ކުޅިވަރު

އަލީ އަޝްފާޤުގެ ޝުކުރު އޭނާގެ ސަޕޯޓަރުންނަށް


އޭއެފްސީ ބްރެކެޓް ޗެލެންޖް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް ދަގަނޑޭއަށް ކާމިޔާބުކޮށް ދިނުމުގައި ސްޕޯޓަރުން ކުރި މަސައްކަތަށް އަޝްފާގް ސަޕޯޓަރުންނަށް ފަށްފަށުން ޝުކުރު އަދާކޮށްފިއެވެ.

އޭއެފްސީ ބްރެކެޓް ޗެލެންޖަކީ އޭއެފްސީ ކަޕްގައި ކުލަބްތަކުން ޖަހާފައިވާ މޮޅު ގޯލް ހޮވުމަށް އޭއެފްސީއިން ކުރިއަށްގެންދިޔަ ޗެލެންޖެކެވެ. ބްރެކެޓް ޗެލެންޖްގެ ފައިނަލްގައި ދަގަނޑޭ ބަލިކޮށްފައިވަނީ ހޮން ކޮންގުގެ ޗަން ސިއު ކީއަރއެވެ. ބްރެކެޓް ޗެލެންޖްގައި ދަގަނޑޭގެ ގޯލްއަށް ހޮވިފައިވަނީ 2013ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި އިންޑޮނޭޝިޔާގެ ޕާސިބޯކޮޅަށް ޖެހި ސޯލޯ ގޯލެވެ. މިޗެލެންޖްގައި ޗަން ސިއު ޖެހި ގޯލްތަކުގެ ތެރެއިން ބްރެކެޓް ޗެލެންޖަށް ހޮވިފައިވަނީ ސައުތު ޗައިނާ އަށް ކުޅެމުން މެލޭޝިއާގެ ޕަހާންގް ކޮޅަށް ޖަހާފައިވާ ގޯލެވެ.

އޭއެފްސީ ބްރެކެޓް ޗެލެންޖްގެ ފައިނަލަށް ދަގަނޑޭ ގެންގޮސްދިނުމުގައި އޭނާގެ ސަޕޯޓަރުންގެ ހިއްސާވަރަށް ބޮޑެވެ. މިޗެލެންޖް ކާމިޔާބުކުރުމަށްފަހު، ދަގަނޑޭގެ ފޭސްބުކް ޕޭޖްގައި އޭނާ ބުނެފައިވަނީ އޭއެފްސީ ބްރެކެޓް ޗެލެންޖް ކާމިޔާބު ކުރުމަށް އޭނާއަށް ވޯޓު ލުމުގައާއި ވޯޓު އިތުރު ކޮށްދެއްވުމަށް އަގުހުރި ވަގުތު ހޭދަ ކުރެއްވި އެންމެހައި ސަޕޯޓަރުންނަށް ފަށްފަށުން ޝުކުރު އަދާކުރާކަމަށާއި
މިއީ ދިވެހިރާއްޖެ އާއި ދިވެހި ފުޓުބޯޅައަށް ލިބުނު ވަރަށް ރީތި ނަމެއްކަމަށެވެ. އަދި އާބާދީގެ ގޮތުން ބޮޑެތި ޤައުމުތައް ފަހަތަށް ޖައްސައިލުމަށްފަހު ދިވެހި ރައްޔިތުން މުޅި ދުނިޔެއަށް ސާބިތުކޮށްމިދިނީ ދިވެހިންނަކީ މީސްކޮޅު ކިތަންމެ މަދު ނަމަވެސް ޤައުމީ ކަންކަމުގައި ފަހަތަށް ޖެހޭނެ ބައެއް ނޫންކަންކަމަށް އަޝްފާގް އޭނާގެ ސްޕޯޓަރުންނަށް ލިޔެފައިވާ މެސެޖްގައި ބުނެފައިވެއެވެ.

އޭއެފްސީ ބްރެކެޓް ޗެލެންޖް ވޯޓުލުން ނިމުނުއިރު ދަގަނޑޭ އަށް 89.14 ޕަސެންޓް ވޯޓު ލިބުނުއިރު، ކީ އަށް ލިބުނީ 10.86 ޕަސެންޓް ވޯޓެވެ.

ދަގަނޑޭ އަކީ އޭއެފްސީ ކަޕުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަތް ވަނައިގައި އޮތް ކުޅުންތެރިޔާއެވެ. ޕާސިބޯއާއި ދެކޮޅަށް ދަގަނޑޭ ޖެހި މިގޯލްވަނީ އޭއެފްސީ ކަޕުގައި ޖަހާފައިވާ ސޯލޯ ގޯލްތަކުގެ ތެރެއިން އެންމެ މަގުބޫލު ގޯލަކަށް މިދިޔަ ޖޫން މަހު ވެސް ހޮވާފައެވެ.