ޔުއެފާ ނޭޝަންސް ލީގުގައި މިރޭ ޖަރުމަނާ ދެކޮޅަށް ނުކުންނައިރު ޓީމުގެ މުހިންމު ކުޅުންތެރިން ނެތްކަމަށާއި އެޓީމުން ނެރޭނީ ޒުވާން ކުޅުންތެރިންކަމަށް ޔޫކްރެއިންގެ ކޯޗު އަންދްރޭ ޗެވްޗެންކޯ ބުނެފިއެވެ.
ޖަރުމަނު މެޗުގެ ކުރިން ވާހަކަ ދައްކަމުން ޗެވްޗެންކޯ ބުނީ ޔޫކްރެއިންގެ 21 އަހަރުން ދަށުގެ ބައެއް ކުޅުންތެރިންނަށް މި މެޗުގައި ފުރުސަތު ދޭނެކަމަށެވެ. އެނާ ބުނީ މިވަގުތު އޭނާގެ ޓީމުގައި ވަރުގަދަ ސްކޮޑެއް ނެތުމުން އުނދަގޫތަކާއި ކުރިމަތިވެފައިވާކަމަށެވެ. ޗެވްޗެންކޯ ބުނީ މިއީ ޒުވާން ކުޅުންތެރިންނަށް އެ ކުޅުންތެރިންގެ ހުނަރު ދައްކާލަން ލިބިގެންދާނެ ފުރުސަތެއްކަމަށެވެ.
ޓީމު ކުރިޔަށްދަނީ ފިޔަވަޅަކަށްފަހު ފިޔަވަޅެށް އަޅަމުން ކަމަށާއި ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ޓީމުން ހޯދި ކުރިއެރުމާ މެދު ހިތްހަމަޖެހޭކަމަށް ޗެވްޗެންކޯ ބުންޏެވެ. ޔޫކްރެއިން ޓީމުގެ ކޯޗު ބުނީ އަނެއްކާވެސް ޓީމަށް މިއޮތީ އާ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފަކަމަށާއި މިލެވެލްގައި ޔުކްރެއިނުން ޖަރުމަނާ ވަދާކޮށްލަން ފުރުސަތު ލިބުމަކީ ވެސް ލިބޭ ވަރަށް ބޮޑު ތަޖުރިބާއެއްކަމަށެވެ. އެންމެ ފަހުން ޖަރުމަނާ ދެކޮޅަށް ކުޅުނު ހަ މެޗުގައި ވެސް ޔޫކްރެއިންއަށް ވަނީ ކުރި ހޯދޭގޮތް ނުވެފައެވެ.