ވިޔަފާރި

އިންވެސްޓްމަންޓް ފޯރަމްގައި މާލީ ދާއިރާއަށް ހާއްސަ އިސްކަމެއް


މިއަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި ޙާއްސަ އިސްކަމެއްދެއްވުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި، އެކި ކަހަލަ މާލީ މުވައްސަސާތައް ރާއްޖެއަށް ތައާރަފްކުރުމާއި ގުޅޭ މަޝްރޫއުތައް ހިމެނޭ ކަމަށްް ރަޖިސްޓްރާ އޮފް ކޮމްޕެނީސް، މައިޔަމް ވިސާމް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ 'މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމާއި' ގުޅޭގޮތުން ޕީއެސްއެމަށް ދެއްވި ޙާއްސަ އިންޓަރވިއުއެއްގައި ވިސާމް ވިދާޅުވީ އަންނަ މަހުގެ 19 ވަނަ ދުވަހު ޗައިނާގެ ބެއިޖިންގައި ބޭއްވުމަށް ހަމަޖެހިފައިވާ 'މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް'ގައި މާލީ ދާއިރާއާއި ގުޅޭ ތަފާތު މުވައްސަސާތައް ރާއްޖޭގައި ތަރައްޤީކުރުމާއި ގުޅޭ މަޝްރޫއުތައް ކަމަށްވާ، ކެޕިޓަލް މާރަކެޓް އަދި ކޮމަރޝަލް ބޭންކްތައް ރާއްޖޭގައި އިތުރަށް ތަރައްޤީކުރުމާއި ގުޅޭ މަޝްރޫއުތައް ހިމެނޭ ކަމަށެވެ.

އަދި މި އަހަރު އިސްކަން ދޭ ދާއިރާތަކުގެ ތެރޭގައި އެންވަރަމަންޓް މިނިސްޓްރީގެ އިސްނެންގެވުމުގެ މަތިން އިޔާދަކުރަނިވި ހަކަތައާއި ގުޅޭ މަޝްރޫތަކެއްވެސް އިންވެސްޓްމަންޓް ފޯރަމަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށާއި ޒުވާނުންނަށް ޙާއްސަކުރެވިގެން ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތައް ކަމަށްވާ، ޔޫތު ސިޓީ އަދި ސްޕޯޓްސް ކޮންޕްލެކްސް ފަދަ މަޝްރޫއުތައްވެސް މިއަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި ދައްކާލެވިގެންދާނެ ކަމަށެވެ.

މިއަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު  އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. އަދި ވީހާވެސް އަވަހަކަށް ރަޖިސްޓްރޭޝަންގެ ކަންތައްތައް ނިންމުމަށްވެސް އިކޮނޮމިކް މިނިސްޓްރީންވަނީ އެދިފައެވެ.

ވިސާމް ވިދާޅުވީ އަދިވެސް އިންވެސްޓްމަންޓް ފޯރަމްގެ ބައެއް ސްލޮޓްތަކުން ފުރުސަތު އެބައޮތް ކަމަށާއި ރަޖިސްޓްރީ ވާ ފަރާތްތަކަށް ރަޖިސްޓްރޭޝަން ކޮންފަމޭޝަން ދޭނީ ރަޖިސްޓްރީ ވުމުގެ އެއްމެ ފަހުގެ ތާރީހުގެ ފަހުން ކަމަށެވެ.

މީގެ އިތުރުން މިއަހަރުގެ ފޯރަމްގެ އޯޑިއަންސްއަކަށް ވެގެން ދާނީ ބޮޑަށް އާސިއާންގެ ގައުމުތައްކަންވެސް ވިސާމް ފާހަގަކުރެއްވިއެވެ.