ކުޅިވަރު

އެފްއޭއެމްގެ ފައުންޑޭޝަން ބުރާސްފަތި ދުވަހު ލޯންޗު ކުރަނީ


އެފްއޭއެމްގެ ފައުންޑޭޝަން މިއަންނަ ބުރާސްފަތި ދުވަހު ލޯންޗް ކުރުމަށް ހަމަޖެހިފައިވާކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

އެފްއޭއެމް ފައުންޑޭޝަނަކީ ހިލޭ ސާބަހަށް މަސައްކަތް ކުރުމުގެ ގޮތުން އެފްއޭއެމްގެ ދަށުން އުފައްދާ ފައުންޑޭޝަނެކެވެ. އެފްއޭއެމްގެ ފަރާތުން ހިލޭ ސާބަހަށް ކުރާ މަސައްކަތް ނުވަތަ ޗެރިޓީ މަސައްކަތްތައް މީގެ ފަހުން ކުރިއަށްދާނީ މިފައުންޑޭޝަންގެ ދަށުންކަމަށްވެސް އެފްއޭއެމްއިން މަޢުލުމާތުދެއެވެ.

އެފްއޭއެމްގެ ހެޑް އޮފް އިންޓަރނޭޝަނަލް ރިލޭޝަންސް މަރިޔަމް އަންޖުމް ވިދާޅުވީ އެފްއޭއެމް ފައުންޑޭޝަނަކީ އޭއެފްސީގެ ވަރަށް ހާއްސަ އެހީއަކާއެކު ކުރިއަށް ގެންދާ ޕްރޮޖެކްޓެއްކަމަށެވެ. އަންޖުމް ވިދާޅުވީ މިފައުންޑޭޝަންގެ އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖޭގެ ފުޓްބޯޅަ ތަރައްގީކުރުމާއި ހިލޭ ސާބަހަށް އެފްއޭއެމްއިން ކުރަމުންދާ މަސައްކަތްތަށް އެއް ކުޑައެއްގެ ދަށަށް ބަދަލްކޮށް، މަސައްކަތްތަށް އިތުރަށް ފުޅާކުރުންކަމަށެވެ. އަދި ފުޓްބޯޅައިގެ ތެރެއިން ހިލޭ ސާބަހަށް ކުރެވިދާނެ މަސައްކަތްތަކާއި އިޖްތިމާޢީ ގޮތުން ކުރެވިދާނެ މަސައްކަތްތަށްވެސް މިފައުންޑޭޝަންގެ ދަށުން ކުރުމަށް ހަމަޖެހިފައިވާކަމަށް އަންޖުމް ވިދާޅުވިއެވެ. އެފްއޭއެމްގެ ފައުންޑޭޝަންގެ ޕްރޮގްރާމްތަށް ރޭވިފައިވަނި އ.ދގެ ސަސްޓެއިންނަބަލް ޑިވޮލޮޕްމެންޓް ގޯލް ޕްރޮޖެކްޓްގެ ދަށުން ފުޓްބޯޅައިގެ ތެރެއިން ހާސިލް ކުރުމަށް އަމާޒް ހިފައިގެންކަމަށާއި މިފައުންޑޭޝަންގެ ޕްރޮގްރާމްތަށް ރާވާފައިވަނީވެސް އެގޮތަށްކަމަށް އަންޖުމް ވިދާޅުވިއެވެ.

މިފައުންޑޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތާބެހޭގޮތުން އޭއެފްސީއާއެކު މަޝްވަރާ ކުރެވުމަށް ހަމަޖެހިފައިވާކަމަށާއި އަދި ފުޓްބޯޅައިގެ ކަލަޑަރެއް އެކުލަވާލުމަށް ނިންމާފައިވާކަމަށްވެސް އެފްއޭއެމްގެ ހެޑް އޮފް އިންޓަރނޭޝަނަލް ރިލޭޝަންސް މަރިޔަމް އަންޖުމް ވިދާޅުވިއެވެ. މިއީ ފީފާގެ ގޯލް ޕްރޮޖެކްޓްގެ ދަށުން 2025ވަނަ އަހަރުގެ ކުރިން ފީފާއިން ވަރަށް ބޮޑަށް ގައުމްތަކަށް ބާރު އަޅަމުންދާ މަސައްކަތެކެވެ.