ކުޅިވަރު

އެމްބީއޭގެ ރައީސްކަމަށް ވާދަނުކުރަން އަހުމަދު މަމްދޫހު ނިންމައިފި


ޒުވާން ޖީލަކަށް ފުރުސަތު ދިނުމުގެ ގޮތުން މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ އިންތިޚާބުގައި ވާދަނުކުރަން ނިންމާފައިވާކަމަށް އެސޯސިއޭޝަންގެ މިހާރުގެ ރައީސް އަހުމަދު މަމްދޫހު (މަންޑޭ) ވިދާޅުވެއްޖެއެވެ.

2016ވަނަ އަހަރު އެމްބީއޭއެމް ރައީސްކަމަށް ހޮވުނު މަމްދޫޙުގެ ދައުރު އަންނަ މަހަށް ހަމަވާއިރު، އެންމެ އަވަހަށް ބާއްވަން ހަމަޖެހިފައިވާ މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ އިންތިޚާބުގައި ވާދަނުކުރުއްވާނެކަމަށް މަމްދޫޙް ވަނީ ވިދާޅުވެފައެވެ.

ބާސްކެޓް ބޯލް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް މާޗްމަހުގައި މަސައްކަތް ކުރިނަމަވެސް، ކޮވިޑް19 އާއި ގުޅިގެން އަހަރީ އާންމު ޖަލްސާ ފަސްކުރުމަށްފަހު، އަންނަ މަހުގެ 12ވަނަ ދުވަހު އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް މިހާރު އެސޯސިއޭޝަނުންވަނީ ނިންމާފައެވެ.

އެމްބީއޭގެ ރައީސްކަމށް މަމްދޫހުގެ ހަވާލުވި ފަހުން ވަނީ ރާއްޖޭގައި 2017 ވަނަ އަހަރު ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ މުބާރާތް (ސާބާ ޗެމްޕިއަންޝިޕް) މާލޭގައި ބޭއްވުމުގެ އިތުރުން މިދިޔަ އަހަރު ފީބާގެ ތްރީއޮންތުރީ ބާސްކެޓްބޯޅަ މުބާރާތުގެ އޭޝިއާ ކޮލިފިކޭޝަނުގެ މެޗުތައް ބާއްވާފައިވޭ. އަދި މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްއިން ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމުވަނީ ލޯ މެޑަލް ހޯދާފައެވެ. މަމްދޫހުވަނީ ދެން އޮންނަ އިންތިހާބްގައި ވާދަނުކުރުމަށް ނިންމާ އެކަން އޭނާގެ ފޭސްބުކް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައެވެ. މަމްދޫހު ވިދާޅުވީ ފާއިތުވެގެންދިޔަ 4 އަހަރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަމަށާއި ދެން ބޭނުންވަނީ އާ ވިސްނުންތަކާއިއެކު ޒުވާން ޖީލަކަށް ފުރުސަތު ދޭންކަމަށް ބުނެފައެވެ.

ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ އިންތިޚާބް 2016 ވަނަ އަހަރު އޮކްޓޯބަރު މަހު ބާއްވާފައިވާއިރު، ރައީސްގެ މަގާމަށް ޢަބްދުﷲ ސިނާން ހޮވިވަޑައިގެންނެވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާވަނީ އިސްތިއުފާ ދެއްވާފައެވެ. އެއަށްފަހު ޑިސެންބަރު މަހު ބޭއްވި އިންތިޚާބު މަމްދޫހު ކާމިޔާބުކުރެއްވީ ވޯޓުލި 18 ކްލަބްގެ ތެރެއިން 17 ކްލަބްގެ ވޯޓު ހޯދައިގެންނެވެ.