ބ.އަތޮޅު ދަރަވަންދޫގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ޕީސީއާރު މެޝިން އިންސްޓޯލްކޮށްފިއެވެ. ބ.އަތޮޅުގައި ހިންގާ ދެރިސޯޓްކަމަށްވާ ނޯޓިލަސް މޯލްޑިވްސްއާއި މިލައިދޫ ރިސޯޓުން ހަދިޔާކުރި މިޕީސީއާރު މެޝިނުން ކޯވިޑް-19ގެ ޓެސްޓްތައް ހެދުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރަމުންނެވެ.
ނރ.ބ.ޅ މި ހަތަރު އަތޮޅުގައި ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ކުރަމުންދާ ކަންކަން ބަލަހައްޓަމުން ގެންދަނީ ބ.އަތޮޅު ހޮސްޕިޓަލުންނެވެ. ދަރަވަންދޫ ސިއްޙީ މަރުކަޒުގައި ބެހެއްޓި މި މެޝިނުން ޓެސްޓްތައް ހެދުމަށް ޙާއްސަކޮށްގެން ލެބޯޓަރީއެއް ޤާއިމްކޮށް މުވައްޒަފަކުވެސް ވަނީ ތަމްރީންކޮށްފައެވެ. ބ.އަތޮޅު ހޮސްޕިޓަލުން ބުނީ، މި މުވައްޒަފުގެ އިތުރުން އިތުރު މުވައްޒަފެއްވެސް އައިޖީއެމްއެޗްގައި ތަމްރީން ކުރަމުންދާކަމަށެވެ. މި ޙިދުމަތް ފޯރުކޮށްދޭން ފަށާނީ ޙިދުމަތްދޭތަނާއި، މެޝިންގެ ކޮލިޓީ އެޝުއަރެންސް ހެދުމަށް ފަހުގައެވެ. މިކަން މި އަންނަ ހަފްތާތެރޭގައި ނިންމޭވަރުވާނެކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.
މި ޕީސީއާރު މެޝިނުން ދުވާލަކު 90 ސާމްޕަލް ޓެސްޓްކުރެވޭނެއެވެ.
މި މެޝިނުގެ ޙިދުމަތް ފޯރުކޮށްދޭން ފެށުމުން ބ.އަތޮޅުގައި ކޯވިޑް-19 އަށް ޓެސްޓްކުރުމަށް ފަސޭހަތަކެއް ވެގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން ދަރަވަންދޫގައި ހިންގާ ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް އިތުރު ވެގެންދާނެކަމަށް ގަބޫލްކުރެވެއެވެ.
ދަރަވަންދޫގައި ކޯވިޑް-19އަށް ޓެސްޓް ކުރާ މެޝިނެއް ބަހައްޓަން ނިންމީ، އެ ރަށަކީ އެއަރޕޯޓެއް އޮންނަ ރަށަކަށްވުމުން، ފަތުރުވެރިންގެ ސާމްޕަލް ޓެސްޓްތައް ހެދުމަށް ފަސޭހަވާނެތީކަމަށް މި ޕީސީއާރު މެށިން ހަދިޔާކުރި ދެރިސޯޓުން ބުނެއެވެ.
މި މެޝިން ބެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މި މަހުގެ 6 ވަނަދުވަހުއެވެ.