ކުޅިވަރު

ކުޅިވަރުގެ ޤާނޫނަށް ހުށަހެޅި އިސްލާހުތަކުން ރާއްޖޭގެ ގިނަ ކުޅިވަރުތަކެއް ސަސްޕެންޑުކުރާނެ: މިނިސްޓަރ މަޙްލޫފް


ކުޅިވަރުގެ ޤާނޫނަށް އެމްޑީޕީގެ ޗެއާޕަސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުތަކުގެ ސަބަބުން ރާއްޖޭގެ ގިނަ ކުޅިވަރުތަކެއް ސަސްޕެންޑުކުރާނެ ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕަސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފްވަނީ ކުޅިވަރުގެ ގާނޫނަށް ގިނަ އިސްލާޙުތަކެއް ހިމެނޭ ބިލެއް ރައްޔިތުންގެ މަޖިލީށް ހުށައަޅާފައެވެ. މީގެ ތެރެއިން ބައެއް އިސްލާހުތައް ކުޅިވަރުގެ ދައިރާގައި ހިމެނޭ ބައެއްގެ ތަޢުރީފް ލިބިފައިވާއިރު އެންމެ ބޮޑަށް ފާޑުކިއުންތަށް އަމާޒްވެފައިވަނީ ކުޅިވަރާއިބެހޭ ގައުމީ މަޖިލީހާއި ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުގެ އެންމެހާ ކަންތައްތައް ކުރިއަށްގެންދާނީ އިލެކްޝަން ކޮމިޝަނުންކަމަށް ބުނާ އިސްލާހަށެވެ.

މިއިސްލާޙަށް އިޝާރާތްކޮށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯއާ އެއްގޮތަށް ކުޅިވަރު ސިޔާސީ ނުކޮށް މިހާރުވެސް ކުރިޔަށްދާ ކަމަށެވެ. އަދި އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް ހިންގަނީ ޑިމޮކްރެޓިކްކޮށް، ރާއްޖޭގެ ޤާނޫނާއި އިންޓަނޭޝަނަލް ފެޑެރޭޝަންތަކުގެ ޤަވާއިދުތަކާއި އެއްގޮތަށްކަމަށެވެ. މިނިސްޓަރ މަޙްލޫފުގެ ޓުވިޓުގައި ވިދާޅުވެފައިވަނީ ހަސަން ލަތީފުގެ ބައެއް އިސްލާހުތަކާއި ގުޅިގެން ރާއްޖެ ގިނަ ކުޅިވަރުތަކުން ސަސްޕެންޑުކުރާނެކަމަށެވެ.

- ކުޅިވަރުގެ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާޙުގައި ހިމެނޭ އިންތިޚާބުގެ އިސްލާހާމެދު މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގްވެސްވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މަރުޒޫގް ވިދާޅުވީ ސިޔާސީ ޕާޓީގެ އެތެރޭ އިންތިހާބު ބަލަހައްޓަން އިލެކްޝަން ކޮމިޝަނަށް ފުރުސަތު ނުދޭން ގަދައަޅައި މަސައްކަތްކަތް ކުރި މީހުން މިއަދު ބޭނުންވަނީ ނެޝަނަލް އެސޯސިއޭޝަންތަކާއި ދެހާހެއްހާ ކްލަބް ޖަމިއްޔާގެ އިންތިހާބު އިލެކްޝަން ކޮމިޝަނުން ބަލަހައްޓަންކަމަށެވެ.

- ކުޅިވަރުގެ ގާނޫނޫ އެންމެ ފުރަތަމަ ވުޖޫދަށް އައީ 2015 ވަނަ އަހަރުގައެވެ. މި ޤާނޫނަށް ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި، ސްޕޯޓްސް ކޮމިޝަނާއި، ސްޕޯޓްސް ކޯޕަރޭޝަނާއި، ސްޕޯޓްސް އިންސްޓިޓިއުޓް އަދި ކުޅިވަރު އެސޯސިއޭޝަންތަކާއި ގުޅޭ ގިނަ ކަންކަން ހިމެނެއެވެ. މީގެއިތުރުން މި ޤާނޫނުގައި ކުޅިވަރާ ބެހޭ ވަޒީރުގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި ގުޅޭގޮތުންވެސް ވަނީ ބައިތަކެއް ހިމަނާފައެވެ.