ކުޅިވަރު

ޔުނައިޓަޑް ވިކްޓްރީން ފަރިތަކުރުންތައް ފަށައިފި


ޔުނައިޓަޑް ވިކްޓްރީގެ މިއަހަރުގެ ޓާގެޓަކީ ގަދަ 4ގެ ތެރޭގައި ހިމެނުންކަމަށް ޔުނައިޓަޑް ވިކްޓްރީގެ ކޯޗް މުހައްމަދު އާދަމް ބުނެފިއެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޔުނައިޓަޑް ވިކްޓްރީއިން ފަރިތަކުރުންތައް ފަށާފައިވަނީ އިއްޔެގައެވެ. ތަޖްރިބާކާރު ކުޅުންތެރިންގެ ތެރޭގައި އަހުމަދު ރަޝީދު، އިސްމާޢީލް އީސާ، މުހައްމަދު އާރިފްގެ އިތުރުން ފަރުހާދު އިސްމާޢީލްވެސްވަނީ ޔޫވީއާ ގުޅިފައެވެ. ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ފެށުމަށްފަހު މުހައްމަދު އާދަމް ބުނީ މިއަހަރުގެ ސީޒަނަށް ޔޫވީގެ މެނޭޖްމަންޓުންވަނީ އެވްރެޖަށްވުރެ ވެސް ރަގަނޅު ޓީމެއް އެކުލަވާލާފައިވާކަމަށާއި، މިޓީމުގެ ތެރެއަށް ބިދޭސީ ހަތަރު ކުޅުންތެރިން ގުޅުނީމަ ޓީމު އިތުރަށް ވަރުގަދަވާނެކަމަށްވެސް މުހައްމަދު އާދަމް ބުންޏެވެ. ކޯވިޑާ ގުޅިގެން އެއްވެސް ޓީމަކަށް އެންމެ އެކަށީގެންވާ ވަގުތެއް ފަރިތަކުރަން ލިބިފައެއް ނުވޭ.

އެޗްޕީއޭއިން ހުއްދަދީގެން ޓީމުތަކުން ފަރިތަކުރުންތަށް ފަށާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ލިބިފައިވާ ވަގުތާބެހޭގޮތުން ވާހަކަދައްކަމުން ޔޫވީގެ ކޯޗް މުހައްމަދު އާދަމް ބުނީ މިއަހަރުގެ ސީޒަނަށް ތައްޔާރުވުމަށް އެއްވެސް ޓީމަކަށް އެންމެ އެކަށީގެންވާ ވަގުތު ލިބިފައިނުވާކަމަށާއި ނަމަވެސް މިހާރު ލިބިފައިވާ ވަގުތުގެ ބޭނުން ހިފައިގެން ރަގަނޅު ޓީމެއް ބިނާކުރުމުގެ މަސައްކަތް ކުރާނެކަމަށެވެ. އަދި އުއްމީދަކީ މިހާތަނަށް ޔޫވީގެ ފަރާތުން ނުފެންނަ ވަރުގެ ކުޅުމެއް ދައްކާލުންކަމަށްވެސް ޔޫވީގެ ކޯޗް މުހައްމަދު އާދަމް ބުންޏެވެ.

"އުއްމީދަކީ ގަދަ 4ރަކަށް އެރުން. މިއީ މިވަގުތު ޓާގެޓަކީ. ޔޫވީގެ ފަރާތުން ތަފާތު ކުޅުމެއް ދައްކާލުން. އެއީ މިފަހަރު ވަރަށް ބޮޑަށް މަސައްކަތް ކުރާނެކަމެއް. މިފަހަރުގެ ޓީމްގެ ޔޫތް ކުޅުންތެރިންނަށް ބެލިކަމަށް ވީނަމަވެސް ވަރަށް ވަރުގަދަވާނެ. މިދިޔަ އަހަރު ޔޫވީގެ ޒުވާން ކުޅުންތެރިން އެހެން ޓީމުތަކަށްގޮސް ވަނީ ރަގަނޅު ކުޅުމެއްދައްކާފަ. އެހެންވީމަ އެކުޅުންތެރިންވެސް މިހާރު ކުރިއަށް ވުރެއް ތަޖްރިބާ ހުންނާނެކަމަށް މިބަލަނީ. އަދި ޓީމަށް އިތުރު ފުރިހަމަކަމެއް މި ލިބިގެންދިޔައީ ބަކާ، ފަރޭ، އައްމަޓޭ އަދި އީސަ ޓީމްއާއި ގުޅުމުން. އަދި މިހާރުވެސް އަތޮޅު ތެރޭގައި ދެތިން ކުޅުންތެރިން އެބަތިބި މޮނިޓަރިންގެ ހާލަތުގައި ނާދެވިފަ. ދިވެހި ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންނާއެކު ރަގަނޅު ޓީމެއް ޔޫވީގައި އޮންނާނެ." މުހައްމަދު އާދަމް ބުންޏެވެ.

ޔޫވީގެ ކޯޗް މުހައްމަދު އާދަމްބުނީ މިހާލަތުގައި ރަގަނޅު ޓީމެއް ބިނާ ކުރެވޭނީ ގިނަ ބައެއްގެ މަސައްކަތުންކަމަށާއި އެގޮތުން އީގަލްސްގެ ކުރީގެ ކޯޗް އިހުސާން އަބްދުލް ޢަނީ އާއި ތަޖްރިބާކާރު ގޯލް ކީޕަރު އިސްމާޢީލް ޒަރިޔަންދުގެ އެހީތެރިކަންވެސް ވަރަށް ބޮޑަށް ލިބިގެންދާކަމަށެވެ. އަދި ނުވަ މަސްދުވަސް ވަންދެން އެއްވެސް ވަރަކަށް ނުކުޅެތިބި ކުޅުންތެރިންތަކެއް ދެތިން މަސްދުވަހުގެ ތެރޭގައި ފިޓް ކުރުމަކީ ވަރަށް ޗެލެންޖިންކަމެއްކަމަށްވެސް މުހައްމަދު އާދަމް ބުންޏެވެ.