ދައުލަތުގެ ޢާމްދަނީ އިތުރު ކުރުމަށްޓަކައި ރިސޯޓް ހެދުމަށް ދޫކޮށްފައިވާ ރަށްރަށުގައި ބޭރުމީހުންނަށް "ރެސިޑެންސީ" ނުވަތަ ދިގު މުއްދަތަކަށް ތިބުމުގެ ފުރުސަތު ދިނުމަށް ޤާނޫނަށް އިޞްލާހު ގެނައުމަށް ހަމަޖެހިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ދަރަންޏާ ގުޅޭގޮތުން އެކުލަވާލާފައިވާ ރިޕޯޓަށް މަޖިލީހުގެ މެންބަރުން ބަހުސްކޮށް ނިންމަވާލެއްވުމުން، އެރިޕޯޓަށް އިޝާރަތްކުރައްވައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ދައުލަތަށް ޢާމްދަނި އިތުރުކުރެވިދާނެ ދެ ގޮތެއް ފެނިވަޑައިގެންފައިވާކަމަށެވެ. އެއް ގޮތަކީ ދަރަނިތައް އަދާކުރުމަށް ބާރުއަޅައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިފްލާސްވުމާއި އިފްލާސްކުރުމުގެ ބިލް ފާސްކުރުމެވެ. އަދި ރިސޯޓް ތަރައްޤީކުރުމަށް ދޫކޮށް ތަރައްޤީ ނުކުފެވު ހުރި ރަށްތައް އަލުން ވިއްކުމެވެ. މިގޮތަށް ރަށްރަށް އަލުން ވިއްކާލެވިއްޖެނަމަ އާމްދަނި އިތުރުވެ ރާއްޖޭގެ ނެޓް ރިޒާވް އިތުރުވެގެންދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރިސޯޓް ތަރައްޤީކުރުމަށް ދޫކޯށްފައިވާ 70 އަށްވުރެ ގިނަ ރަށް ރިސޯޓް ނުހެދި އެމަސައްކަތައް ބޭންކުތަކާ ހަމައިން ހުއްޓިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"70 އަށްވުރެ ގިނަ ރަށް ރިސޯޓް ހެދުމަށް ދޫކޮށް ފައިވޭ. އެކިއެކި ބޭންކުތަކުގައި ތާށިވެފައި. މިތަންތަން އަލުން އަނބުރާ ވިއްކާލެވޭނެ ގޮތެއް ފަހިކޮށްދެވިއްޖެނަމަ އެބޭންކުތަކަށް މިފެންނެވި 70 އަށްވުރެ ގިނަ ރިސޯޓަކުން ވަންނާނެ އާމްދަނީ ވަރަށް ބޮޑުވާނެ. އެމީހުންގެ ނޮން-ޕަރފޯމިން ލޯންތަކުގެ ޢަދަދު ކުޑަވެގެންދާނެ. ދިވެހިރާއްޖޭގެ ނެޓް ރިޒާވް އުފުލިގެންދާނެ. އެހެންކަމުން އިފްލާސްކުރުމުގެ ބިލަށް މަސައްކަތްކުރުމަކީ ވަރަށް ބޭނުންތެރިކަމެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިގޮތުން ދައުލަތަށް ޢާމްދަނި އިތުރުކުރުމަށް ދެވަނައަށް ވިސްނާފައިވާގޮތަކީ ޓޫރިޒަމްގެ ޤާނޫނަށާއި ގެދޮރާބެހޭ ޤާނޫނަށް ނުވަތަ ބިމާބެހޭ ޤާނޫނަށް އިޞްލާހު ގެނައުމެވެ.
އެއީ ރިސޯޓް ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރަށްތަކުންނާއި ރިސޯޓް ހިންގަމުން އަންނަ ރިސޯޓްތަކުގެ ހެޑް ލީސްގެ މުއްދަތަށް، އެރަށްތަކުން ބޭރުގެ ފަރާތްތަކަށް "ރެސިޑެންސީ" ހަމަޖެއްސުން ނުވަތަ ދިގުމުއްދަތަކަށް ދިރިއުޅެވޭގޮތް ހެދުމެވެ. އެކަމުގެ ސަބަބުންވެސް އަންނަ އަހަރު ދައުލަތަށް ބޮޑު އާމްދަނިއެއް ވަންނާނެކަމަށާ، އެއީ އިތުރު ޓެކުހެއް ނެގުމަކާ ނުލައި ޢާމްދަނި އިތުރުކުރެވިދާނެ ގޮތެއްކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންނާއި މެންބަރުންގެ ވިސްނުންވެސް ހުރިގޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ގެންގުޅެވޭ އެއް ވިސްނުމަކީ ރިސޯޓުތަކުގެ ހެޓްލީސް ދީފައިވާ ފަރަތްތަކަށް އެމީހުންގެ އެހެޑްލިސްގެ މުއްދަތަށް އެމީހުންގެ ރިސޯޓް ހަދަންދީފައިވާރަށުން ނުވަތަ ހަދާފައިވާ ރަށުން ގޯތި ދޫކުރެވޭނެގޮތަށް ޓޫރިޒަމްގެ ޤާނޫނަށާއި ގެދޮރާބެހޭ ޤާނޫނަށް އިސްލާހު ގެނައުން. އެހެންވީމަ ރިސޯޓެއްގައި ބޭރުގެ ފަރާތަކަށް ދާއިމީކޮށް އޭނާއަށް ގެއެއް ބެހެއްޓިދާނެތަނެއް ހޯދާފައި ބެހެއްޓިދާނެ. ރެސިޑެންސީއެއް އޭނާއަށް ހޯދިފައި ބެހެއްޓިދާނެ. އެރެސިޑެންސީއަށް ބައެއް ބޭފުޅުންގެ ނަޒަރުގައި އެކަށީގެންވާ ޢާމްދަނީއެއް މިއަންނަ އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ހޯދިދާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ދަރަނީގެ ރިޕޯޓެއް އެކުލަވާލެވުމަކީ އެކަމުގެ ފައިދާ ދައުލަތަށާއި އެހެނިހެން ސިނާޢަތްތަކަށް ކުރާނެކަމެއް ކަމަށެވެ. ރައީސް ނަޝިދުވަނީ އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުންވެސް ދަރަނީގެ ރިޕޯޓް ބެއްލެވުމަށް އެދިވަޑައިގެންފައެވެ.
ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާތީ، އަންނަ އަހަރަކީ ދައުލަތަށް ބުރަ އަހަރަކަށް ވާނެކަމަށާއި، ދައުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން 2024ވަނަ އަހަރަށް ފަސްކުރެވެންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ދައުލަތުގެ ދަރަނި، 2012އިން 2018އަށް 172 ބިލިޔަން ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާކަމަށް ފިނޭންސް މިނިސްޓްރީން މަޖިލީހާ ޙިއްސާކުރައްވާފައިވާ މަޢުލޫމާތުތަކުގައިވެއެވެ.