ކުޅިވަރު

އިންޓަރ މިލާންގެ މައްޗަށް ރިއާލް މެޑްރިޑް ކުރި ހޯދުން


އިންޓަރ މިލާންގެ މައްޗަށް ކުރި ހޯދާ ރެއާލް މެޑްރިޑް ހަމަ ނޭވާއެއް ލައިފިއެވެ.

ޔުއެފްއާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީގައި ރޭ އިންޓަމިލާނާއި ދެކޮޅަށް ނިކުތްއިރު މެޑްރިޑް އޮތީ ކުޅުނު ދެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު ގްރޫޕުގެ ފުލުގައެވެ. ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އިޓަމިލާން ފުލަށް ޖައްސާލުމަށްފަހު ރެއާލް މިހާރު ވަނީ ގްރޫޕްގެ ތިން ވަނައަށް ޖެހިލާފައެވެ.
ރޭގެ މެޗު ރެއާލް ކާމިޔާބުކުރީ ތިނެއް ދޭކުންނެވެ. މިމެޗުގެ ފުރަތަމަ ދެ ލަނޑުވެސް ކާމިޔާބުކުރީ ރެއާލް މެޑްރިޑުންނެވެ. ފުރަތަމަ ލަނޑު ބެންޒެމާ ކާމިޔާބުކޮށްދިންއިރު ދެވަނަ ލަނޑު ޖަހައިދިނީ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ. މިލަނޑަކީ ތަޖްރިބާކާރު ޑިފެންޑަރު ރެއާލް މެޑްރިޑަށް ކާމިޔާބުކޮށްދިން ސަތޭކަ ވަނަ ލަނޑެވެ.

ރެއާލްއިން ދެލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް އިންޓަރއިން ވަނީ ފަހަތުން އަރާ މެޗުގެ ނަތީޖާ ހަމަ ހަމަކޮށްފައެވެ. އިންޓަރގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ލައުތާރޯ މާޓިނޭޒާއި އިވާން ޕެރެސިޗްއެވެ.
ރެއާލް މެޗުން މޮޅުކޮށްދިން ލަނޑު އެޓީމާށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ޒުވާން ފޯވާޑް ރޮޑްރިގޯއެވެ.