މިއަހަރުގެ އޭޕްރިލްމަހު ބާއްވަން ހަމަޖައްސާފައި އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން އިތުރު 3 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފިއެވެ.
އޭޕްރިލްމަހުގެ 06ވަނަ ދުވަހަށް ތާވަލްކުރި އިންތިޚާބު ކޯވިޑް-19 އާ ގުޅިގެން ވަނީ ފަސްކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ވިދާޅުވީ އަންނަ އަހަރުގެ ރޯދަމަހުގެ ކުރިން މާރިޗުމަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް މަޝްވަރާކުރަމުން އަންނަކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ނަން އަނބުރާ ގެންދިޔުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 49 ކެނޑިޑޭޓަކު ނަން ނަގާފައިވާކަމަށެވެ. މިހާތަނަށް ޕާޓީތަކުން އެންމެ ގިނައިން ނަން އަނބުރާ ގެންގޮސްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އެ ޕާޓީގެ 16 ކެންޑިޑޭޓަކު، ޕީޕީއެމުން ކުރިމަތިލި7 ކެންޑިޑޭޓަކު އަދި ޖޭޕީގެ 6 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރުމަށް ފޯމު ހުށަހެޅި 20 ކެންޑިޑޭޓަކު ވެސް، ވަނީ ނަން ނަގާފައެވެ.
- ރ.މަޑުއްވަރީ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮޑިއަށް ކުރިމަތިލެއްވި، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް، އިލްހާމާ ޢީސާ، މީނާޒު / ރ.މަޑުއްވަރި
- ހދ.ހިރިމަރަދޫ ކައުންސިލްގެއަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮޑިއަށް ކުރިމަތިލެއްވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކެންޑިޑޭޓް، މަރްޔަމް ޘަމްރާ، މަބުސްތާނުގެ / ހދ.ހިރިމަރަދޫ
- ދ.ހުޅުދެލީ ކައުންސިލްގެއަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮޑިއަށް ކުރިމަތިލެއްވި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް، ޢާއިޝަތު ނާފިޡާ، ގުލޭނޫރަންމާގެ / ދ.ހުޅުދެލި
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބަށް ޖުމްލަ 2434 މީހުންވަނީ ކުރިމަތިލާފައެވެ. ކައުންސިލްތަކަށް އިންތިޚާބުކުރަން ޖެހޭނީ 980 ކައުންސިލަރުންނެވެ.
ކޯވިޑް ބަލިމަޑުކަމުގެ ސަބަބުން ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ވަނީ ތަސްދީޤްކުރައްވާފައެވެ.
އިންތިޚާބާގުޅޭ ކަންކަން ކުރިއަށްގެންދިޔުން އެންމެ ރަނގަޅުކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން ކަނޑައަޅާތާ ހަތް ދުވަހުގެ ތެރޭގައި، އިންތިޚާބާގުޅޭ މަސައްކަތްތައް ރަސްމީކޮށް ފަށާނެ ތާރީޚަކާއި އިންތިޚާބު އަލުން ބާއްވާނެ ތާރީޚެއް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކުރަންވާނެކަމަށްވެސް މިޤާނޫނުގައި ބަޔާންކޮށްފައިވެެއެވެ.
މީގެ އިތުރުން އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ލިސްޓަށް ބަދަލެއް ނުގެނެވޭނެކަމަށާއި އިންތިޚާބުގައި ވާދަކުރާ ސިވިލް ސާރވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވާލުމާއެކު އެމީހުން ކުރިން ތިބި މަޤާމަށް ރުޖޫއަވާނެކަމަށްވެސް މި ޤާނޫނުގައިވެއެވެ.