ޚަބަރު

އެންމެ ހިތްދަތިވީ، ރައީސް ޔާމީންގެ ވެރިކަމުގައި މަޖިލީހުން ނެރެ އެއްލާލި ދުވަހު - ޝާހިދު


ރައްޔިތުންގެ މަޖިލީހުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި އެންމެ ހިތްދަތިވީ ރައީސް ޔާމީންގެ ސަރުކާރުގައި، މަޖިލީހުގެ ޢިދާރާއިން "ނެރެ އެއްލާލި ދުވަހު"ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައިސް މިހާރުގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އައު ޤާނޫނު އަސާސީގެ ދަށުން 2009ވަނަ އަހަރު އެކުލަވާލެވުނު 17ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އިންތިޚާބުވެވަޑައިގެންނެވި އަބްދުﷲ ޝާހިދު ވިދާޅުވީ، 18ވަނަ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މަސައްކަތްކުރިކަމަށާއި އެގޮތުން މަޖިލީހަށް މެންބަރުން ވަނަނުދީ ހިންގި ކަންކަމުގެ ސަބަބުން މަޖިލީހުގެ މެންބަރަކަށް އިންނެވިއިރު ވަރަށްބޮޑު ހިތްދަތިކަމެއް ލިބުނުކަމްށެވެ.

ރައްޔިތުންގެ މަޖިލީހުގައި އެކުގައި މަސައްކަތްކުރެއްވި ވަރަށްގިނަ މެމްބަރުންނާމެދު ރައީސް ޔާމީންގެ ސަރުކާރުން ވަރަށް އިހާނެތިގޮތަކަށް އަނިޔާވެރިވެފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. އޭގެތެރެއިންވެސް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ނަންފުޅު ޝާހިދު ފާހަގަކުރެއްވިއެވެ.

18ވަނަ ރައްޔިރުންގެ މަޖިލީހުގެ ދުވަސްވަރު، މަޖިލީހުގެ ޖަލްސާ ނުބާއްވަން ރިޔާސަތުން ނިންމާފައިވަނިކޮށް މަޖިލިސް ޖަލްސާ ބޭއްވުމަށް ގޮވާލާ މަޖިލީހުގެ އިދާރާއަށް ވަނުމުން ބައެއް މެމްބަރުން ގަދަކަމުން މަޖިލީހުން ނެރެފައިވެއެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ރައްޔިތުންގެ މަޖިލިސް ގެންގޮސް ސިފައިން މެދުވެރިކޮށް މަޖިލީހުގެ ބައެއް މެމްބަރުން މަޖިލީހުން ބޭރުކޮށްފައިވެއެވެ. އަދި ބައެއް މެމްބަރުން ގަދަކަމުން މަޖިލީހުގެ ގޯތިތެރެއަށް ވަނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވެސްވެއެވެ. އޭރުގެ ސަރުކާރުން ވިދާޅުވެފައިވަނީ ސިފައިން މަޖިލީހުގެ ސަލާމަތީކަންކަން އެމިންވަރަށް ބަލަހައްޓަންޖެހުނީ މަޖިލީހުން އަންގަވައިގެންކަމަށެވެ. މިކަންތައްތައް ޢަބްދުﷲ ޝާހިދު ސިފަކުރެއްވީ ރައީސް ޔާމީންގެ ޚުދުމުޚުތާރު އަނިޔާވެރި ޢަމަލުފުޅެއްގެގޮތުގައެވެ.

"އަޅުގަނޑަކީ މަޖިލީހުގެ ރައީސްކަންކޮށްފައި، ރައްޔިތުންގެ މަޖިލީހުގައި ޒަމާންތަކެއްވަންދެން ހުރި މެންބަރަކަށްވެފައި، އަޅުގަނޑު އެންމެ ހިތުގަޖެހުނު އެއްދުވަހަކީ އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ ސަރަޙައްދުން، ރާއްޖޭގެ ސަލާމަތީ ޚިދުމަތްތައް ބެނުންކޮށްގެން ނެރެ މަޖިލީހުން އެއްލާލި ދުވަސް. އެދުވަހު އެތަންހުރީ ސަރުކާރުގެ ޚުދުމުޚުތާރު ވެރިކަމުގެ ބާރުގެ ދަށަށް ގެންގޮސްފައި" އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްގެ އެކްސްކުލޫސިވް ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މަޖިލީހުގެ ހޭދަކުރެއްވި ދުވަސްތަކާއި 17ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި ހުންނަވައިގެން ކުރެވުނު ތަޖުރިބާތައް ޙިއްސާކުރައްވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ޙަޔާތުގައި ކުރިމަތިވެވަޑައިގެންނެވި އެންމެ ދަތި އުނދަގޫ އެއްދުވަހަކީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން ރައީސް ނަޝީދު އިސްތިއުފާދެއްވައި ޑރ.މުޙައްމަދު ވަޙީދު ހަސަން މަނިކު ރައީސުލްޖުމްހޫރިއްޔާކަމުގެ ޙުވައި ކުރެއްވި ދުވަސްކަމަށެވެ.

ޝާހިދު ވިދާޅުވީ ޤާނޫނުއަސާސީގައިވާ މަޤާމުތަކުގެ ޒިންމާ އުފުލަން އެމަޤާމުތަކުގައި ތިބޭ މީހުންނަށް ޒިންމާ ޢަދާކުރެވޭނީ ޤާނޫނު އަސާސީގެ އިމުގެ ތެރެގައިކަން ކަށަވަރުވެގެންދިޔައީ 2012ވަނަ އަހަރުގެ ފެބްރުއަރީ 7ގައި ކަމަށެވެ.

މިހާރު އަމަލުކުރަމުންދާ ފެހި ޤާނޫނު އަސާސީއާ ކުރިން ރާއްޖޭގައި އަމަލުކުރަމުންއައި ޤާނޫނު އަސާސީތަކާ އެންމެ ބޮޑު އެއް ތަފާތަކީވެސް އެކި މަޤާމުތަކުގައި ތިއްބަވާ ބޭބޭފުޅުން މަޤާމުތަކުން އިސްތިއުފާދެއްވުމުގެ އުސޫލުކަމަށް ޝާހިދު ވިދާޅުވިއެވެ.

ކުރިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މަޤާމުތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އެފަދަ އެހެން މަޤާމަކުން ބޭފުޅަކު އިސްތިއުފާދޭނަމަ އިސްތިއުފާގެ ސިޓީ ހަވާލުކުރުމަށްފަހުވެސް ސިޓީ ލިބޭ ފަރާތުން އެކަން ޤަބޫލުކުރަންދެން އެމަޤާމެއްގައި ހުންނަމީހާ މަޤާމުގައި ދެމިހުންނަކަން ޝާހިދު ފާހަގަކުރެއްވިއެވެ. ނަމަވެސް އެކަމަށް ހައްލެއް ގެނައުމަށް މިހާރުގެ ޤާނޫނު އަސާސީގައި އެކަން އޮންނަނީ އެއްވެސް މަޤާމަކުން މީހަކު އިސްތިއުފާދީފިނަމަ އެމީހަކު ހުށައަޅާ އިސްތިއުފާގެ ސިޓީ ފޮނުުވުމާއެކު އެމަޤާމު ހުސްވާގޮތަށްކަމަށާ، ރައީސުލް ޖުމްހޫރިއްޔާގެ މަޤާމު ހުސްވުމުގެ މާއްދާގައިވެސް އޮންނަނީ ހަމައެމޭރުމުންކަމަށް ޝާހިދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަތްޕުޅަށް ރައީސުލްޖުމްހޫރިއްޔާގެ އިސްތިއުފާގެ ސިޓީ ލިބުމުން އެމަޤާމު ހުސްވީކަމަށާ، އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ގޮތް ނިންމުމުގެ އިޚްތިޔާރުއޮންނަ ކަމަކަށް ނުވުމުން ފެބްރުއަރީ 7ވަނަ ދުވަހު އަމަލުކުރެއްވީ ކޮންމެ ހާލަތެއްގައިވެސް ޤާނޫނު އަސާސީ ނަގަހައްޓައި ހިފެހެއްޓުމަށްކަމަށް ޝާހިދު ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އިސްތިއުފާދެއްވާފައި، އެސިޓީ އަޅުގަނޑަށް ފޮނުއްވި ހިސާބުން އެމަޤާމު ހުސްވީ. ދެން އަމަލުކުރަންވީގޮތްވެސް ޤާނުނު އަސާސީގައިއޮވޭ. ދެން އަޅުގަނޑު އެދުވަހު އަމަލުކުރީ އެހާތަނަށްވެސް މަޖިލިސް ރައީސެއްގެ ގޮތުން އަމަލުކުރަމުންގެންދާ އުސޫލުގެމަތިން ޕާޓީތަކުގެ ޕީޖީ ލީޑަރުންނާ މަޝްވަރާކުރުމަށްފަހު. އެގޮތަށް އެކަން ކުރިއަށްގެންދިޔަނަމަވެސް އެއީ އަޅުގަނޑުވެސް އަދި ރާއްޖޭގެ ޤާނޫނީ ޙުކޫމަތެއް ހިންގަންބޭނުންވާ އެއްވެސް މީހަކު އަންނަން އެދޭނެ ދުވަހެއްނޫން" އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އެދުވަހުގެ ފަހުން ރާއްޖޭއަށްއައި ހަލަބޮލިކަމާއި ރާއްޖޭގެ ހިނގުމަށް އައި ލޮޅުންތައްފަދަ ކަންކަމަކީ ވަރަށް ދެރަކޮށް ހިނގާފައިވާ ކަންތައްތަކެއްކަމަށެވެ.

އައު ޤާނޫނު އަސާސީގެ ދަށުން 2009ވަނަ އަހަރު އެކުލަވާލެވުނު 17ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އިންތިޚާބުވެވަޑައިގެންނެވީތީ ފަޚުރުވެރިވެވަޑައިގަންނަވާކަން ފާހަގަކުރައްވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ، އެ 5 އަހަރު މަޖިލިސް ކުރިއަށްގެންދެވޭތޯ މަސައްކަތްކުރީ ޤައުމުގެ އެންމެމަތީ މަސްލަޙަތު ހިމާޔަތްކުރުމާއެކު، ޤާނޫނު އަސާސީ ނެގެހެއްޓުމުގެ ޒިންމާއަދާކުރުމަށްކަމަށެވެ. އަދި އެމަސައްކަތް ކުރެވެން އޮތް އެންމެ ރަނގަޅަށް ކުރެވުނުކަމުގެ ހިންހަމަޖެހުން އެބައޮތްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރަކަށް ހުނެނވުމަށްފަހު، 1995 ވަނަ ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ އިންތީޚާބީ މެންބަރެއްގެ ގޮތުގައި 18ވަނަ ރައްޔިތުންގެ މަޖިލިސް ނިންމެންދެން ހުންނެވި ޢަބްދުﷲ ޝާހިދަކީ 1998ގައި ނޫ ޤާނޫނު އަސާސީ ފާސްކުރި މަޖިލީހުގައި އިންނެވި ބޭފުޅެކެވެ.

ޝާހިދު ވިދާޅުވީ މިހާރު ބޭނުންކުރަމުންދާ ފެހި ޤާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތުން ފެށިގެން ނިމެންދެން އެކަމުގެ އެންމެ އެތެރޭގައި ހުރެވުމުން އެޤާނޫނު އަސާސީ ގެންނަން އޭރު އެންމެން ކުރި ބުރަ މަސައްކަތް ރަނގަޅަށް އިހުސާސްކުރެއްވޭކަމަށެވެ.