ކުޅިވަރު

އޭއެފްސީ ކަޕް ކެންސަލް ކުރުމުން، ލިބުނު މާލީ ގެއްލުމުގެ ބަދަލު ދެވެން ނެތް: އޭއެފްސީ



ކޮވިޑް19ގެ ސަބަބުން އޭއެފްސީ ކަޕް ކެންސަލް ކުރުމުން ލިބުނު މާލީ ގެއްލުންތަކުގެ ބަދަލު ދެވެން ނެތްކަމަށް އޭއެފްސީން ބުނެފިއެވެ.

މިއަހަރުގެ އޭއެފްސީ ކަޕުގައި ރާއްޖެއިން ވާދަކުރަމުން ގޮސްފައިވަނީ ލީގް ޗެންޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޓީސީ ސްޕޯޓްސް ކުލަބެވެ. އޭއެފްސީ ކަޕް ކެންސަލް ކުރުމުގެ ސަބަބުން މާލީ ގެއްލުމުގެ ބަދަލު ހޯދަން އޭއެފްސީއަށް ސިޓީ ފޮނުވި ކުލަބްތަކުގެ ތެރޭގައި ރާއްޖޭގެ މާޒިޔާ އާއި ޓީސީ އަދި ބަންގްލަދޭޝްގެ ބަޝުންދުރާ ހިމެނެއެވެ. މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭއެފްސީގެ މާލީ ހާލަތު މިވަގުތު ހުރިގޮތުން ކުލަބްތަކަށް ބަދަލުދެވެންނެތްކަމަށް އެއިދާރާއިން ކުލަބްތަކަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

ކޮވިޑް19 އެންމެ ފުރަތަމަ ފެތުރެން ފެށުމުން އޭއެފްސީންވަނީ މުބާރާތް ފަސްކޮށްފައެވެ. އަދި ފަހުން ކުލަބްތަކާއި އެސޯސިއޭޝަންތަކާއި މަޝްވަރާ ކުރުމަށްފަހު، އޭއެފްސީ ކަޕްގެ މެޗްތައް އޮކްޓޯބަރު މަހު ފަށަން ނިންމިއެވެ. ގުރޫޕްތަކުގެ މެޗްތަށް އެއްދަނޑެއްގައި ކުޅުމަށް ފަހުން އޭއެފްސީން ނިންމިނަމަވެސް، އޭއެފްސީގެ ހިންގާ ކޮމެޓީގެ ބައްދަލުވުމެއްގައި ނިންމާފައިވަނީ މިއަހަރުގެ މުބާރާތް ކެންސަލްކުރުމަށެވެ. މިއަހަރުގެ އޭއެފްސީ ކަޕްގެ މެޗްތަށް ކެންސަލް ކުރުމާއި ގުޅިގެން ރާއްޖެއިން އެންމެ ބޮޑު ގެއްލުމެއްވީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށެވެ. އެޓީމުންވަނީ ޓީމު ވަރުގަދަ ކުރުމަށް ގިނަ ކުޅުންތެރިންތަކެއް ގެނެސްފައެވެ.

އޭއެފްސީ ކަޕް ކެންސަލްކުރުމާއެކު އެންމެ ބޮޑު ގެއްލުމެއްވާނީ މުބާރާތަށް އެންމެ ރަނގަޅަށް ތައްޔާރުވި ކްލަބްތަކަށެވެ. މި ސަރަހައްދުގެ ކްލަބްތަކަށް ބަލާއިރު އޭއެފްސީ ކަޕަށް ތައްޔާރުވީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އާއި ޓީސީގެ އިތުރުން ބަންގްލަދޭޝްގެ ގަދަބާރު ބަޝުންދުރާ ކިންގްސްއެވެ. މުބާރާތް ކެންސަލްކުރިއިރު، މާޒިޔާއިން ދިޔައީ ޓީމު ވަރުގަދަކޮށް ޕްރެކްޓިސް ވެސް ކުރަމުންނެވެ. އަދި އެނގިފައިވާ ގޮތުގައި މާޒިޔާއިން ވަނީ އޭރު އޭއެފްސީ ކަޕަށް އަމާޒުކޮށް ބިދޭސީ ކުޅުންތެރިންނާއެކު ކޮންޓްރެކްޓް ވެސް ހަދައިފައެވެ. މާޒިޔާއިން ވަނީ އޭއެފްސީ ކަޕް ކެންސަލް ކުރުމުގެ ސަބަބުން އެ ކްލަބަށް ދެ މިލިއަން ރުފިޔާއަށްވުރެ ބޮޑު ގެއްލުމެއް ލިބުނު ކަމަށް ބުނެފައެވެ.

އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބުނީ މި ފަހަރުގެ މުބާރާތުގެ ކޮލިފައިން ބުރު ފަހަނައަޅައި ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދި މާޒިޔާއަށެވެ. ކޮލިފައިން ބުރުގައި ކުޅޭނީ ލީގުގެ ރަނަރަޕް އީގަލްސްއެވެ. އީގަލްސްއަށް އެ ފުރުސަތު ދޭން ނިންމީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ސީޒަން އަވަހަށް ނިންމައިލަން ޖެހި އެފްއޭ ކަޕްވެސް ކެންސަލް ކުރަންޖެހުމުންނެވެ. އެފްއޭ ކަޕް ފުރިހަމަނުކުރެވިއްޖަނަމަ އޭއެފްސީ ކަޕްގެ ދެ ވަނަ ޖާގަ ދޭނީ ލީގުގެ ރަނަރަޕްއަށެވެ.