ޚަބަރު

"ޕްރައިވެޓް އައިލެންޑުން އެކުއިޒިޝަން ފީގެ ގޮތުގައި މަދުވެގެން 15 މިލިއަން ޑޮލަރު ލިބޭނެ"


އަންނަ އަހަރު ދައުލަތުގެ ޢާމދަނީ އިތުރުކުރުމަށް ހިމަނާފައިވާ ޕްރައިވެޓް އައިލެންޑް ތަރައްްޤީކޮށްގެން އެކްއިޒިޝަން ފީގެ ގޮތުގައި މަދުވެގެން 15 މިލިއަން ޑޮލަރު ލިބޭނެކަމަށް ލަފާކުރެވޭކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމަޢީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ދައުލަތުގެ ޢާމްދަނީ އިތުރުކުރުމަށް ޓޫރިޒަމްގެ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާހުތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޓޫރިޒަމްގެ ޤާނޫނަށް ސަރުކާރުން ހުށައަޅާފައިވަ އިޞްލާޙުތަކުގެ ތެރޭގައި ޕްރައިވެޓް އައިލެންޑް ތަރައްގީ ކޮށްގެން، ސެކަންޑް ހޯމްގެ ގޮތުގައި ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމަށް ވަނީ ހިމަނާފައެވެ. އަދި ގެސްޓްހައުސް ފަދަ ތަންތަނުން ހެޑް ލީސްގެ މުއްދަތަށް ކޮޓަރިތަކާއި ބިން ވިއްކައިގެންވެސް ޢާމްދަނީ އިތުރުކުރުމަށް ވަނީ ހިމަނާފައެވެ. ޖުމްލަ 20 އިޞްލާހެއް ހިމެނޭ މިބިލާ ގުޅޭގޮތުން މަޢުލޫމާތު ސާފްކުރެއްވުމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލާއި، ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވަނީ ޙާޒިރުވެވަައިގެންފައެވެ.

މުޅި މަޖިލީހުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވަނީ މިއިޞްލާހުތަކާއެކު ޓޫރިޒަމް ސިނާއަތަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ، އިޞްލާހުގައި ބުނެފައިވާ ޕްރައިވެޓް އައިލެންޑް ކޮންސެޕްޓް ސަރުކާރުން ހުށަހަޅާފައި ވަނީ، ދައުލަތުގެ ދަރަނި ބޮޑުވެ، ވިހާވެސް އަވަހަށް ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ ބޭނުމުގައިކަމަށެވެ. މިނިސްޓަރ ފައްޔާޟް ވިދާޅުވީ، ޕްރައިވެޓް އައިލެންޑް ކޮންސެޕްޓް ތަޢާރަފްކުރުމާއި ގުޅޭގޮތުން އެކަންކަން ކުރާ އިންވެސްޓަރުންނާއެކު ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން މަޝްވަރާކުރަމުން އަންނަކަަމަށެވެ. މިނިސްޓަރ ވިދާޅުވީ 3 ހެކްޓަރު ނުވަތަ 4 ހެކްޓަރުގެ ރަށެއް އުފައްދައިގެން މަދުވެގެން 15 މިލިއަން ޑޮލަރުގެ އެކްއިޒިޝަން ފީއެއް ލިބޭނެކަމަށެވެ. އެހެންކަމުން 20 ރަށް ދިގުމުއްދަތަށް ކުއްޔަށް ދޫކޮށްފިނަމަ ދަރަނި ކުޑަކުރުމަށް ބައިލައްކައެއްހައި ޑޮލަރު ލިބޭނެކަމަށް އުއްމީދު ކުރެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ދަރަނި ބޮޑުވާހަކަ އެންމެން މިފާހަގަކުރަނީ. އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި ރާއްޖޭގެ ޓޫރިޒަމް މިހާރުވެސް ކުރިއަށް އެބަދޭ. ޕްރައިވެޓް އައިލެންޑް ވަރަށް ބޮޑެތި މުއްސަނދިންނަށް، ޓޫރިޒަމްގެ ބޭނުމަކަށް ނޫން މިޤާނޫނުން މިދެނީ. އެމީހުންގެ އަމިއްލަ ބޭނުމަށް. ދެން ދުނިޔޭގެ ވަރަށް ގިނަ ތަންތާ ކުރާކަމެއް ވަރަށް ރަނގަޅު މޮޑެލެއްގައި ކުރެވޭކަމެއްމީ. އަޅުގަނޑުމެންނަށް ލަފާކުރެވެނީ ވަރަށް ލިމިޓެޑް އެޑިޝަންއެއްގެ ގޮތުގައި މަދު ރަށްކޮޅެއް އުފައްދައިގެން ފުދޭވަރެއްގެ ބޮޑު ރެވެނިއުއެއް އަޅުގަނޑުމެންނަށް ޖެނެރޭޓް ކުރެވޭނެކަމަށް." މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

ޕްރައިވެޓް އައިލެންޑް ކޮންސެޕްޓާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރ ޢަބްދުﷲ މައުސޫމް ވިދާޅުވީ، ޕްރައިވެޓް އައިލެންޑް ހެދުމަށް ދޫކުރާނީ މިހާރު ހުރި ރަށްތައް ނޫންކަމަށާ، އެއީ ފަޅުން ބައެއް ބޭނުންކޮށްގެން ހިންގޭ މަޝްރޫޢުއެއްކަަށެވެ. މިނިސްޓަރ މަޢުސޫމް ވެސް ވަނީ އެކަމުގެ ސަބަބުން ކޮންމެ އަހަރަކު ލޭންޑް ރެންޓްގެ ގޮތުގައި އެތަންތަނުން އާމްދަނީ ލިބޭނެކަމަށެވެ. އަދި އެކުއިޒިޝަން ފީއާއި، ވިޔަފާރި މުއާމަލާތްތަކުން ޓެކްސް ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޕްރައިވެޓް އައިލެންޑް، އެކަންތައް ކުރުމުގައިވެސް ދިވެހިރާއްޖޭގައި މިހާރު އުފެދިފައިވާ އެއްވެސް ރަށެއް ބޭނުންނުކޮށް އަޅުގަނޑުމެންގެ މިއޮއް %99.67 ކަނޑު، ފަޅުތަކުގެ ކޮންމެސް ބައެއް ބޭނުންކޮށްގެން ކުރިއަށް ގެންދާ މޮޑެލެއް އެއީ. އެއީ ސީދާ ފަތުރުވެރިކަމަށް ދޭ ރަށްރަށެއްނޫން. ލަގްޒަރީ ވިލާ އެއަރަށެއްގައި ހުރުމުގެ ބަދަލުގައި ޕްރައިވެޓް އައިލެންޑެއް ދޭނީ." މިނިސްޓަރ ޢަބްދުﷲ މައުސޫމް ވިދާޅުވިއެވެ.

ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ފަޅު ހިއްކައިގެން ތަރައްގީކުރާ ސަރަހައްދުތަކުން، ބިމު ކުލީގެ ގޮތުގައި އަކަ މީޓަރަކަށް އެއް ޑޮލަރު ލިބޭގޮތަށް އިޞްލާހުގައިވެއެވެ. ޓޫރިޒަމް ޤާނޫނަށް ހުށައަޅާފައިވާ އިޞްލާހަކި ކައުންސިލްތަކަށް އެރަށެއް ނުވަތަ އެސިޓީއެއްގެ ޓޫރިސްޓު ބިންތައް ކަނޑައެޅުމުގެ ބާރު ކައުންސިލްތަކަށް ދޭގޮތަށް ގެންނަ އިޞްލާހުތަކެކެވެ.