ޚަބަރު

ޞިއްޙީ ނިޒާމް ކުރިއެރުވޭނީ ޕްރައިވެޓް ސެކްޓަރތަކުގެ އެއްބާރުލުން ލިބިގެން : ހެލްތު މިނިސްޓަރ


ރާއްޖޭގެ ޞިއްޙީ ނިޒާމް ކުރިއެރުވޭނީ ޕްރައިވެޓް ސެކްޓަރތަކުގެ އެއްބާރުލުން ލިބިގެން ކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ޕީސީއާރް ޓެސްޓް ހެދުމަށް ދަރަވަންދޫގައި ޞިއްޙީ މަރުކަޒުގައި ޤާއިމް ކުރި ލެބޯރެޓަރީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ އަޙްމަދު ނަސީމްވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެވޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ރައްޔިތުން ޤަބޫލްކުރާ އަދި އިތުބާރުކުރާވަރުގެ ޚިދުމަތެއް ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މިކަންކަން ކުރުމުގައި ކައުންސިލްތަކާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖޭގެ ޞިއްޙީ ނިޒާމަކީ ރައްޔިތުން ބަލައިގަންނަ އަދި އިތުބާރުކުރާވަރުގެ ޚިދުމަތަކަށް ހަދާނަން، ރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙްގެ ވައުދުފުޅާ އެއްގޮތަށް މިކަން ކުރާނީ، އަދި އާބާދީ ކުޑައެއް ބޮޑެއް ބެލުމެއް ނެތި ހަމަހަމަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެކަމުގެ ޔަޤީކަން ފެންނަމުން މިދަނީ، މިކަންކަން ކުރުމުގައި ސަރުކާރަށް އެއްބާރުލުން ދެއްވައިފިނަމަ މިކަންކަން ކުރާކަށް އެއްވެސް ދައްޗެއްނެތް." ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވިއެވެ.

ކޯވިޑް 19ގެ ބަލިމަޑުކަމުގެ ދުވަސްވަރު ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންވެސް ފުރާނަ ނުރައްކަލަށް ލައިގެން ކުރައްވަމުން ގެންދަވަނީ، ޒިންމާދާރު މަސައްކަތެއްކަން ފާހަގަކޮށް އެފަރާތްތަކަށް ހެލްތު މިނިސްޓަރވަނީ ޝުކުރު އަދާކުރައްވާފައެވެ. ދަރަވަންދޫގައި ޕީސީއާރު ހެދުމަށް ޤާއިމް ކުރި ލެބޯރެޓަރީއަކީ ބ.އަތޮޅުގެ ދެރިސޯޓަކުން އެރަށު ކައުންސިލާ ގުޅިގެން ޤާއިމްކުރި ލެބޯރެޓަރީއެކެވެ. މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި މަސައްކަތް ކުރާ ޕްރައިވެޓް ސެކްޓަރތަކުގެ އެހީތެރިކަމާއެކު އަތޮޅު ތަކުގައި މިފަދަ ޚިދުމަތްތައް ފޯރުކޮށްދެވޭނަމަ ޞިއްޙީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެ، ޞިއްޙީ ޚިދުމަތް ހޯދުމަށް ކުރާ ހޭދަކުޑަވެގެން ދާނެކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

ދަރަވަންދޫ ސިއްޙީ މަރުކަޒުގައި ކޯވިޑް-19އަށް ޓެސްޓް ހެދޭނެ ޚިދުމަތް ދޭން ފެށުމުން އެއަތޮޅުގެ ދެތަނަކުން ކޯވިޑް-19އަށް ޓެސްޓްހެދޭނެއެވެ. އެއީ ދަރަވަންދޫ ސިއްޙީ މަރުކަޒާއި ބ.އަތޮޅު ހޮސްޕިޓަލެވެ.