ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19އާ ދެކޮޅަށް ވެކްސިނެއް ތައްޔާރުކުރުމަށް ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެކި ސަރަޙައްދުތަކުގައި އެތައް ހާސް ބައިވެރިންނާއެކު ގިނަ ވެކްސިންތަކެއްގެ ތަހުލީލުތައް ދަނީ ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ. އެ ތަހުލީލުތަކުގެ އިބްތިދާޢީ ނަތީޖާތައް ބައެއް ކުންފުނިތަކުން ހާމަކުރަމުންދާއިރު ކެނެޑާއާއި ވިލާތުގެ ބައެއް އިދާރާތަކުންދަނީ އެ މަޢުލޫމާތުތައް ދިރާސާކުރަމުންނެވެ. ވެކްސިނެއް ހޯދުމަށް ދުނިޔެއިން ކުރަމުންދާ މަސައްކަތް ގޮސްފައިވާ ހިސާބުގެ މައްޗަށް ބަލައިލާނަމެވެ.
އެމެރިކާގެ ބޭސް އުފައްދާ ކުންފުންޏެއްކަމަށްވާ ޕްފިޒާދަނީ ޖަރުމަނުވިލާތުގެ ބަޔޯއެންޓެކު ކުންފުންޏާއެކު ވެކްސިނެއްގެ މަސައްކަތްކުރަމުންނެވެ. އޭގެ އިތުރުން އެމެރިކާގެ މޮޑާނާ އިންކާއި އިނގިރޭސިވިލާތުގައި މަރުކަޒުވެފައިވާ އެސްޓްރެޒެނެކާ ޕީއެލްސީއާ އޮކްސްފޯޑު ޔުނިވަސިޓީއާ ގުޅިގެން ތައްޔާރުކުރުމަށް މަސައްކަތްކުރަމުންދާ ވެކްސިންތަކުގެ ނަތީޖާ ދިރާސާކޮށް މި އޮކްޓޯބަރު މަހުގައި ނުވަތަ ނޮވެމްބަރު މަހުގެ ތެރޭގައި ގިނަ މަޢުލޫމާތުތައް ލިބޭނެކަމަށް ބެލެވެއެވެ. އެ ކުންފުނިތަކަށްވުރެ ތަންކޮޅެއް ފަހަތުގައި އޮތީ ޖޮންސަން އެންޑް ޖޮންސަން ކުންފުނިން ތައްޔާރުކުރަމުންދާ ވެކްސިނެވެ.
ވެކްސިން ތައްޔާރުކުރުމަށް މަސައްކަތް ކުރަމުންދާ ކުންފުނިތަކުންދަނީ ތަހުލީލުގައި ބައިވެރިވާ ޞިއްޙަތު ރަނގަޅު މީހުންގެ ތެރެއިން ބައެއް މީހުންނަށް ތަހުލީލުކުރަމުންދާ ވެކްސިން ދީ އަނެއް ބައި މީހުންނަށް އެ ދެވެނީ ވެކްސިނެކޭ ހީވާ ފަދަ ޕްލެސީބޯއެއް ދެމުންނެވެ. އެ ކުންފުނިތަކުންދަނީ އަސްލު ވެކްސިން ދީފައިވާ މީހުންނާއި ޕްލެސީބޯ ދީފައިވާ މީހުންގެ މެދުގައި ބަލި ފެތުރޭ މިންވަރުގެ ފަރަގު ކައިރިން ދިރާސާކުރަމުންނެވެ.
ތަހުލީލުތަކުގައި ބައިވެރިވާ މީހުންނަށްވެސް އަދި ދިރާސާކުރާ މީހުންނަށްވެސް އަސްލު ވެކްސިން ދީފައިވާ މީހުންނަކީ ކޮބައިކަމާއި ޕްލެސީބޯ ދީފައިވަނީ ކޮން ބަޔަކަށްކަމެއް ނޭނގޭނެއެވެ. އެ މަޢުލޫމާތު ހާމަކުރާނީ ނަތީޖާ ދިރާސާކުރާ ހިސާބުންނެވެ.
ނަތީޖާތައް ބަރޯސާވަނީ ތަހުލީލުގައި ބައިވެރިވެފައިވާ މީހުންނަށް ގުދުރަތީ ގޮތުން ބަލިޖެހުމުގެ މައްޗަށެވެ. އެހެންކަމުން ނަތީޖާ ލިބުމަށް ނަގާ ވަގުތު ގުޅިފައިވަނީ ތަހުލީލު ކުރަމުންދާ ސަރަޙައްދުގައި ބަލިފެތުރޭ ހަލުވިމިނުގެ މައްޗަށެވެ. ބަލީގެ ސަބަބުން ޙާލަތު ގޯސްވެފައިވާ ސަރަޙައްދުތަކުގައި ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވާން ނަގާ މުއްދަތު އަވަސްވާނެއެވެ.
އެމެރިކާއާއި ވިލާތުގެ އިއްތިޙާދާއި އިނގިރޭސިވިލާތާއި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިންވަނީ ވެކްސިނެއް ކާމިޔާބުކަމަށް ކަނޑައެޅުމަށް މިންގަނޑުތަކެއް ތައްޔާރުކޮށްފައެވެ. ކާމިޔާބު ވެކްސިނެއްގެ ގޮތުގައި ކަނޑައެޅުމަށް ތަހުލީލުކުރާ ވެކްސިނެއް 50 އިންސައްތައިގެ 'އެފިކަސީ' ޙާޞިލްކުރަންޖެހޭނެއެވެ. އޭގެ މާނައަކީ ވެކްސިން ދީފައިވާ މީހުންގެ ތެރެއިން ބަލިޖެހިފައިވާ މީހުންނަށްވުރެ ޕްލެސީބޯ ދީފައިވާ މީހުންގެ ތެރެއިން ބަލިޖެހޭ މީހުންގެ ޢަދަދު ދެގުނައަށް އިތުރުވެފައިވުމެވެ.
ތަހުލީލުތަކުން އެއްކުރާ ފުރިހަމަ މަޢުލޫމާތަކީ ކުންފުނިތަކާއި ދިރާސާކުރާ ފަރާތްތަކަށް ޙިއްޞާކުރާނެ މަޢުލޫމާތު ތަކެއް ނޫނެވެ. އޭގެ ބަދަލުގައި މިނިވަން ޕެނަލްތަކަކުން ވެކްސިންގެ ތަހުލީލުތައް ގާތުން ބަލަމުންދާނެއެވެ. އެއީ ވެކްސިންގެ ރައްކާތެރިކަމާއި ކާމިޔާބުވާ މިންވަރު އިތުރަށް ޔަޤީންކުރުމުގެ ގޮތުންނެވެ. ތަހުލީލުތައް ވަކި ހިސާބަކަށް ދިޔުމުން އެ ފަރާތްތަކުން އިބްތިދާޢީ ނަތީޖާތައް ކޮންމެވެސް ވަރަކަށް ބަލާނެއެވެ. ޕްލެސީބޯއަށްވުރެ ވެކްސިން ކާމިޔާބުކަމަށް ފާހަގަވެއްޖެނަމަ ކުއްލި ޙާލަތުގައި އެ ވެކްސިން ބޭނުންކުރުމުގެ ޙުއްދައަށް ކުންފުނިތަކަށް އެދެވޭނެއެވެ. ވެކްސިނަކީ ރައްކާތެރި އެއްޗެއް ނޫންކަމަށް ޕެނަލުން ނިންމައިފިނަމަ ތަހުލީލުތައް ހުއްޓުމަކަށް ގެންނަންޖެހެއެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)އިން ބުނީ ވެކްސިނެއްގެ ރައްކާތެރިކަމާއި އޭގެ އެދެވޭ އަސަރު ކަށަވަރު ނުވާހާ ހިނދަކު އެފްޑީއޭގެ ފަރާތުން އެއްވެސް ވެކްސިނަކަށް ޙުއްދަ ނުދޭނެކަމަށެވެ. މިމަހުގެ ކުރީކޮޅުގައި އެފްޑީއޭއިންވަނީ އެމެރިކާގައި ވެކްސިނަށް ޙުއްދަ ދޭ މިންގަނޑުތައް އިތުރަށް ހަރުކަށިކޮށްފައެވެ. ވެކްސިންގެ ތަހުލީލުތަކުގައި ބައިވެރިވާ މީހުންނަށް ވެކްސިންގެ ފަހު ޑޯޒް ދިނުމަށްފަހު މަދުވެގެން ދެ މަސް ދުވަސްވަންދެން އެމީހުންނަށް ވެކްސިންގެ ނޭދެވޭ އަސަރެއް ކުރޭތޯ ބެލުމަށް އެފްޑީއޭއިންވަނީ ޝަރުތުކޮށްފައެވެ. އަދި ކުއްލި ޙާލަތުގައި ވެކްސިނެއް ބޭނުންކުރުމުގެ ޙުއްދަ ދިނުމާއި މެދު ގޮތެއް ނިންމާނީ ތަހުލީލުގައި ބައިވެރިވާ މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންގެ ނަތީޖާއަށް ބެލުމަށްފަހުގައިކަމަށް އެފްޑީއޭއިންވަނީ ނިންމާފައެވެ.
ވެކްސިނާއި ބޭސްފަދަ އުފެއްދުންތަކަށް ޙުއްދަދޭ އިނގިރޭސިވިލާތުގެ ދަ ޔޫކޭ މެޑިސިންސް އެންޑް ހެލްތުކެއާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އޭޖެންސީއިން އެ ޤައުމުގައި އުފައްދާ ވެކްސިނަށް ޙުއްދަދިނުމުގެ ކުރިން ބަލަންޖެހޭ ކަންކަން ބަލާނެއެވެ. ހަމަ އެގޮތަށް ޔޫރަޕިއަން މެޑިސިންސް އޭޖެންސީން ވިލާތުގެ އިއްތިޙާދުން އުފައްދާ ވެކްސިންތައް ދިރާސާކުރާނެއެވެ.
ކުއްލި ޙާލަތުގައި ވެކްސިން ބޭނުންކުރުމަށް ނުވަތަ އެ ވެކްސިންތަކަށް ރަސްމީ ޙުއްދަ ހޯދުމަށް ބޭނުންވާ މިންވަރަށް މަޢުލޫމާތު ކުންފުނިތަކުން ހުށަހެޅުމުން ޙުއްދަ ދޭ އިދާރާތަކުން އެ ހޯދުންތައް ދިރާސާކުރުމުގެ މަސައްކަތް ފަށާނެއެވެ. މޮޑާނާއިން އުފައްދާ ވެކްސިންގެ މަޢުލޫމާތުތައް ޙުއްދަދޭ އިދާރާތަކުން އަންނަ މަހުގެ ތެރޭގައި ދިރާސާކުރަން ފަށާނެކަމަށް ބެލެވެއެވެ. އެސްޓްރެޒެނެކާގެ ފަހު މަރުހަލާގެ ތަހުލީލުތަކުގެ ނަތީޖާތައް ނޮވެމްބަރު މަހުގެ ތެރޭގައި އިދާރާތަކާއި ޙިއްޞާކުރާނެކަމަށް ބެލެވެއެވެ. ޕްފިޒާއާއި ބަޔޯއެންޓެކުން ބުނީ އޮކްޓޯބަރު މަހުގެ ތެރޭގައިވެސް މަޢުލޫމާތު ފޯރުކޮށްދެވުން އެކަށީގެންވާކަމަށެވެ. ނަމަވެސް ވެކްސިންގެ ރައްކާތެރިކަމާއި ގުޅޭގޮތުން ނޮވެމްބަރު މަހުގެ ތިންވަނަ ހަފުތާގައި ލިބޭނެ މަޢުލޫމާތުތައް ލިބެންދެން ތަހުލީލުގެ މަޢުލޫމާތު ޙިއްސާނުކޮށް މަޑުކުރާނެކަމަށް އެ ދެ ކުންފުނިންވަނީ ބުނެފައެވެ.
ކެނެޑާއާއި ވިލާތުގެ ޤައުމުތަކުގެ ބޭހާއި ވެކްސިންފަދަ އުފެއްދުންތަކަށް ޙުއްދަ ދޭ އިދާރާތަކުން ވިސްނަމުންދަނީ މަޢުލޫމާތު ލިބެމުންދާ ވަރަކަށް ދިރާސާތައް ކުރިއަށް ގެންދިޔުމަށެވެ. އިނގިރޭސިވިލާތާއި އެމެރިކާއިން ވީ އެންމެ އަވަހަކަށް މަޢުލޫމާތުތައް ދިރާސާކޮށް ކުއްލި ޙާލަތުގައި ވެކްސިން ބޭނުންކުރުމުގެ ޙުއްދަ ދެވޭތޯ ބަލާނެއެވެ. ވިޔަފާރި އުސޫލުން އެ އުފެއްދުންތައް ވިއްކުމުގެ ޙުއްދަދިނުމަށް ގިނަ ވަގުތުނަގާ ތަފްޞީލީ ދިރާސާއެއްކުރާނީ އޭގެ ފަހުންނެވެ.
ވެކްސިނެއް އުފެއްދުމުގެ މަސައްކަތުގައި ޗައިނާއާއި ރަޝިޔާއާ އުޅެނީ ވަރަށް އެއްވަރެއްގައެވެ. މިދިޔަ ޖުލައި މަހުގެ ތެރޭގައި ޗައިނާއިންވަނީ ބަލިމަޑުކަމުގެ ޙާލަތުގައި ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތަކަށާއި ބަލިޖެހުމުން ޙާލުދެރަވެދާނެ ފުރުޞަތު އޮތް މީހުންނަށް ވެކްސިން ދިނުމަށް ކުއްލި ޙާލަތުގައި ވެކްސިނެއް ބޭނުންކުރާނެ ޕްރޮގުރާމެއް ފަށައިފައެވެ. އެ ޕްރޮގުރާމުގެ ދަށުން މިހާތަނަށް އެތައް ހާސްބަޔަކަށްވަނީ ވެކްސިން ދީފައެވެ.
ޗައިނާ ނޭޝަނަލް ބަޔޯޓެކު ގުރޫޕާއި ކެންސިނޯ ބަޔޮލޮޖިކްސާއި ސިނޯވެކުން ތައްޔާރުކުރަމުންދާ ވެކްސިން ހިމެނޭގޮތަށް ހަތަރު ވެކްސިނެއްގެ ތަހުލީލުތަކުގެ އިބްތިދާޢީ ނަތީޖާ ނޮވެމްބަރު މަހުގެ ތެރޭގައި ލިބޭނެކަމަށް ބެލެވެއެވެ. ރަޝިޔާގެ ގަމަލެޔަ އިންސްޓިޓިއުޓުންވެސްދަނީ 40،000 މީހުންގެ ބައިވެރިވުމާއެކު ފަހު މަރުޚަލާގެ ތަހުލީލުތައް ކުރަމުންނެވެ. އެ މަރުކަޒުން ތަހުލީލުކުރަމުންދާ ވެކްސިންގެ ނަތީޖާ އޮކްޓޯބަރު މަހުގެ ފަހުކޮޅުގައި ނުވަތަ ނޮވެމްބަރު މަހުގެ ކުރީކޮޅުގައި ލިބޭނެކަމަށް ބެލެވެއެވެ. އެ ވެކްސިން މިހާރުވަނީ އާންމުންގެ ތެރެއިން ބަލީގައި ޙަލުބޮޑުވެދާނެކަމަށް ބެލެވޭ އެތައް ސަތޭކަ މީހުންނަށް ދީފައެވެ.
ވެކްސިނެއްގެ ހިރާސްތަކަށްވުރެ އޭގެ ފައިދާ ބޮޑުތޯ ޔަޤީންކުރުމަކީ އެފްޑީއޭގެ ޒިންމާއެކެވެ. ނަމަވެސް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހެލްތު އެންޑު ހިއުމަން ސާވިސާސް (އެޗުއެޗުއެސް)އަށް އެފްޑީއޭގެ ނިންމުމުގެ މައްޗަށް ބަސްބުނުމުގެ ބާރު ލިބިގެންވެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕުވަނީ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ތައްޔާރުކޮށްފައިވާ އައު މިންގަނޑުތަކާއި މެދު ޝަކުވާ ކުރައްވާފައެވެ. އައު މިންގަނޑުތަކުގެ ސަބަބުން އެންމެ އަވަހަށްވެސް ވެކްސިނެއް ލިބޭނީ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ފަހުގައެވެ. އެޗުއެޗުއެސްގައި މަސައްކަތްކުރާ ފަރާތްތަކަށް ވަޒީފާ ދިނުމާއި ކަނޑާލުމުގެ ބާރު ސަރުކާރަށް ލިބިގެންވެއެވެ. އެހެންކަމުން އިންތިޚާބުގެ ކުރިން ވެކްސިނަކަށް ޙުއްދަ ދިނުމަށް ސިޔާސީ ޕުރެޝަރުތައް އޮތުމަކީ އެކަށީގެންވާކަމެކެވެ.