ޚަބަރު

ރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފާ ގޯނާ ކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނަން - އީޕީއޭ


ރާއްޖެއަށް ހިޖުރަ ކުރާ ދޫނިތައް ހިފާ ހައްޔަރުކޮށް ގޯނާ ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭއީން ބުނެފިއެވެ.

ކޮންމެ އަހަރެއްގެވެސް މި ދުވަސްވަރަކީވެސް ދުނިޔޭގެ އެކި ހިސާބުތަކުން ގިނަ ބާވަތްތަކުގެ ދޫނި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރެއްކަމަށާއި، މިދުވަސްވަރު ފުޓުބޯޅަ ދަނޑުތަކުގައާއި، ހާމައަށް ހުންނަ ބިންތަކުގައާއި ހިއްކާފައިވާ ބިންތަކުގައި މަޅިފައްޗާއި ދަންތުރައާއި އެކި އާލާތްތައް ބޭނުންކޮށްގެން މިފަދަ ދޫނިތައް ހިފާކަމުގެ ޝަކުވާ އީޕީއޭއަށް ލިބެމުން އަންނަކަމަށް އެފަރާތުންވަނީ ހާމަކުރައްވާފައެވެ. އެހެންކަމުން ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފާ އެތަކެއްޗައް ގޯނާކޮށް ނުހެދުމަށް އެއިދާރާއިން ވަނީ ނަސޭހަތްތެރިވެފައެވެ.

މިކަމާ ގުޅޭ ގޮތުން އީޕީއޭއިން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ، ހިޖުރަކުރާ ދޫނިތައް ހިފާ ހައްޔަރުކޮށް އެތަކެއްޗަށް ގޯނާކުރާ ފަރާތްތަކާމެދު "ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު" އާއި "ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދު"ގެ ދަށުން ޖޫރިމަނާ ކުރާނެ ކަމަށެވެ.

"ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދު"ގައިވާ ގޮތުން ރާއްޖެއަށް ހިޖުރަކުރާ ދޫނީގެ އެއްވެސް ބާވަތެއް ހިފުމާއި، ގެންގުޅުމާއި، އޭގެ ބައިތައް ބޭނުންކޮށްގެން ވިޔަފާރިކުރުމާއި، ދޫނީގެ ބިސް ނެގުމާއި، ދޫންޏަށް ނުވަތަ އެތަކެތީގެ ހާއްޔަށް އެއްވެސް ގޯނާއެއް ކުރުމަކީ މަނާކަމެކެވެ. އަދި މިއިން ކަމެއްކޮށްފިނަމަ ފަސްސަތޭކަ އެއްރުފިޔާއާއި ފަންސާސްހާސް ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، މިއިން ކަމެއް ތަކުރާރުކުރާ ކޮންމެ ފަހަރަކު އެންމެފަހުން ކުރި ޖޫރިމަނާ އަދަދަށް އެއްހާސްރުފިޔާ އިތުރުކުރެވޭނެ ކަމަށް މިޤަވާޢިދުގައި ބުނެފައިވެއެވެ.

ރާއްޖޭގައި އާއްމުކޮށް އުޅޭ ދޫނިތަކުގެ ތެރެއިން ހިމާޔަތްކޮށްފައިވާ ކަމަށް މިޤަވާއިދުގައި ބަޔާންކޮށްފައިވާ ދޫނިތަކަކީ:


* ދިވެހި ކަނބިލި
* ހުވަދޫ ރާނބޮދި
* ދިވެހި ރާބޮނދި
* މެދު ރާއްޖެތެރޭ ރާބޮނދި
* ދިވެހި ކޮވެލި
* ކާޅު

މިދޫނިތައް ފިޔަވައި ދިވެހިރާއްޖޭގެ މާހައުލުން ފެންނަ އެހެން ހުރިހާ ދޫންޏަކީ ރާއްޖެއަށް ހިޖުރަކުރާ ދޫނީގެ ގޮތުގައި ބެލެވިދާނެ ކަމަށް މިޤަވާޢިދުގައި ބަޔާންކޮށްފައިވެއެވެ.

ރާއްޖެއަށް ކޮންމެ އަހަރެއްގެވެސް އިރުވައި މޫސުމާ ދިމާކޮށް ގިނަ ބާވަތްބާވަތުގެ ދޫނި އަންނަމުން ދެއެވެ. މިގޮތައް އަންނަ ދޫނިތަކާ ހިމާޔަތްކޮށްފައިވާ ދިރޭ އެއްޗެތި އެޖެންސީން ހުއްދަ ލިބިގެން، ދިރާސާއެއް ކުރުމަށް ނުވަތަ އެފަދަ ބޭނުމަކަށް، ހިފުމާއި، ގެންގުޅުން އަދި އެތަކެތީގެ ބިސް ނެގުން މި ގަވާއިދުގެ ދަށުން އިސްތިސްނާ ވާނެއެވެ.