ކުޅިވަރު

މިލާނަށް ލީގު ކާމިޔާބުކުރެވިދާނެ: އިބްރަހިމޮވިޗް


އިޓަލީގެ އެސީ މިލާނަށް ލީގު ކާމިޔާބުކުރެވި ދާނެކަމަށް އެޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ސްވިޑެންގެ ޒަލަޓާން އިބްރަހިމޮވިޗް ބުނެފިއެވެ.

އިބްރަހިމޮވިޗް ބުނީ އޭނާ ޓީމަށް އައުމާއެކު އިތުރަށް ވަރުގަދަވެއްޖެކަމަށާއި ވިސްނުންވެސް ބަދަލުކުރެވިއްޖެކަމަށެވެ. އޭނާ ބުނީ ސީޒަންގައި ފުރަތަމަ ކޮޅުގައި ރަނގަޅު ނަތީޖާއެއް ހޯދުން މުހިންމުކަމަށާއި ލޮކްޑައުނަށްފަހު މިލާނުން ދައްކަނީ މުޅިން ތަފާތު ކުޅުމެއްކަމަށެވެ. ޓީމުން ވަރަށް އަވަހަށް ކުރިއެރުން ހޯދައިފި ކަމަށާއި ޓީމުގެ ތިބި ޒުވާން ކުޅުންތެރިންގެ ދައުރު ބޮޑުވެއްޖެކަމަށް އިބްރަހިމޮވިޗް ބުންޏެވެ.

ޒުވާން ކުޅުންތެރިން ތަމްރީންތަކުގައި ވަރަށް ބޮޑަށް މަސައްކަތް ކުރާކަމަށާއި އެއީ އެނާ ވަރަށް އުފާވާކަމެއްކަމަށް އިބްރަހިމޮވިޗް ބުންޏެވެ. ވިސްނުން ހުރީ މެޗެކަށް ފަހު މެޗަކަށް ކަމަށާއި ކޮންމެ މެޗެކަށް ވެސް ނުކުންނާނީ ފައިނަލެއް ކަމަށް ދެކިގެން ކަމަށް އޭސީ މިލާނަށް ދެވަނަ ފަހަރު ގުޅުނު ކުޅުންތެރިޔާ ބުންޏެވެ.

އޭނާގެ ލަނޑުތަކުން ޔޫރަޕުގައި ވާދަކުރަން ޓީމަށް ފުރަސަތު ލިބުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށް އިބްރަހިމޮވިޗް ބުންޏެވެ. ލީގުގައި އަދި ގިނަ މެޗުތަކެއް ކުރިޔަށް ހުއްޓަސް ވާނެގޮތެއް ނޭންގޭކަމަށާއި އެކަމަކު ލީގު ކާމިޔާބުކުރުމުގެ ފެންވަރު މިލާންގައި އެބަހުރިކަމަށް ކުރިން ވާދަވެރި ޔުވެންޓަސް އަދި އިންޓަ މިލާނަށް ކުޅުނު ކުޅުންތެރިޔާ ބުންޏެވެ.