ދުނިޔެ

ކޯވިޑްގެ އަދަދު 40 މިލިއަން ހުރަސްކުރަނީ، ފެތުރެނީ ޔޫރަޕްގައި


ރެކޯޑް އަދަދަކަށް ކޯވިޑަށް މީހުން ޕޮޒިޓިވްވެ ބަލީ ޖެހުނު މީހުންގެ އަދަދު 40 މިލިއަން ހުރަސްކުރުމާއި ގާތަށް އަތުވެއްޖެއެވެ. މިހާތަނަށް އެއްދުވަހެއްގެ މައްޗަށް އެންމެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވީ މިިދިޔަ ހުކުރުދުވަހުއެވެ. އެދުވަހު ހަތަރު ލައްކައަށް ވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.

އެންމެ ފުރަތަމަ ކޯވިޑް-19 ފެތުރެން ފެށުނު ދުވަސްވަރު ވިލާތުގެ ޤައުމުތަކުގެ ޙާލަތުވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އޭގެ ފަހުން ބަލިޖެހޭ މީހުންގެ ޢަދަދު ދަށްވުމަށްފަހު ވިލާތުގެ ޤައުމުތަކުގައި ބަލިފެތުރޭ މިންވަރުވަނީ އަނެއްކާވެސް ވަރަށް ބޮޑަށް އިތުރުވާން ފަށައިފައެވެ.

ފާއިތުވި ހަފުތާގެ ތެރޭގައި ދުވާލަކު 140،000އަށްވުރެ ގިނަ މީހުންނަށް ބަލިޖެހި މިވަގުތު އެންމެ ހަލުވިކޮށް ބަލިފެތުރެމުންދާ ސަރަޙައްދުގެ ގޮތުގައި އޮތީ ވިލާތެވެ. އެއީ އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވާ އިންޑިޔާއާއި ބުރެޒިލާއި އެމެރިކާގައި ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދު އެއްކޮށްލުމުން އަންނަ ޢަދަދަށްވުރެވެސް އިތުރު ޢަދަދެކެވެ. ކޯވިޑް-19 ޖެހިފައިވާކަމަށް ދުނިޔެއިން ރިޕޯޓުކުރަމުންދާ ކޮންމެ 100 މީހެއްގެ ތެރެއިން 34 މީހުންނަކީ ވިލާތުގެ ޤައުމުތަކުގައި ތިބި މީހުންކަމަށް ރިޕޯޓްތައް ބުނެއެވެ. ވިލާތުގެ ސަރަޙައްދުތަކުން ކޮންމެ ނުވަ ދުވަހަކުން އެއް މިލިއަން މީހުންނަށް ބަލިޖެހެމުންދާއިރު އެ ސަރަޙައްދުން މިހާތަނަށް ޖުމްލަ 6.3 މިލިއަން މީހުންނަށްވަނީ ބަލިޖެހިފައެވެ.

ވިލާތުގެ ޤައުމުތަކުން މި ހަފުތާގެ ތެރޭގައި ބަލިޖެހިފައިވާ މީހުންގެ ތެރެއިން ދެބައި ކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަކީ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ރަޝިޔާއާއި ނެދަލޭންޑްސްގެ އިތުރުން ސްޕެއިނުގެ ރައްޔިތުންނެވެ. ފާއިތުވި 7 ދުވަސްތެރޭގައި ވިލާތުގެ ޤައުމުތަކުގެ ތެރެއިން ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހެމުންދަނީ ފަރަންސޭސިވިލާތުގައެވެ. އެއީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 19،425 ޕޮޒިޓިވް ކޭހެވެ. ދެން އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވަނީ އިނގިރޭސިވިލާތުގައެވެ. އެއަށްފަހު އެ ލިސްޓުގައި ދެން ހިމެނެނީ ރަޝިޔާއާއި ސެޕްއިނާއި ނެދަލޭންޑްސެވެ.

ބަލިފެތުރުން ހުއްޓުވުމަށް ވިލާތުގެ ޤައުމުތަކުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގިނަ ޤައުމުތަކެއްގެ މަދަރުސާތައް ބަންދުކޮށް، ކޮންމެހެން މުހިންމު ނޫން ސާޖަރީފަދަ ޚިދުމަތްތައް ދިނުންވަނީ ހުއްޓާލާފައެވެ. އަދި ބަލިޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ޑޮކްޓަރުކަން ކިޔަވަމުންދާ ދަރިވަރުންގެ އެހީތެރިކަންދަނީ ހޯދަމުންނެވެ. އެގޮތަށް ޢަމަލުކުރަމުންދާ އެއް ޤައުމުގެ ތެރޭގައި ޗެކް ރިޕަބްލިކް ހިމެނެއެވެ.

ރަޝިޔާއިން ދަނީ އިންޓަނެޓު މެދުވެރިކޮށް އުނގަންނައިދިނުމަށް މަދަރުސާތަކުގެ ވައްޓަފާޅި ބަދަލުކުރަމުންނެވެ. ނޯދަން އަޔަލެންޑުންވަނީ ދެ ހަފުތާގެ މުއްދަތަށް މަދަރުސާތައް ބަންދުކޮށް ހަތަރު ހަފުތާގެ މުއްދަތަށް ރެސްޓޯރަންޓުތަކާއި ކެފޭތައް ބަންދުކޮށްފައެވެ. ސްޕެއިނުގެ ކެޓެލޯނިއާގެ ރެސްޓޯރަންޓުތައް 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައިވާއިރު ފިހާރަތަކަށް ވަދެވޭ މީހުންގެ ޢަދަދުވަނީ މަދުކޮށްފައެވެ. ޕޯލެންޑުންދަނީ އިތުރު ނަރުހުންނަށް ތަމްރީނު ދީ އަސްކަރީ ފީލްޑު ހަސްފަތާލުތައް ޤާއިމްކުރުމާއި މެދު ވިސްނަމުންނެވެ.

މިހާތަނަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވަނީ މެދުތެރޭ އެމެރިކާގެ ސަރަޙައްދުތަކުގައެވެ. އެއީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ބަލިޖެހިފައިވާ 39.9 މިލިއަން މީހުންގެ 27 އިންސައްތައެވެ. އެއަށްފަހު ދެން އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވަނީ އޭޝިޔާއާއި އުތުރު އެމެރިކާއާއި ވިލާތުގައެވެ.

އިންޑިޔާގައި ބަލިފެތުރޭ މިންވަރުވަނީ މިދިޔަ މަހާ އަޅައިބަލައި އިރު ކޮންމެވެސް ވަރަކަށް ދަށަށް ގޮސްފައެވެ. ފާއިތުވި ތިން ހަފުތާގެ ތެރޭގައި އިންޑިޔާގައި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ 22 އިންސައްތަ ދަށަށްގޮސްފައެވެ.

މިހާތަނަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހި އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާ ޤައުމުގެ ގޮތުގައި އޮތީ އެމެރިކާއެވެ. އެ ޤައުމުގައި ބަލިފެތުރޭ މިންވަރު އަދިވެސްދަނީ އިތުރުވަމުންނެވެ. އަދި ބަލީގައި ޙާލުދެރަވެގެން ހަސްފަތާލުގައި ފަރުވާ ދޭންޖެހޭ މީހުންގެ ޢަދަދުވެސްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އެންމެ ބޮޑަށް ކޯވިޑް ބަލި ފެތުރޭ ސަރަހައްދަކީ ޔޫރަޕްގެ ޤައުމުތައް ނަމަވެސް އެންމެ ގިނަ މީހުންނަށް އެއް ޤައުމަކުން މި ބަލީ ޖެހިފައިވަނީ އެމެރިކާގެ ރައްޔިތުންނަށެވެ. އެ ޤައުމުން މި ބަލި ޖެހުނު މީހުންގެ އަދަދު އަށެއް ޕޮއިންޓް ސުމެއް އަށެއް މިލިއަނަށް އަރައެވެ.

ދެވަނައަށް އެންމެ ގިނަ މީހުންނަށް ބަލި ޖެހުނު އިންޑިއާއިން މި ބަލި ޖެހުނު މީހުންގެ އަދަދު 7.4 މިލިއަނަށް އަރައެވެ. ތިންވަނަގައި އޮތް ބްރެޒިލުން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 5.2 މިލިއަން ހުރަސްކޮށްފައެވެ.

މިިދިޔަ އަހަރު ފަހުކޮޅު ޗައިނާގެ ހޫބޭ ޕްރޮވިންސުން އުފަންވި ކޯވިޑް-19 ޖެހިގެން މިހާތަނަށް 1.1 މިލިއަން މީހުންވަނީ މަރުވެފައެވެ.