ޗީފް އޮފް ޕްރޮޓްކޯލްގެ މަޤާމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ ގ. ޕެންޒީމާގެ ޢާއިޝަތު ޝާން ޝާކިރުއެވެ. ޗީފް އޮފް ޕްރޮޓޮކޯލްއަކީ ދައުލަތުގެ ޕްރޮޓްކޯލް ޑިޕާޓްމަންޓް އިސްކޮށް ބަލަހައްޓަވާ އޮފިޝަލެވެ. އޭގެ ތެރޭގައި ރާއްޖެއާ ރާއްޖެއިން ބޭރުގައި ބާއްވާ ހަފްލާތަކާއި ބައްދަލުވުންތަކުގެ ސަލާމަތީއަދި ލޮޖިސްޓިކްސް ކަންކަން ބަލަހައްޓަވާ ފަރާތެވެ. އަދި އެމަޤާމަކީ މިހާރު މިނިސްޓަރުގެ ނައިބުން ފެންވަރުގެ މަޤާމެކެވެ.
އައު ޗީފް އޮފް ޕްރޮޓޮކޯލް ޢާއިޝަތު ޝާން ޝާކިރު މިއަދާ ހަމައަށް ހުންނެވީ ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުގައެވެ. އަދި އެ ކަމަނާ މީގެ ކުރިން ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ޖޮއިންޓް ސެކްރެޓަރީގެ މަޤާމާއި، މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަޤާމާއި، ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރގެ މަޤާމުގެ އިތުރުން ވެސް، އެ މިނިސްޓްރީގެ އެހެނިހެން އިސް މަޤާމުތައް ފުރުއްވާފައެވެ.
އެންމެފަހުން ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމުގައި ހުންނެވި އިބްރާހީމް ޝަހީބު މިއަދުވަނީ ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ޢައްޔަންކުރައްވާފައެވެ.