ކުޅިވަރު

ޕްލެޓިނީގެ ރިކޯޑު މުގުރާލި މެޗުން ފްރާންސްއަށް ބޮޑު މޮޅެއް


ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑް ގައުމީ ޓީމަށް ކުޅުނު 100 ވަނަ މެޗުގައި މިޝެލް ޕްލެޓިނީގެ ރެކޯޑު މުގުރާލިއިރު ފްރާންސްއިން ބޮޑު މޮޅެއް ހޯދައިފިއެވެ.

ރޭ ކުޅެވުނު ބައިނަލްއަގުވާމީ މެޗުގެ ޔޫކްރެއިންގެ މައްޗަށް ފްރާންސް ކުރިހޯދީ 7-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފްރާންސްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ޖިރޫޑް ދެ ލަނޑު ކާމިޔާބުކޮށްދިންއިރު އިތުރު ލަނޑުތައް ކާމިޔާބުކޮށްދިނީ ކަމަވިންގާ، މައިކޮލެންކޯ، ކޮރެންޓިން ޓޮލީސިޔޯ، އެމްބާޕޭގެ އިތުރުން ގްރީޒްމަންއެވެ. މިމެޗުގައި ލަނޑުޖެހި އުމުރުން 17 އަހަރުގެ ފްރާންސް ކުޅުންތެރިޔާ އެޑްވާޑޯ ކަމަވިންގާ ވަނީ 1914 ވަނަ އަހަރު ފަހުން އެޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑު މުގުރާލާފައެވެ. އޭނާ ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި ޖެހި ލަނޑާއެކު ވެފަވަނީ ގައުމީ ޓީމަށް ލަނޑު ޖަހައިދިން ދެވަނައަށް އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

ރޭގެ މެޗުގައި ޖިރޫޑް ޖެހި ދެ ލަނޑާއެކު އޭނާ ވެގެން ގޮސްފަވަނީ ފްރާންސްގެ ގައުމީ ޓީމަށް ދެވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ. ޕްލެޓިނީ ޖެހި 41 ލަނޑުގެ ރެކޯޑް މުގުރާލާ ޖިރޫޑް ދެވަނައަށް އެރިއިރު އެއްވަނައިގައިވާ އޮންރީގެ ރެކޯޑް މުގުރާލަން ޖިރޫޑް ބޭނުވަނީ ބާކީ ނުވަ ލަނޑެއެވެ.

މިއީ ޔޫކްރެއިންގެ ތާރީހުގައި އެޓީމުގެ އެންމެ ބޮޑު ބައްޔެވެ. މިހާރު އެޓީމުގެ ކޯޗަކީ އެސީ މިލާނާއި ޗެލްސީގެ ކުރީގެ ޔޫކްރެއިން ފޯވާޑް އަންދްރޭ ޗެވްޗެންކޯއެވެ.