ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްގެ ސިއްޙީ ޙާލުކޮޅު ރަނގަޅުވަމުން އަންނަކަމަށް އެޕާޓީން ބުނެފިއެވެ.
ޝިޔާމްގެ ސިއްޙީ ހާލުކޮޅާ ގުޅޭގޮތުން ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ މަޖިލީހުގައި މިއަދު ހުންނަވަނިކޮށް ޞިއްޙީ ޙާލުކޮޅު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލަށް ޝިޔާމް ގެންދެވުނުކަމަށާއި، ޝިޔާމްގެ ޓެސްޓްތަކެއް ހަދާ ހާލަތު އިތުރަށް ދެނެގަތުމަށް ޑޮކްޓަރު ބޭނުންވާތީ އޭޑީކޭގައި އެޑްމިޓްކުރެވިފައި ވާކަމަށެވެ.
އެގޮތުން ޝިޔާމްގެ ކޯވިޑް-19ގެ ޓެސްޓުގެ ނަތީޖާ ނެގެޓިވްވެފައި ވާކަމަށާއި، އަދި ޙާލުކޮޅުވެސް ރަނޅުވަމުން އަންނަ ކަމަށެވެ. މީގެ އިތުރުން މިއަހަރުގެ ޖޫން މަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހިނގި ހަމަނުޖެހުމުގައި ޝިޔާމްގެ މައިބަދައަށް ލިބުނު އަނިޔާތަކާއި ގުޅިގެން، އޭނާއަށް ސިއްޙީ އެކިއެކި މައްސަލަތައް ކުރިމަތިވަމުންދާކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.
މެންބަރު އަޙްމަދު ޝިޔާމް ހޮސްޕިޓަލަށް ގެންދިއުމަށް އެހީތެރިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށްވެސް ޕީޕީއެމުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ޕީޕީއެމްގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމަކީ މިވަގުތު އިދިކޮޅު ހަރަކާތްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މެމްބަރެކެވެ.