ކޯވިޑް-19 ޖެހިގެން ފަރުވާދެމުންދިޔަ އިތުރު ދިވެއްސަކު ނިޔާވެ، ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދު 43އަށް އަރައިފިއެވެ.
އެޗްޕީއޭއިން ވިދާޅުވީ މިއަދު 10:50ގައި ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުންދިޔަ 79 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މިހާތަނަށް ރާއްޖެއިން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 35 ދިވެހިންނާއި 8 ބިދޭސީންނެވެ. ރާއްޖެއިން މިބަލީގައި އެންމެ ފަހުން ނިޔާވެފައި ވަނީ އިއްޔެގައެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 57 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު 12,154އަށް އަރާފައުވާއިރު މިހާރުވެސް 48 މީހަކަށް އެޑްމިޓްކޮށްގެންދަނީ ފަރުވާދެމުންނެވެ. އަދި ބަލި ޖެހިގެން 800 އަށްވުރެ ގިނަ މީހުންނަށް ދަނީ ފަރުވާދެމުންނެވެ.