ކުޅިވަރު

އޭސީ މިލާންގެ ތުރުކީ މިޑްފިލްޑަރ ހަކަން ޗަޅަނޮގްލޫ ގެނައުމުގެ ޝައުގުވެރިކަން ފާޅުކޮށްފި


މެންޗެސްޓަރ ޔުނައިޓެޑުން އޭސީ މިލާންގެ ތުރުކީ މިޑްފިލްޑަރ ހަކަން ޗަޅަނޮގްލޫ ގެނައުމުގެ ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

މިސީޒަންގެ ނިޔަލަށް މިލާން އާއެކު ޗަޅަނޮގްލޫ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާއިރު އާ ކޮންޓްރެކްޓެއްގެ ވާހަކަ ކްލަބާއެކު މިހާރު ވަނީ ފަށާފައެވެ. އެހެންނަމަވެސް އޭސީ މިލާންއިން އެންމެ ފަހުން ހުށައެޅި އެއްބަސްވުމާމެދު ޗަޅަނޮގްލޫ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެއީ މިލާންއިން އޭނާއަށް ދޭން ހުށައަޅާ މުސާރަ ކުޑަވުމުންނެވެ.

މިލާނުން އޭނާއަށް ހުށައަޅާފައިވަނީ ހަތަރު އަހަރުގެ ކޮންޓްރެކްޓެކެވެ. އެއީ އަހަރަކަށް ދޭއް ޕޮއިންޓް އަށެއް މިލިއަން ޕައުންޑްގެ ކޮންޓްރެކްޓެކެވެ.
މިއާއެކު މެންޗެސްޓަރ ޔުނައިޓެޑުން ވަނީ ޗަޅަނޮގްލޫގެ މުސާރަ ބޮޑުކޮށްދީ ފަސް އަހަރުދުވަހު ކޮންޓްރެކްޓެއް ދޭއް ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ.
މެންޗެސްޓަރ ޔުނައިޓެޑުން ނިމިގެންދިޔަ ޓްރާސްފަރ މުއްދަތުގައިވެސް އެޓޭކިންގ މިޑްފިލްޑަރެއް ހޯދުމަށް ކުރި މަސައްކަތްތައް ވަނީ ނާކާމިޔާބުވެފައެވެ. އެހެންކަމުން ސައްބީސް އަހަރުގެ އެޓޭކިންގ މިޑްފިލްޑަރ ހޯދުމަށް ޔުނައިޓެޑުން އިތުރު މަސައްކަތްތަކެއް ކުރާނެކަމަށް އިނގިރޭސި މީޑިއާތައް ދަނީ ބުނަމުންނެވެ.