ސަރުކާރުގެ އަމާޒަކީ ކޮންމެ ކުއްޖަކަށް ވެސް ރައްކާތެރި މާޙައުލެއް ކަށަވަރުކޮށްދީ، އަމިއްލަޔަށް އިސްނަގައިގެން ދިރިއުޅެވޭނެ ފަދަ އުޖާލާ މުސްތަޤުބަލެއް ހޯދައިދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖެއްގައި ނާއިބު ރައީސްވަނީ އުޖާލާ މުސްތަޤުބަލެއް ހޯދައިދިނުމުގެ އަމާޒު ކާމިޔާބުކުރެވޭނީ ދަޢުލަތުގެ ހުރިހާ އިދާރާއަކާއި، މުޖުތަމަޢުގެ ހުރިހާ ފަރުދުންގެ އެހީތެރިކަމާއެކުގައި ކަމަށެވެ.
ނާއިބު ރައީސްގެ މެސެޖްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު ތަސްދީޤުކުރެއްވީ ކުޑަކުދިންނަކީ އަމިއްލަ ޙައްޤުތަކުގެ ދިފާޢުގައި ނުވަތަ އަމިއްލަ ނަފްސުގެ ރައްކާތެރިކަން ހޯދުމަށް ބަސްބުނެވޭ ފަދަ މަޤާމެއްގައި ތިބި ބައެއް ނޫން ކަމުގައި ވާތީ، ކުޑަކުދިންނަށް އެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ މަގު ކޮށައިދިނުމުގެ ގޮތުންކަމުގައި ވިދާޅުވިއެވެ.
އަދި، ސަރުކާރާއި ދަޢުލަތުގެ ބާރުތަކުން އިސްނަގައިގެން އެ ކުދިންގެ ޙައްޤުތަކުގެ ދިފާޢުގައި ބަސްބުނެ، އެ ކުދިންގެ އަބުރަށާއި ކަރާމާތައް އުނިކަމެއް އައުން ނުވަތަ އެ ކުދިންގެ ދުޅަހެޔޮކަމަށް ގެއްލުމެއް ވެދާނެކަމަށް ހުޝިޔާރުވެ ސަމާލުވާން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާތީކަމަށްވެސް ނާއިބުރައީސް ވިދާޅުވިއެވެ.
ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކުރުމުގެ ޤާނޫނުތައް ވުޖޫދަށް އައުމަށްފަހު ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ރާއްޖޭގައި ކުރެވޭ މަސައްކަތްތަކަށް މި ވަނީ ހަރުދަނާ އޮނިގަނޑެއް ލިބިފައިކަން ފާހަގަކުރައްވައި ނާއިބު ރައީސްވަނީ އައު ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ މައިގަނޑު މަސްދަރުތަކާއި، އަސާސްތަށް ވަނީ ކުޑަކުދިންގެ ދުޅަހެޔޮކަމާއި އެ ކުދިންގެ ޙައްޤުތައް ރައްކާތެރިކުރެވޭނެކަން ކަށަވަރުކޮށްދީފައި ކަމުގައި ވިދާޅުވެފައެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ދާއިރާއިން މިއަދުވެސް ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަކަން ފާހަގަކުރައްވަމުން ނާއިބުރައީސް ވިދާޅުވީ ފަހުގެ ތާރީޚަށް ބެލިކަމުގައިވިޔަސް ވަރަށް ގިނައިން ނޫސްތަކުގެ ސުރުޚީތަކުން ކުޑަކުދިންގެ ޙައްޤުތައް ނިގުޅައިގަނެ އެ ކުދިންގެ ކަރާމާތައް އަރައިގަތުމާގުޅޭ ހިތާމަވެރި ހާދިސާތަކުގެ ވާހަކަ އިވެމުންދާކަމަށާއި، މިއީ ކުރިމަތިލާން ޖެހިފައިވާ ހަޑިމުޑުދާރު ހަޤީޤަތެއްކަމުގައެވެ.
އެހެންކަމުން މިފަދަ ކަންކަމާއި މެދު ޒުވާނުން ފިކުރުކޮށް އެންމެން އެކަތިގަނޑެއްގެ ގޮތުގައި މި ކަންކަން ހައްލުކުރުމަށް މަސައްކަތްކުރުމާއި ދޭތެރޭ ވިސްނަންވެއްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.