ވިޔަފާރި

ސިއްޙީ ނިޒާމަށް ގެންނަމުންދާ ބަދަލުތަކުގެ ފައިދާ މުސްތަގުބަލުގައި ފަތުރުވެރިކަމަށް ކުރާނެ - ޑރ މައުސޫމް


ކޯވިޑް-19ގެ މިނާޒުކު ދަނޑިވަޅުގައި ރާއްޖޭގެ ސިއްޙީ ނިޒާމަށް ގެންނަމުންދާ ބަދަލުތަކުގެ ފައިދާ މުސްތަގުބަލުގައި ފަތުރުވެރިކަމަށް ކުރާނެކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ބ.އަތޮޅުގައި ހިންގާ ދެރިސޯޓްކަމަށްވާ ނޯޓިލަސް މޯލްޑިވްސް އާއި މިލައިދޫ ރިސޯޓުގެ އެހީތެރިކަމާއެކު ދަރަވަންދޫ ސިއްޙީ މަރުކަޒުގައި ޕީ.ސީ.އާރު ޓެސްޓް ހެދުމަށް ޤާއިމްކުރި ލެބޯރެޓަރީ ހުޅުމުވަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ ވިދާޅުވީ، ބ އަތޮޅަކީ ރާއްޖޭގެ ނިސްބަތުން ފަތުރުވެރިކަމުގެ ސިނާއަތުގައި ކުރިއަރާފައިވާ އަތޮޅެއްކަމަށާ، އެއަތޮޅުގައި ކޯވިޑް-19 އަށް ޓެސްޓް ހެދޭނެ ފަސޭހަ ގޮތްތަކެއް މެދުވެރިވެގެން ދިއުމުން އެއަތޮޅުގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މިހާތަނަށް އައިއިރު ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ގިނަ ގޮންޖެހުންތަކެއް ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވި ކަމަށާއި، އެހުރިހާކަމަކާއެކުވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދުނިޔޭގެ އެހެން ގައުމުތަކަށްވުރެ ކުރި އަރާފައިވާކަމަށެވެ.

"އިންޑަސްޓްރީއާ ގުޅުންހުރި ކަންކަމުގައި ރައްޔިތުންނަށް ފައިދާ ކުރުވަނިވި ގޮތަކަށް ކަންކަން ބައްޓަންކޮށް ރަށްރަށާއި އަދި އަތޮޅުތައް ކުރިއަރުވަން މިދާއިރާގައި އުޅުއްވާ ފަރާތަކުން މަސައްކަތް ކުރައްވަން ޖެހޭ. ކޯވިޑްގެ މިނާޒުކު ހާލަތުގައި ރާއްޖޭގެ ސިއްޙީ ނިޒާމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކުރިމަގުގައި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށާ، ވަކިން ޚާއްސަކޮށް ރާއްޖޭގެ އިޤްތިޞާދުގެ ބޮޑު ބައެއް ހިއްސާކުރާ ފަތުރުވެރިކަމަށް އޭގެ ފައިދާ މުސްތަގުބަލުގައި ކުރާނެ" ޓުއަރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވިއެވެ.

ދެރިސޯޓެއްގެ އެހީތެރިކަމާއެކު ދަރަވަންދޫގައި ކޯވިޑް 19 އަށް ޓެސްޓް ކުރުމަށް ޚާއްސަކޮށްގެން ލެބޯޓަރީއެއް ޤާއިމްކުރެވިގެން ދިއުމަކީ އުފާކުރައްވާކަމެއްކަން ފާހަގަކުރައްވަމުން މިކަމުގައި އެހީތެރިވެދިން ހުރިހާފަރާތްތަކަށް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމްވަނީ ޝުކުރު އަދާކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ، 2021 ވަނަ އަހަރާ ކުރިމަތިލާނީ ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަނެ، ހިނިތުންވުމާއެކުކަމަށެވެ.

"މިހާރު ރިސޯޓްތަކާ ގެސްޓް ހައުސްތައް ހުޅުވައިގެން ކުރިއަށްގެންދަނީ ވަރަށް ދަށް އޮކިއުޕަންސީއެއްގައި. އެއީ ތިޔަބޭފުޅުންވާ ޤުރުބާނީއެއް. ބަލިމަޑުކަމާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުން ތިބީ ވަރަށް ހާލުގަ. އެހެން ނަމަވެސް ސަރުކާރުން ރާއްޖޭގެ ބޯޑަރ ޖުލައި މަހު ހުޅުވާލުމާ ގުޅިގެން މަޑުމަޑުން މިސިނާއަތް ކުރިއަރަމުން ދާތަން ފެންނަމުން މިދަނީ" ޓުއަރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވިއެވެ.

ކޯވިޑް-19 އާ ގުޅިގެން ބަންދުކުރުމަށް ފަހު ރާއްޖޭގެ ބޯޑަރ ހުޅުވާފައިވަނީ، ޖުލައި މަހުގެ 15 ވަނަދުވަހުއެވެ. މިދުވަހުން ފެށިގެން މިހާތަނަށް 45،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ދަރަވަންދޫއަކީ ރާއްޖޭގައި އެންމެ ގިނައިން ފްލައިޓް ދަތުރު ކުރާ ޑޮމެސްޓިކް އެއަރޕޯޓެވެ. ކޯވިޑް-19ގެ ބަލިމަޑުކަމުގެ ކުރިން އެ އެއަރޕޯޓަށް ދުވާލަކު މަދުވެގެން 10 ފްލައިޓް ޖައްސައެވެ. އަދި ފަތުރު ވެރިކަމުގެ ސީޒަންގައި 17 ފްލައިޓްވެސްް ދުވާލެއްގެ މައްޗަށް ދަތުރުކޮށްފައިވެއެވެ.