ދުނިޔެ

މި މާމައަކީ އާދައިގެ މީހެއް ނޫން، އިންސްޓަގުރާމުގައިވެސް އެހާ ގަދަ


އިންޓަނެޓުގެ ސަބަބުން އެއްދުވަހަށްވުރެ އަނެއް ދުވަހު ދުނިޔެ ކުޑަވަމުންދާއިރު ގިނަ ޢަދަދެއްގެ އައު ތަރިންތަކެއްދަނީ ދުނިޔެއަށް ތަޢާރަފުވަމުންނެވެ. މީސްމީޑިއާއަށް ދޫކޮށްލާ ފޮޓޯގަނޑަކުން ނުވަތަ ވީޑިއޯތަކުން މަޝްހޫރުކަން ހޯދަމުންދާ މީހުންގެ ޢަދަދު މަދެއް ނޫނެވެ.

އިންޑިޔާގެ ދެކުނުގައި އޮންނަ ޓެލަންގަނާގެ ލަމްބަޑިޕައްލީގައި ދިރިއުޅޭ ގަންގައްވަ މިލްކޫރީއަށް މަޝްހޫރުކަން ލިބުނު ގޮތުގެ ވާހަކަ އެފަދަ އެހެން ވާހަކަތަކާ ވަރަށް ތަފާތެވެ. އަށް ކުދިންގެ މާމަ ގަންގައްވަ ޔޫޓިއުބަށް އަހުލުވެރިވީ ގޮތުގެ ވާހަކަ ތަފާތުވެފަ މަޖަލެވެ.

ގަންގައްވަ އުފަންވުމާ ގުޅޭ އެއްވެސް މަޢުލޫމާތެއް އަދި ލިޔެކިޔުމެއް ނެތުމުގެ ސަބަބުން ޚުދު ގަންގައްވައަށްވެސް އޭނާގެ ހަޤީޤީ އުމުރެއް ނޭނގެއެވެ. އޭނާ މަޝްހޫރުކަން ހޯދީ ފިލްމު ހަދާ މީހެއްކަމަށްވާ އޭނާގެ ދަނބި ދަރިފުޅު ސްރީކާންތު ސްރީރާމު ހަދާފައިވާ ޔޫޓިއުބު ޗެނަލް 'މައި ވިލެޖު ޝޯވ' އިންނެވެ.

2012ވަނަ އަހަރު ހަދާފައިވާ އެ ޗެނަލަށް މިހާތަނަށް 1.5 މިލިއަނަށްވުރެ ގިނަ މީހުންވަނީ ސަބްސްކްރައިބުކޮށްފައެވެ. އެއް މިލިއަން ސަބްސްކުރައިބަރުން ހަމަވުމުން 2019ވަނަ އަހަރު ޔޫޓިއުބުންވަނީ ދަ ވިލެޖް ޝޯވއަށް ޚާއްސަ އެވޯޑެއް ދީފައެވެ. އެ ޝޯވގެ އެންމެ މަގުބޫލު ވީޑިއޯ 30 މިލިއަނަށްވުރެ ގިނަ މީހުންވަނީ ބަލައިފައެވެ.

ގަންގައްވަގެ ޝޯވ ތައްޔާރުކުރުމުގައި ނުވަ މީހުންގެ ޓީމަކުން މަސައްކަތްކުރެއެވެ. އޭގެ ތެރޭގައި ލިޔުންތެރިންނާ އެޑިޓަރުންނާ ކެމެރާކުރާ މީހުން ހިމެނެއެވެ. އެ މީހުންގެ މަސައްކަތަކީ ރަށްފުށު ދިރިއުޅުމާއި އާއިލީ ގުޅުމާއި ބެހޭ މަޖާ އަދި ކުރު ޑްރާމާކޮޅު ތައްޔާރުކުރުމެވެ.

ދަނބިދަރިފުޅު ސްރީރާމް ދަ ވިލެޖު ޝޯވ އުފެއްދުމުގެ ކުރިން ޔޫޓިއުބަކީ ކޮން އެއްޗެއްކަންވެސް ގަންގައްވަ ނޭގެއެވެ. އޭނާ ބުނީ ރަށުތެރޭގައި ހުންނަ ގަސްތަކާއި މައުފަދަ ތަކެތީގެ ވީޑިއޯ އޭނާގެ ދަރިފުޅުގެ ފިރިމީހާ ނަގާތަން ފެނުމުން އެތަކެތި ވީޑިއޯކުރުމުގައި މީހަކު އެހާ ގިނަ ވަގުތު ބޭކާރުކުރަނީ ކީއްވެތޯ ހިތަށް އެރިކަމަށެވެ. އެއިރު ސްރީރާމް ތައްޔާރުކުރާ ވީޑިއޯތަކުގައި އޭނާ ބައިވެރިވެދާނެކަމަށް އެއްވެސް ވަރަކަށް ހިތަށް ނާރާކަމަށް އޭނާ ބުންޏެވެ.

ސްރީރާމްގެ ޝޯވްގައި ގުންގައްވަ އެންމެ ފުރަތަމަ ބައިވެރިވާން ފެށީ ކުޑަ ގޮތަކަށެވެ. ދޭތެރެއަކުން ޝޯވގައި ފެނިލަމުން ގޮސް އެ ޝޯވގައި މައި ދަޢުރެއް އޭނާ ޢަދާކުރަން ފެށީ 2017ވަނަ އަހަރުގައެވެ. އެ ޗެނަލް މަޝްހޫރުވާން ފެށީވެސް އެހާ ހިސާބުންނެވެ.

ސްރީރާމް ބުނީ އޭނާގެ މައިދައިތައަކީ ކެމެރާ ކުރިމަތީގައި އެއްވެސް ޖެހިލުމެއް ނެތި އޭނާގެ އަސްލު މިޒާޖާ އެއްގޮތަށް އެކްޓު ކުރާ މީހެއްކަމަށެވެ. އާންމުންގެ މެދުގައި އޭނާ އެހާ މަގުބޫލުވާ ސަބަބަކީ އެއީކަމަށްވުން ގާތްކަމަށް އޭނާ ބުންޏެވެ. ގަންގައްވައަކީ ލިޔަންކިޔަން އެނގޭ މީހަކަށް ނުވާތީ ޝޯވގައި އޭނާ ހުށަހަޅާ ބައިތައް އޭނާއަށް ދުރާލާ ކިޔައިދޭންޖެހޭކަމަށް ސްރީރާމް ބުންޏެވެ. ނަމަވެސް ކެމެރާކުރަން ފެށުމުން އޭނާގެ ބައި އޭނާ ހުށަހަޅާއިރު އެއީ އެއްވެސް ވަރަކަށް ކިޔާދީފައިވާ އެއްޗެއްހެން ހީވެސް ނުވެއެވެ.

ގަންގައްވަ ބުނީ މުސްކުޅިއަކަށްވެފައި ކިޔަވައިގެން ހުރި މީހަކަށް ނުވުމުން މީހުންނަށް އޭނާ ކަމުދަނީ އޭނާ ވާހަކަދައްކާ ވައްޓަފާޅީގެ ސަބަބުންކަމަށް ޤަބޫލުކުރާކަމަށެވެ.

ޔޫޓިއުބު ތަރިއަކަށްވުމުގެ ކުރިން ގަންގައްވަގެ ދިރިއުޅުމަކީ ފަސޭހަ ދިރިއުޅުމެއް ނޫނެވެ. އޭނާއަށް ރަސްމީ ތަޢުލީމު ލިބިފައެއް ނުވެއެވެ. ތަޢުލީމީ ޙަޔާތާ އެނާ ދުރަށް ދިޔައީ ގުރޭޑު އެކަކުންނެވެ. އާމްދަނީ ހޯދުމަށް އޭނާ ކުރި މަސައްކަތަކީ ދަނޑުހެއްދުމާއި ސިނގިރޭޓު ބަންދުކުރުމެވެ. އޭނާގެ ފިރިމީހާއަކީ ހަރުދަނާ މީހަކަށް ނުވުމުން އޭނާގެ ތިން ދަރިންގެ ކަންކަން ބެލެހެއްޓުމަށް ގަންގައްވައަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހުނެވެ. އޭނާގެ ދިރިއުޅުން ބަދަލުވީ މައި ވިލެޖު ޝޯވގައި ބައިވެރިވި ހިސާބުންނެވެ.

ޔޫޓިއުބަކީ އިންޑިޔާގެ ރައްޔިތުންގެ މެދުގައި މަޤުބޫލު މުނިފޫހިފިލުވުމުގެ ޕްލެޓުފޯމެކެވެ. ޔޫޓިއުބު ބޭނުންކުރާ އިންޑިޔާގެ 265 މިލިއަން މީހުން އިންޑިޔާގައި އެކަނި އެބަތިއްބެވެ. ޔޫޓިއުބުގެ އޭޝިޔާ ޕެސިފިކް ސަރަޙައްދުގެ ތަރުޖަމާނު ތޫ ގުޔެން ވިދާޅުވީ ޔޫޓިއުބަކީ ކޮންމެ ބަހަކުން ވާހަކަދައްކާ މީހަކަށްވެސް އުފެއްދުންތައް ޝާއިޢުކޮށް ބެލުންތެރިންތަކެއް ހޯދައި ކާމިޔާބުވުމަށް ބޭނުންކުރެވިދާނެ ޕްލެޓުފޯމެއްކަމަށެވެ.

އޭނާ ބުނީ ދަ ވިލެޖް ޝޯވގެ ކާމިޔާބީގެ ބޮޑު ބައެއް ގުޅިފައިވަނީ ޓެލަންގަނާގެ ރަސްމީ ބަހުރުވަ ކަމަށްވާ ޓެލުގު ބޭނުންކުރުން ކަމުގައެވެ. މި ދުވަސްވަރު އިނގިރޭސިބަހާއި ޤައުމުތަކުގެ މައި ބަސް ނޫން ބަސްތަކުން ހުށަހަޅައިދޭ ހުށަހެޅުންތަކަށް ލިބެމުންދާ ސަމާލުކަން އިތުރުވަމުންދާކަމަށް އޭނާ ބުންޏެވެ.

ގަންގައްވަގެ މަޝްހޫރުކަން ފޯރާފައިވަނީ ޔޫޓިއުބަށް އެކަންޏެއް ނޫނެވެ. އޭނާގެ އަމިއްލަ އިންސްޓަގުރާމު އެކައުންޓެއްވެސް އޮވެއެވެ. 41،000އަށްވުރެ ގިނަ މީހުން އެ އެކައުންޓު ފޮލޯކުރެއެވެ. މި ފަހުން އޭނާވަނީ ބޮޑު ސްކުރީނާ ހަމައަށްވެސް ދަތުރުކޮށްފައެވެ. 2019ވަނަ އަހަރު އޭނާވަނީ ޓެލުގު ބަހުން ނެރެފައިވާ ދެ ފިލްމެއްގައި ބައިވެރިވެފައެވެ.

ވަރަށް ފަހަކާ ޖެހެންދެން އޭނާ ދިރިއުޅޭ އަވަށުން ބޭރަށްވެސް ދަތުރުކޮށްފައިނުވާ ގަންގައްވަ ބުނީ އޭނާގެ މަޝްހޫރުކަމުގެ ސަބަބުން މިހާރު ވަރަށް ހިތްހަމަޖެހޭކަމަށެވެ. ކެމެރާ ކުރިމައްޗަށް ވަރަށް އަރައިހިތްވާކަމަށާއި އިންޑިޔާގެ އެކި ކަންކޮޅުތަކުގެ މީހުން އޭނާގެ ވީޑިއޯތައް ބަލާތީ ވަރަށް އުފާވާކަމަށެވެ. އޭނާގެ އަވަށަށް ޒިޔާރަތްކުރާ މީހުންނާއެކު ސެލްފީ ނަގާކަމަށްވެސް އޭނާ ބުންޏެވެ.

ދަ ވިލެޖް ޝޯވގައި ޖަހައި އިސްތިހާރުތަކުގެ ސަބަބުން ގަންގައްވައަށް މިހާރު ރަނގަޅު އާމްދަނީ އެއްލިބެއެވެ. އޭގެ ސަބަބުން އޭނާގެ ހުރިހާ ދަރަންޏެއް ޢަދާކުރެވިފައިވާކަމަށް އޭނާ ބުންޏެވެ. އޭނާގެ އުންމީދަކީ ކުރިމަގުގައި އަމިއްލަ ގެއެއް އިމާރާތްކުރުމެވެ.

ޔޫޓިއުބު މެދުވެރިކޮށް ގަންގައްވައާއި ސްރީރާމަށް ލިބޭ އާމްދަނީ އެމީހުން ދިރިއުޅޭ އަވަށުގެ މީހުންނާވެސް ޙިއްޞާކުރެއެވެ. އެ މީހުންވަނީ އެމީހުންގެ ޕްރޮޑަކްޝަން އޮފީހުގައި އެންމެންނަށް ބޭނުންކުރެވޭގޮތަށް ކުޑަ ކުތުބުޚާނާއެއްވެސް ހުޅުވައިފައެވެ.

ސްރީރާމް ބުނީ ޔޫޓިއުބުގެ ސަބަބުން މީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތައް އަންނަމުންދާކަމަށެވެ. އޭގެ ބޭނުން ރަނގަޅުގޮތުގައި ހިފައިނަމަ ކޮންމެ މީހަކަށްވެސް ތަރިއަކަށް ވެވިދާނެކަމަށާއި ދިރިއުޅުމުގައި ދިމާވެފައިވާ ދަތިތަކަށް ޙައްލު ހޯދުމަށް މަގުފަހިވާނެކަމަށެވެ. ޔޫޓިއުބުގެ ސަބަބުން އަވަށުގައި ދިރިއުޅޭ މީހުންގެ ދިރިއުޅުމަށްވެސް ހެޔޮ ބަދަލެއް އައިސްފައިވާކަމަށް އޭނާ ބުންޏެވެ.