ޖަރުމަނު ކަޕުގައި ރޭ ބާޔާން މިއުނިކާއި އެފްސީ ޑުރެން ވާދަކުރި މެޗުގައި ޓީމާ އަލަށް ގުޅުނު އެރިކް މެކްސިމް ޗެޕޫ މޯޓިން ގެ ދެ ލަނޑާއެކު ބަޔާން މިއުނިކް މޮޅުވެއްޖެއެވެ.
ޖަރުމަނު ކަޕުގެ ފުރަތަމަ ބުރުގައި ކުޅުނު މެޗު ބަޔާން މިއުނިކުން ކާމިޔާބުކުރީ ޖަރުމަނުގެ ފަސްވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ އެފްސީ ޑުރެންއާ ވާދަކޮށް 3-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ޓީމާ އަލަށް ގުޅުނު ޗެޕޫ މޯޓިން ވަނީ ދެ ލަނޑު ޖަހާފައެވެ. ބަޔާނުންގެ އަނެއް ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ތޯމަސް މުލާއެވެ.
މިއީ ޗެޕޫ މޯޓިން ބަޔާންއަށް ކުޅުނު ފުރަތަމަ މެޗެއެވެ. ޗެޕޫ މޯޓިން ބާޔާން މިއުނިކާ ގުޅުނީ ފްރާންސްގެ ޕީއެސްޖީން މި ސީޒަންގެ ހޫނު މޫސުމުގެ ޓްރާންސްފާގެ އެންމެފަހު ދުވަހުއެވެ. 2017 ވަނަ އަހަރު ސްޓޯކް ސިޓީއަށް ބަދަލުވުމުގެ ކުރިން ޗެޕޫ މޯޓިން ވަނީ ޖަރުމަނުގެ ހަންބާގަށްވެސް ކުޅެފައެވެ.
މިހާރު އުމުރުން 31 އަހަރު ކެމެރޫންއަށް އުފަން ކުޅުންތެރިޔާ ބުނީ އޭނާ ބަޔާން މިއުނިކަށް ކުޅުނު ފުރަތަމަ މެޗު ދެ ލަނޑު ޖެހުމުން އުފާވާކަމަށެވެ. ޗެޕޫ މޯޓިން ބާޔާން މިއުނިކަށް ބަދަލުވީ ދެ ސީޒަން ޕީއެސްޖީގައި ހޭދަކުރުމަށްފަހުއެވެ.