ކުޅިވަރު

ފައުންޑޭޝަން ވެގެންދާނީ މުޖުތަމައަށް ޒުވާނުން ބިނާކުރާ އިންސްޓިޓިއުޝަނަކަށް - ބައްސާމް


އެފްއޭއެމްގެ ފައުންޑޭޝަން ވެގެންދާނީ މުޖުތަމައު އަށް ޒުވާނުން ބިނާކުރާ އިންސްޓިޓިއުޝަނެއްކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ބައްސާމް މިހެން ވިދާޅުވެފައިވަނީ އެފްއޭއެމްގެ ފައުންޑޭޝަން ހުޅުވުމުގެ ގޮތުން ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ބައްސާމް ވިދާޅުވީ މިއީ ދިވެހި ފުޓްބޯޅައިގެ ހަޔާތުގައި އެޅުނު ވަރަށް މުހިންމު ބިންގަލެއްކަމާއި މިއަދު ފުޓްބޯޅައަކީ ހަމައެކަނި ކުޅިވަރެއްނޫންކަމަށް ބައްސާމް ވިދާޅުވިއެވެ. އަދި މިއީ އިޖްތިމާއީ ގޮތުންވެސް ވަރަށް ގިނަ ކަން ކަން ކުރެވޭ ވަސީލަތެއްކަމަށާއި އެފްއޭއެމްގެ ފައުންޑޭޝަނާއެކު ފުޓްބޯޅައިން ބޭރުން ގިނަ ކަންތަށްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް ބައްސާމް ވިދާޅުވިއެވެ. މިފައުންޑޭޝަންގެ ގުޑްވިލް އެމްބެސެޑަރުންގެ ގޮތުގައި ހަމަޖައްސާފައިވާ ކުރީގެ ކުޅުންތެރިންނާއި މިހާރުގެ ކުޅުންތެރިންނާއެކު މުޅި ރާއްޖޭގައިވެސް މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ.

އެފްއޭއެމްގެ ރައީސްކަމަށް 2016ވަނަ އަހަރު ބައްސާމް އިންތިޚާބުވި އަހަރުގައި މިމަސައްކަތް ކުރުމަށް މަސައްކަތް ކުރިކަމަށާއި ނަމަވެސް މަސައްކަތް ދިގުލައިގެން ގޮސް، އެތަކެއް މަޝްވަރާތަކެއް ކުރުމަށްފަހު، ދެވަނަ ދައުރަކަށް އެފްއޭއެމްގެ ރައީސްކަމަށް ބައްސާމް ހޮވިތާ ހަތަރު މަސްފަހުން ފައުންޑޭޝަންވަނީ ވުޖޫދަށް ގެނެސްފައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ފައުންޑޭޝަންގެ ގުޑްވިލް އެމްބަސަޑަރުންގެ ގޮތުގައި ފުޓްބޯޅައިގެ މުހިއްމު ކުޅުންތެރިންތަކެއް ގުޅުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށާއި ޓީމެއްގައި ވަކި އަދަދަކަށް ކުޅުންތެރިން ތިބި ނަމަވެސް މި ފައުންޑޭޝަނާއި ވީހާވެސް ގިނަ ކުޅުންތެރިން ގުޅޭނެކަމަށް އުއްމީދު ކުރާކަމަށާއި ފައުންޑޭޝަން މެދުވެރިކޮށް މުޅި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ.

މިއީ ފީފާގެ ގޯލް ޕްރޮޖެކްޓްގެ ދަށުން 2025ވަނަ އަހަރުގެ ކުރިން ފީފާއިން ގައުމްތަކަށް ކުރުމަށް ވަރަށް ބޮޑަށް ބާރު އަޅަމުންދާ މަސައްކަތެކެވެ. މިރަސްމިއްޔާތުގައި ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފްގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޢަލީ އާއި އެފްއޭއެމްގެ އިސްވެރިންނާއި އެފްއޭއެމް ފައުންޑޭޝަންގެ ގުޑްވިލް އެމްބަސަޑަރުންގެ ގޮތުގައި ހަމަޖެއްސި ކުޅުންތެރިންގެ އިތުރުން ކުލަބުތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި.