ޓެކްނޮލޮޖީ

އާސަރަހައްދަށް 5 ބުރީގެ އިމާރާތް ދިޔައީ ހިނގާފައި


ޝަންހާއިގެ ސިޓީގައި އުޅޭ ރައްޔިތުންނަށް މި ހަފްތާގެ ތެރޭގައި އާއްމުކޮށް ނުފެންނަ މަންޒަރެއްވަނީ ފެނިފައެވެ. އިމާރާތެއް ހިނގާފައި ދާ މަންޒަރެވެ.

85 އަހަރަށްވުރެ ގިނަ ދުވަސްވީ ސްކޫލެއް މުޅި އިމާރާތެއް އެއްކޮށް އުފުލާލައިގެން އެހެން ސަރަހަދަކަށް ވަނީ ގެންގޮސްފައެވެ. ފަސްބުރީގެ މި އިމާރާތް އެހެން ސަރަހައްދަކަށް ގެންގޮސްފައިވަނީ ހިނގާ ގޮތަށް ހަރަކާތްތެރިވާ މެޝިންތަކެއްގެ އެހީގައެވެ.

ޝެންހާއީގައި ހުންނަ ތާރީހީ ބިނާތައް އެހެން ސަރަހައްދުތަކަށް ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން މި އިމާރާތް ބަދަލުކުރުމަށް އިމާރާތުގައި ދަށުގައި 200 ވުރެ ގިނަ ރޮބަޓް ފައިތަކެއް ހަރުކޮށް ވަނީ ބޭނުންކޮށްފައެވެ.

ދެ ގްރޫޕަކަށް ބަހާލާފައިވާ މި ފައިތައް މަސައްކަތްކުރާނީ އިންސާނުން ހިނގާ ގޮތަށެވެ. އެހެންކަމުން ބަލާބެލުމަށް ހީވަނީ އިމާރާތް އަމިއްލައަށް ހިނގާފައި ދާ ހެނެވެ. އެހެންނަމަވެސް އިމާރާތް ގެންދިޔައީ ވަރަށް ބަލައިގެން މަޑުމަޑުންނެވެ.

އިމާރާތް ބަދަލުކުރުމުގެ މަސައްކަތް ކުރި ޓީމުން ފުރަތަމަ ޖެހުނީ އިމާރާތުގެ ދަށުގައި ހަރުކުރާ ރޮބަޓް ފައިތައް ހަރުކުރުމަށް އިމާރާތް ވަށާ ކޮންނާށެވެ. މިކަމަށް 18 ދުވަސް ހޭދަކޮށްފައިވެއެވެ. އެއަށްފަހު އިމާރާތް ހިއްލާލުމަށްފަހު 21 ޑިގްރީއަށް އަނބުރާލުމަށްފަހު 62 މީޓަރު ދުރަށްވަނީ އިމާރާތް ގެންގޮސްފައެވެ.

މި މަސައްކަތްކުރި ކުންފުނިން ބުނީ މީ 2018 ވަނަ އަހަރު އިޖާދުކުރި ޓެކްނޮލަޖީއެކެވެ.

މި ސްކޫލަކީ ޗައިނާގެ ހުއަންގްޕޫ ޑިސްޓްރިކްޓްގެ ސްކޫލެކެވެ. މި ތަން އިމާރާތްކޮށްފައިވަނީ 1935 ވަނަ އަހަރުއެވެ. މި ތަން އެހެންތަނަކަށް ބަދަލުކޮށްފައި މިވަނީ މިހާރު އެ އިމާރާތް ހުރި ސަރަހައްދުގައި ވިޔަފާރީގެ ބޭނުމަށް އައު އިމާރާތެއް އެޅުމަށެވެ. އަލަށް އަޅާ އިމާރާތް 2023 ގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މި ސްކޫލް ބަދަލުކޮށްފައިވަނީ ޝަންހާއީގައި ހުރި މިފަދަ ދުވަސްވީ އާސާރީ އިމާރާތްތައް ބަދަލުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދަށެވެ.