ޚަބަރު

ކުރީގެ ނާއިބު ރައީސް ޖިހާދުގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅައިފި


މާލެ އަތޮޅު ފުށިދިއްގަރުފަޅު ކުއްޔަށްދިން މައްސަަލާގައި ކުރީގެ ނާއިބް ރައީސް ޢަބްދުﷲ ޖިހާދުގެ މައްޗަށް، ދަޢުވާކުރުމަށް ދަޢުލަތުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޚާއްޞަ ފަތުރުވެރިކަމުގެ ޒޯނެއްގެ ގޮތުގައި ފުށިދިއްގަރުފަޅު ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުގެ ކަންކަން ކުރިއަށްގެންދިޔަ ގޮތާއި ގުޅިގެން، ކުރީގެ ނާއިބު ރައީސް ޢަބްދުﷲ ޖިހާދުގެ މައްޗަށް، ދަޢުވާކުރުމަށް ދަޢުލަތުން ކްރިމިނަލް ކޯޓަށް ހުސަހަޅާފައިވަނީ މިއަދުއެވެ.

މި މައްސަލައިގަ ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދުގެ މިައްޗަށް ދަޢުވާ އުފުލާފައިވަނީ އެމަނިކުފާނު ނާއިބް ރައީސްގެ މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ފިނޭސް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކޮށްފައިވާތީކަމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވިއެވެ.

މިއީ ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއިން ތަޙްޤީޤުކޮށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުއްވާފައިވާ މައްސަލައެކެވެ.

ނޭޝަނަލް ޕްލޭނިންގ ކައުންސިލުގެ ލަފާގެ މަތިން ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ސަރުކާރުގެ %50 ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަރ އެގްރީމަންޓެއް ހެދުމަށް ވަޒީރުންގެ މަޖިލީހުން 2011 ވަނަ އަހަރުގެ ނޮވެންބަރު 22ވަނަ ދުވަހު ނިންމެވި ނިންމުމުގައި ވަނީ މި މަޝްރޫޢަށް ސަރުކާރުން އެއްވެސް ފައިސާއެއް ޚަރަދުކުރަންނުޖެހޭ ގޮތަށް، މަޝްރޫޢުގެ ތެރެއިން، ބިމު ކުލި ދަޢުލަތަށް ލިބެންޖެހޭނެ ކަމަށެވެ.

މިގޮތަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާއިރު، ޕީޖީ އޮފީހުން ވިދާޅުވީ، މިމައްސަލައިގައި ޢަބްދުﷲ ޖިހާދުގެ މައްޗަށް ދަޢުވާކުރާ އަސާސްތަކުގެ ތެރޭގައި ޖިހާދު މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަޤާމުގައި ހުރެ، ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ކަނޑައެޅިގެން ޚިލާފަށް، ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމެވުމުގައި އޮތް %50ގެ ބަދަލުގައި، ދައުލަތުގެ %25 ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗަރ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓަޑްކިޔާ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވުން ހިމެނޭކަމަށެވެ.

އަދި ޢަބްދުﷲ ޖިހާދުގެ އެ ޢަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެންއޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައިވެސް 750,713,604 (ހަތްސަތޭކަ ފަންސާ މިލިޔަން ހަތްސޭކަ ތޭރަހާސް ހަސަތޭކަ ހަތަރު) އެމެރިކާ ޑޮލަރު އުނިވެފައިވާކަމަށާއި، އޭގެ އިތުރުން، ދައުލަތުގެ 50 އިންސައްތަ ހިއްސާގެ ބަދަލުގައި 25 އިންސައްތައަށް ޙިއްސާ ބަދަލުވުމުން، ކުންފުނީގެ ވިޔަފާރި ފައިދާއިން ލިބޭނެ ގެއްލުންވެސް އޮންނާނެކަމަށެވެ.

2013 ވަނަ އަހަރުގެ އޮގަސްޓް މަހު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅު މި މައްސަލައަކީ ފާޅުކަން ބޮޑު ގޮތެއްގައި ކޮރަޕްޝަން ހިމެނޭ މައްސަލައެއްނަމަވެސް މި މުޢާމަލާތުގައި ކޮރަޕްޝަން އެކުލެވިގެން ނުވާކަމަށް، 2016 ވަނަ އަހަރުގެ ފެބުރުވަރީ މަހު އޭސީސީން ނިންމާފައިވާކަމަށާއި މި ނިންމުމުގައި ކޮރަޕްޝަންގެ ޢަމަލެއް އެކުލެވޭކަމަށް ބެލުމުގެ ފުރުޞަތު އޮތުމުން އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކޮށްދެއްވުމަށް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ޕީޖީ އޮފީހުގައި އެދިފައިވާކަމަށް އެއޮފީހުން ވިދާޅުވިއެވެ.