މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދަވާކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދާއި ސުވާލުކުރެއްވުން މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ 4 ވަނަ ޖަލްސާގައި ވަޒީރުންނާއި ސުވާލުކުރުމުގެ ބައިގައި އެޖެންޑާކޮށްފައި ވަނީ، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަލްފާޟިލާ ޒަހާ ވަޙީދާއި ކުރައްވާ ސުވާލެވެ.
މެންބަރު ޖާބިރުގެ ކުރައްވަ ސުވާލުގައި، ދިވެހި ސަރުކާރުން ޗައިނާ އާއި އެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމެންޓްގެ ދަށުން، ދިވެހި މަސްވެރިންނަށް ލިބެންޖެހޭ މަންފާތައް ހިފަހައްޓައި، މަސްވެރިކަމުގެ ދޮރުތައް ބަންދުކޮށްފައިވާ ކަމަށް ތުހުމަތުކުރައްވައި، ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދައި މަސްވެރިން މަގުމަތިކޮށް ނިކަމެތި ކުރަމުންދާކަމަށާއި، މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދަވާކަމަށް ވިދާޅުވެ އެކަމުގެ ސަބަބާއި ބެހޭގޮތުން ވަނީ ސުވާލު ކުރެއްވުމަށް ހުށައަޅުއްވާފައެވެ.
ދިވެހި ސަރުކާރުން ޗައިނާ އާއިއެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމެންޓްގެ ދަށުން ލިބެންޖެހޭ މަންފާތަކުގެ ވާހަކަ މެންބަރު ޖާބިރުގެ ސުވާލުގައި ހިމަނުއްވާފައި ވާއިރު، ޗައިނާއާއިއެކު ކުރީ ސަރުކާރުން ޤާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ އޭގެ ސަބަބުން އެހެން ޤައުމުތަކާއި އެކު އޮންނަ ވިޔަފާރިގެ ގުޅުމަށް ބުރޫއަރާނެފަދަ އެއްބަސްވުމެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވަނީ ސިފަކުރައްވާފައެވެ.