ޚަބަރު

ޕީއެސްއެމްގެ ހިންގުން ހަރުދަނާކޮށް ކުންފުނީގެ ޚަރަދުވަނީ %20 ކުޑަކުރެވިފަައި - ޢަލީ ޚާލިދު


ޕަބްލިކް ސަރވިސް މީޑިއާގެ ހިންގުން ހަރުދަނާކޮށް ކުންފުނީގެ ޚަރަދު 20 އިންސައްތަ ކުޑަކުރެވިފައިވާކަމަށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަލީ ޚާލިދު ވިދާޅުވެއްޖެއެވެ.

މިދިޔަ 5 އަހަރު ތެރޭ ޕީއެސްއެމްގައި ހިނގާފައިވާ ކަންކަމާއި ކުންފުނި ހިންގުމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީއިން ޕީއެސްއެމްގެ އިސްފަރާތްތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މެނޭޖިންގ ޑިރެކްޓަރ އަލީ ޚާލިދު ވިދާޅުވީ ޕީއެސްއެމްއަކީ ފައިދާވާ އަދި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކެއް ފޯރުކޮށްދޭ ކުންފުންނަކަށް ހެދުމަށް މިޙާރުގެ މެނޭޖެމަންޓުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

އަލީ ޚާލިދު ވިދާޅުވީ އެގޮތުން ކުރާ މަސައްކަތުގައި ބައެއްކަންކުރުމަށް އެކަށީގެންވާ ހަރުދަނާ އުސޫލުތަކެއް ނެތުމުން ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. އެހެން ނަމަވެސް ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށާއި ކުންފުނީގެ ޚަރަދުތައް ކުޑަކުރުމަށް މަސައްކަތްތަކެއް ކުރެވި ކާމިޔާބިތަކެއް ހާސިލުކުރެވިފައިވާކަމަށެވެ.

ދައުލަތުގެ މީޑިއާއިން ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި މިހާރު އަމަލުކުރަމުންދާގޮތާއި ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މެނޭޖިންގ ޑިރެކްޓަރ އަލީ ޚާލިދު ވިދާޅުވީ އެންމެ އިސްކަމެއް ދެއްވަނީ ވީހާވެސް މިނިވަންކަމާއި ހާމަކަމާއެކު ރައްޔިތުންނަށް ބޭނުންވާ މައުލޫމާތުތައް ގެނެސްދިނުމަށްކަމަށެވެ.

އެގޮތުން ވަކި ސިޔާސީ ޕާޓީއަކަށް އިސްކަންދިނުމުގެ އުސޫލު ކުންފުނިން މިހާރު ނުގެންގުޅުއްވާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ސްކޫލްތައް، ޚާއްސަކޮށް މާލެ ސަރަހައްދުގެ ސްކޫލްތައް ބަންދުކުރަން ޖެހުމުން ދަރިވަރުންގެ ތައުލީމީ ކަންކަން ކުރިއަށްގެންދިއުމަށް ތައުލީމީ ދާއިރާއަށް ޚާއްސަކޮށްގެން ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުންދާކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޕީއެސްއެމްގެ ޗެއަރމަން އިބްރާހިމް ޙިލްމީ ވިދާޅުވީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް ކުރެވެމުންދާ މަސައްކަތްތަކާމެދު ހިންހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީއިން ޕީއެސްއެމްގެ މެނޭޖްމަންޓާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި މެންބަރުންވަނީ މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުންފުންޏާމެދު މީހުން ދެކޭގޮތް ބަދަލުވެ، އިސްލާހީ ރަނގަޅު ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވިފައިވާކަމަށް ވިދާޅުވެފައެވެ.