އޮޑިޓް ރިޕޯޓްތައް ތަންފީޒު ކުރުމުގައި މިހާރަށް ވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަމަށް އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލް އޮފީހުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔތުގައި ވާހަކަދައްކަވަމުން އޮޑިޓަ ޖެނެރަލް ޙަސަން ޒިޔަތު ވިދާޅުވީ ކުރިއަށް އޮތް 4 އަހަރަށް އެކުލަވާލާ ސްޓްރެޓީޖިކް އެކްޝަން ޕްލޭނަކީ ހަރުދަނާ ގޮތެއްގައި މަސައްކަތް ކުރިއަށް ގެންދިއުމަށް އެކުލަވާލާފައިވާ ޕްލޭނެއްކަމަށެވެ.
ފާއިތުވެދިޔަ ދުވަސްތަކުގައި އެއޮފީހުގެ މަސައްކަތްތަކަށް އަލި އަޅުއްވާލައްވަމުން ޒިޔަތު ވިދާޅުވީ މިހާރު މަސައްކަތް ކުރެވެމުންދާގޮތުން ރައްޔިތުންގެ އިތުބާރު ލިބި އޮޑިޓް އޮފީހުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވިފައިވާކަމަށެވެ.
އޮޑިޓް އޮފީހުގެ އެންމެ މަތީ ޒިންމާއަކީ ރައްޔިތުންގެ މަސްލަޙަތާ ގުޅުންހުންނަ ކަންކަމާއި ދައުލަތުގެ އެންމެހައި ކަންކަން ހަރުދަނާ އުސޫލެއްގެ ތެރެއިން އޮޓިޓްކޮށް އެކައުންޓަބަލް ކުރުންކަމަށެވެ. މިމަސައްކަތުގައި ފާއިތުވެދިޔަ އަހަރެއްހައި ދުވަހުގެ ތެރޭގައިވެސް ނެރެވޭ ރިޕޯޓްތަކާއި، ކުރެވޭ އޮޑިޓްތައް އިތުރުވެ ހަރުދަނާ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އަދި މިހާރު މިއެކުލަވާލެވުނު ޕްލެއިންގެ އެންމެބޮޑު މަޤްސަދަކީވެސް ހަރުދަނާ ގޮތެއްގައި މަސައްކަތް ހަލުވި ކުރުންކަމަށެވެ.
"މިކަމުގައި އަޅުގަނޑުމެންގެ ގަސްތަކީ ދައުލަތުގެ މުދަލަށް ފާރަވެރިވެ، ވެރިން ޒިންމާދާރު ކުރެވި އިސްރާފާއި ފަސާދަ މަދުކުރުމާއި، ދެފުށް ފެންނަ ނިޒާމެއް ދައުލަތުގައި ގާއިމް ކުރެވި، މާލީ ކަންކަމުގައި ޤައުމުގެ މަސްލަހަތު ޙިމާޔަތް ކުރުން." އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.
އޮޑިޓަރ ޖެނެރަލް އޮފީހުގެ ސްޓެޓްރެޖިކް އެކްޝަން ޕްލެއިން އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއޔާތު ޝަރަފްވެރި ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުޤައްރިރު ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒެވެ. މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޝިޒު ވިދާޅުވީ އޮޑިޓަރ ޖެނެރަލް އޮފީހުން ފާއިތުވެދިޔަ ދުވަސްތަކުގައި މަސައްކަތް ކުރައްވާފައިވަނީ ވަރަށް އުދަގޫ ދަތި ހާލަތެއްގައި ކަމަށެވެ. މަސައްކަތުގެ މާހަލުގައި އެކަށީގެންވާ އޮފީހެއް ނެތުމާއި ބޭނުންވާ ވަރަށް މުވައްޒަފުން ނެތުމުގެ ކަންބޮޑުވުމަކީ ބެޖެޓް އެކުލަވާލި އިރުވެސް ލިބިގެންދިޔަ ކަންބޮޑުވުންތަކެއް ކަމަށް ނާޝިޒު ވިދާޅުވިއެވެ.
ނާޝިޒް ވިދާޅުވީ މިފެށޭ އަހަރުގެ ތެރޭގައި މިކަމަށް ހައްލެއް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށެވެ. އޮޑިޓް އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނާޝިޒު ވިދާޅުވީ ދައުލަތުގެ ކޮންމެ މަޤާމެއްގައި ހުންނަވާ ބޭފުޅަކުވެސް އަބަދުވެސް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ތިމާއަކީ ޒިންމާއެއް އޮތް، އަދި އެޒިންމާތަކުގެ މަސައްކަތް ކުރެވުނު ގޮތަށް ޖަވާބުދާރީ ވާންޖެހޭ މީހެއްކަމަށެވެ.
އަދި މިމަސްއޫލިއްޔަތުގެ ތެރެއިން ކޮންމެ ބޭފުޅަކުވެސް އެމީހަކާ ޙަވާލު ކުރެވިފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތު ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު ކުރުމަކީ ދައުލަތެއް ހަރުދަނާ ކަމާއިއެކު ހިންގުމަށް ލިބިގެންދާނެ އެންމެ ބޮޑު ކުރިއެރުންކަމަށެވެ.