ޚަބަރު

އަދީބު ގެއަށް ބަދަލުކުރީ ނިދުމަށް މެޝިނެއްގެ އެހީ ބޭނުންކުރަން ޖެހޭތީ: މިނިސްޓަރ އިމްރާން


ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ގޭގައި ހުރުމަށް ހުއްދަ ދީފައިވަނީ އަދީބު ނިދަން ޖެހެނީ ވަކި ޚާއްޞަ މެޝިނެއް އެހީގައިކަމަށްވާތީ ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އެހުންތެރިންގެ ސުވާލުތަކަށް ހުޅުވާލައިގެން ޕީއެސްއެމްގެ ދިވެހި ރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅިގެން އަދީބު މައްޗަށް ދައުލަތުން އުފުލި 7 ދައުވާ ސާބިތުވެ 20 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާއިރު ކޯޓުގެ ހުއްދައާއިއެކު އޭނާގެ ބަލި ހާލަތު ހުރިގޮތުން ގެއަށް ބަދަލުކޮށްފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. އަދީބު ގެއަށް ބަދަލުކުރުމުން ވަރަށް ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ޖަލުގެ ބަދަލުގައި ގޭގައި ހުރުމަށް ފުރުޞަތު ދެއްވާފައި ވަނީ ކޮން އުސޫލަކުންތޯ އެހުންތެރިއަކު އެޕްރޮގްރާމްގައި މިނިސްޓަރަށް ސުވާލު ދެންނެވުމުން ހޯމްމިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، އަޙްމަދު އަދީބު ނިދުމުގައި މައްސަލަތަކެއް ހުންނަކަމަށާއި، ފުއްޕާމެއާއި ގުޅުންހުރި ނޭވާލުމުގެ މައްސަލަތަކެއް ހުރިކަމަށް ޑޮކްޓަރުން ދެއްވާފައިވާ ލިޔެކިއުންތަކުގައި ވާކަމަށެވެ. އަދި އަދީބު ނިދުމުގައި ވަކި ޚާއްސަ މެޝިނެއް ބޭނުންކުރަންޖެހޭ ކަމަށާއި، އެމެޝިނަކީ ޖަލުގައި ބޭނުން ކުރެވޭނެ މެޝިނަކަށް ނުވާތީ އެކަމަށް ރިޔާޢަތްކޮށް އަދީބު ގެއަށް ބަދަލުކޮށްފައިވާކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

"މީގެ ކުރީ ފަހަރެއްގަ ޖަލުގެ ތެރޭގައި ހުންނަވަނިކޮށް ޖަލުގެ ގޮޅިއަށް ވެއްޓި ނިތްކުރި މަތި ދުޅަވެ ދެން ކަންތައްތަކެއް ހިނގާފައި ހުރި. އޭގެ ފަހުން ޑޮކްޓަރު ދެއްވާފައިވޭ ވަކި މެޝިނެއް ބޭނުންކޮށްގެން ނިދުމަށް. ދެން އެމެޝިނަކީ ޖަލުގެ ތެރޭގައި ބޭނުންކުރެވޭގޮތަށް ހުރި މެޝިނެއް ނޫންކަމަށް ވަނީ. އެހެންވެ ގޭގަ އެމެޝިން ޤާއިމްކުރެވިފައި ހުރިކަމަށްވަނީ. އެކަމުގެ މައްޗަށް ރިޔާއަތްކޮށް އަޙްމަދު އަދީބު ގޭގައި ހުރުމަށް ހުއްދަ ދެއްވާފައިވާކަމަށް މިވަނީ." ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.


އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅިގެން އަދީބު މައްޗަށް ދައުލަތުން އުފުލި 7 ދައުވާއަށް އަދީބު ވަނީ އިއުތިރާފުވެޑައިގެންފައެވެ. އަދީބު ޝަރީއަތުގެ މަޖިލީހުގައި ވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅޭ ތަފްސީލުތައް ކިޔާދެއްވާފައެވެ. އަދި ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު ޚިޔާނާތްކަމަށްވާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން އޭރުގެ ސަރުކާރުން ގުޅިގެން ހިންގި ޖަރިމާއެއްކަމަށް ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ވަނީ ތުހުމަތުކުރައްވާފައެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާއަކީ އޭނާ ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވިއިރާއި އޭގެފަހުން ނާއިބު ރައީސަކަށް ހުންނަވާ ޓޫރިޒަމް މިނިސްޓަރުކަމުގެ މަސްޢޫލިއްޔަތު އަދާކުރެއްވިއިރު ހިންގާފައިވާ ކޮރަޕްޝަން މައްސަލަތަކާއި ގުޅޭ ދައުވާތަކެވެ. އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ހިޔާނާތުގައި ބައިވެރިވިކަމުގެ ކުށުގެ ދެ ދައުވާ އާއި މަގާމު ނުފޫޒު ބޭނުންކުރުމުގެ ދެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރކުރުމުގެ ކުށުގެ ދެ ދައުވާއެވެ. އެހުރިހާ ދައުވާއެއް ސާބިތު ވެއަދީބު އަންނަނީ 20 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒްކުރައްވަމުންނެވެ.