ކުޅިވަރު

ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ މެއިން ސްޕޮންސަރަކަށް ފަތަހަ


ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ މެއިން ސްޕޮންސަރަކަށް ފަތަހަ ސްޓަރ ޕްރައިވެޑް ލިމިޓެޑް ހަމަޖައްސައިފިއެވެ.

ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ މެއިން ސްޕޮންސަރޝިޕް އެގްރީމެންޓްގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ފަރާތުން ސޮއިކުރީ އެކުލަބްގެ ރައީސް ޔޫސުފް އުމަރު އަދި ފަތަހަ ކުންފުނީގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ އެމްޑީ އަބޫބަކުރު އަބްދުﷲއެވެ. ސުޕަ ޔުނައިޓެޑް ސްޕޯޓްސް އާއި ފަތަހަ ކުންފުންޏާ ދެމެދުގައި ވެފައިވާ އެއްބަސްވުމަކީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމަށްފަހު ފަތަހަ ކުންފުނީގެ އެމްޑީ އަބޫބަކުރު އަބްދުﷲ ވިދާޅުވީ މިއީ ފަތަހަ ކުންފުނީގެ ތިން ހިއްސާދާރުންގެ ފަރާތުން ސުޕަ ޔުނައިޓެޑަށް ވެދެވުނު ދީލަތި އެހީއެއްކަމަށެވެ. އަދި ފަތަހަ ކުންފުންޏަކީ ވަރަށް ބޮޑަށް އާއިލާއެއް ގޮތަށް މަސައްކަތް ކުރާ ކުންފުންޏަކަށްވާތީ، އެކުންފުނީގެ ފަރާތުން ބޭނުންވަނީ އާއިލާއެއް ގޮތަށް ފުޓްބޯޅައަށް އެހީވާންކަމަށްވެސް ފަތަހަ ކުންފުނީގެ އެމްޑީ ވިދާޅުވިއެވެ. ފަތަހަ ކުންފުނީގެ އެމްޑީ އަބޫބަކުރު އަބްދުﷲ އިތުރަށް ވިދާޅުވީ އެކިއެކި ކުންފުނިތަކުން ކުޅިވަރު ކުރިއެރުވުމަށް މީގެ ކުރިން ވެސް އަދި މިހާރުވެސް ކުރައްވަމުންގެންދަވާ މަސައްކަތަށް އެކުންފުނިތަކަށް ޝުކުރު އަދާކުރާކަމަށާއި އަދި ކުލަބުތައް ކުރިއަރާނީވެސް ކުންފުނިތަކުގެ ދީލަތި އެހީތެރިކަމާއެކުކަމަށް ވިދާޅުވެފައެވެ.

އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އެޓީމުވަނީ ޓީސީ ސްޕޯޓްސް ކްލަބުގެ ކެޕްޓަން އަހުމަދު ފައްރާހު (ފައްރަ) އާއި ޔުނައިޓެޑް ވިކްޓްރީގެ ކެޕްޓަން ބޭންޑް އަޅައިގެން މިދިޔަ ސީޒަނުގައި ގިނަ މެޗުތަކެއް ކުޅުނު އަހުމަދު ޝާފީ އާއި ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކެއްގެ ކެޕްޓަންކަން ކޮށްފައިވާ އަބްދުﷲ ހަނީފް ޓީމަ ގެނެސްފައެވެ. މިދިޔަ އަހަރު ދެ ވަނަ ޑިވިޝަންގެ ރަނަރަޕްގެ ގޮތުގައި ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ސަސް ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި ޑިސެންބަރު މަހުގެ 13 ވަނަ ދުވަހުގެރޭ ނިކުންނާނީ މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ރަނަރަޕް ޓީމް ކަމަށްވާ ކްލަބް އީގަލްސްއާ ދެކޮޅަށް.