނަށް ހުށައަޅުއްވާފައިވާ އިސްލާޙުތަށް ރަގަނޅުކަމަށާއި ގަނޫނަކުން ކަންތަށްތަ ކުރުމުގެ ބަދަލުގައި އެންމެ ފުރަތަމަ ބަދަލު ގެންނަންވީ އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދު ތަކަށްކަމަށެވެ. އަދި ރާއްޖެ ކުޅިވަރުން ސަސްޕެންޑްކުރާނެކަމަށް ދެކެވޭ ވާހަކަތަކަށްވެސް ހައްލެއް ހޯދޭނެކަމަށާއި މިއީ އެސޯސިއޭޝަންތަކުގެ ގަވާއިދު ތަކަށް ބަދަލު ގެނެސްގެންވެސް ކުރެވިދާނެކަމެއްކަމަށެވެ. އަދި ގާނޫނުން ވަކިކޮތަކަށް އިންތިޚާބުތަކަށް ބޭއްވުމަށް އެންގުމުން، އެއީ ނުފޫޒްކަމަށް ބަލާ އެސޯސިއޭޝަންތަށް ސަސްޕެންޑްކޮށްފާނެ ކަމުގެ ބިރު އޮތުންކަމަށްވެސް މެންބަރު ތޯރިގު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖްލިސްގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ޒަމާނާއި އެއްގޮތަށް ކުޅިވަރު ކުރިއަރުވަންޖެހޭކަމަށާއި ފިޔަފާރި އުސޫލުން ކުޅިވަރުތައް ކުރިއަރުވަންޖެހޭކަމަށެވެ. އަދި ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން އެސޯސިއޭޝަންތަކަށް ހަރަދު ކުރުމަކީ އެންމެ ރަގަނޅު ގޮތް ނޫންކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ކުރީގެ ސްޕޯޓްސް މިނިސްޓަރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ކުޅިވަރާ ބެހޭ ގާނޫނަށް ހުށަަހަޅުއްވާ އިސްލާހުގެ ތެރޭގައި ހުރި ބައެއް ކަންތައްތަކާ މެދު ގައުމީ 18 ކުޅިވަރު އެސޯސިއޭޝަނަކުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. އެންމެ ބޮޑަށް އެސޯސިއޭޝަންތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ އިންތިޚާބުތައް އިލެންޝަންސް ކޮމިޝަނުން ކުރިއަށްގެންދާ ގޮތަށް އޮތް އިސްލާޙަށެވެ.