މިހާރު ކުރިއަށްދާ އޭއެފްސީ ބްރެކްޓް ޗެލެންޖް ފައިނަލްގެ ވޯޓްލުން ފެށުމާއިއެކު ދިވެހިން ފޯރީގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ޢަލީ އަޝްފާގަށް ވޯޓް ހޯދައިދިނުމުގެ މަސައްކަތް ފަށައިފިއެވެ.
ބްރެކެޓް ޗެލެންޖްގެ ފައިނަލްގައި އަލީ އަޝްފާގް ވާދަކުރަނީ ހޮން ކޮންގުގެ ޗަންސިއު ކީއާއެވެ. ބްރެކެޓް ޗެލެންޖްގެ ފައިނަލަށް ދަގަނޑޭ ދަތުރުކޮށްފައިވަނީވެސް ދިވެހިގެ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުންކަން ފާހަގަކޮށްލެވެއެވެ. ޝޯޝަލް މީޑިޔާގައި ދިވެހިން ދަގަނޑޭއަށް ވޯޓް ހޯދުމަށް ރޭއާއި ދުވާލު މަސައްކަތްކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. ބްރެކެޓް ޗެލެންޖްގައި ދަގަނޑޭގެ ގޯލަކަށް ހޮވިފައިވަނީ 2013ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި ރަށުން ބޭރުގައި އިންޑޮނޭޝިޔާގެ ޕާސިބޯކޮޅަށް ޖެހި ލަނޑެވެ. މިމެޗްގައި ދަގަނޑޭވަނީ ފަސް ލަނޑު ޖަހާފައެވެ.
ހޮން ކޮންގުގެ ޗަންސިއު ކީއާ ޖެހި ގޯލްތަކުގެ ތެރެއިން ބްރެކެޓް ޗެލެންޖަށް ހޮވިފައިވަނީ ސައުތު ޗައިނާއާއި ކުޅުނު މެޗްގައި މެލޭޝިއާގެ ޕަހާންގް ކޮޅަށް ޖަހާފައިވާ ގޯލެވެ. ބްރެކެޓް ޗެލެންކް ފެށި ފަހުން ދަގަނޑޭ ވަނީ ކުވޭތު އެސްސީގެ ރޮޖެރީނިއޯ އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ ސޮހޭލް ރާނާގެ އިތުރުން ކުއާޓާ ފައިނަލުގައި ހަނޯއިގެ ގުޔެން ވެން ޔުޔެޓް އަދި ސެމީ ފައިނަލުގައި ވިއެޓްނާމްގެ ހަނޯއީގެ ގުޔެން ހުއާންގެ މައްޗަށް ކުރިހޯދައިފައެވެ.
ފައިނަލުގެ ވޯޓުލުން ފެށުމާއެކު ދަގަނޑޭގެ ސަޕޯޓަރުން ކުރި މަސައްކަތުން މިހާރު ވެސް ދަގަނޑޭ ވަނީ ލީޑެއް ނަގައިފައެވެ. ބްރެކެޓް ޗެލެންޖްގެ ފައިނަލްގެ ވޯޓްލުން މިހާރު ފެށިފައިވާއިރު، ވޯޓް ލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ މެންދުރު 1 ޖެހުމާ ހަމައަށެވެ.
ދަގަނޑޭ ފައިނަލާއި ހިސާބަށް ގެންގޮސް ދިނުމުގައި ސަޕޯޓަރުން މީގެ ކުރިން ކުރި މަސައްކަތަށް ދަގަނޑޭވަނީ ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފައެވެ. ފާސިބޯއާއި ދެކޮޅަށް ދަގަނޑޭ ޖެހި މިގޯލްވަނީ އޭއެފްސީ ކަޕުގައި ޖަހާފައިވާ ސޯލޯ ގޯލްތަކުގެ ތެރެއިން އެންމެ މަގުބޫލު ގޯލަކަށް މިދިޔަ ޖޫން މަހު ވެސް ހޮވާފައެވެ.