ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުކަމުން ޒީނާ ޒާހިރު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް އޭނާ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޒީނާ މަޤާމުން އިސްތިއުފާ ދެއްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ފޮނުއްވި ސިޓީގައިވަނީ އޭނާގެ މައްސަލަ ކޮމިޓީން ބަލައި މަޤާމުން ވަކިކުރަން ތަޅުމަށް ފޮނުވާފައިވަނީ އިންސާފުންކަމަށް ޤަބޫލުނުކުރައްވާކަމަށެވެ. އަދި އޭނާ މަޤާމުގެ މަސްއޫލިއްޔަތު އަދާކޮށްފައިވަނީ ޒިންމާދާރުކަމާއެކުކަމަށާ، ކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް އެކުލެވޭ ތުހުމަތުތަކެއް ނޫންކަމަށް ޒީނާ ވިދާޅުވެފައެވެ.
ބްރޯޑް ކާސްޓިން ކޮމިޝަނުގެ މެމްބަރު ޒީނާ ޒާހިރާގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލާފައިވާ މައްސަލަތަކުގެ ތެެރޭގައި ކޮމިޝަންގެ މެމްބަރުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރުމާއި ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމާއި ވަކިސިޔާސީ ނުފޫޒުތަކަށް މައްސަލަތައް ނިންމުންފަދަ މައްސަލަތައް ހިމެނެއެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުންގެ މައްސަލަތައް މަޖިލީހުގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީން ބަލާފައިވާއިރު، ކުރީގެ ކޮމިޝަންގައި ހިމެނޭ މެމްބަރުންގެ ތެރެއިން ރައީސްގެ މަޤާމު ފުރުއްވި މުހައްމަދު ޝަހީބާއި ކޮމިޝަންގެ މެންބަރު އިސްމާޢީލް ޞަފްވާނާއި ޙަސަން ނަބާޙު ވަނީ މެންބަރުކަމުން އިސްތިއުފާދެއްވާފައެވެ.
ޞަފްވާން މަޤާމުން އިސްތިއުފާދެއްވާފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާއަށް ނިކުމެވަޑައިނުގެން މުސާރަ ނެންގެވުމަށްފަހުއެވެ. އަދި ކޮމިޝަންގެ މެމްބަރު ފާތިމަތު ޒައިނާ މަޤާމުން ވަކިކޮށްފައިވަނީ މަޖިލީހުގައި އިތުބާރު ނެތްކަމަށް ވޯޓެއްގައި ފާސްވުމުންނެވެ.