މި އަހަރުގެ ސެޕްޓެމްބަރު މަހުގައި ދުނިޔެ ހޫނުވެފައިވާ މިންވަރަށް މީގެ ކުރީ އަހަރުތަކުގެ ސެޕްޓެމްބަރު މަހުގައި ދުނިޔެ ހޫނުވެފައި ނުވާކަމަށް ސައިންސުވެރިން ބުނެފިއެވެ.
ކޮޕާނިއަސް ކްލައިމެޓު ޗޭންޖު ސާވިސްގެ ސައިންސުވެރިން ބުނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގައި ސައިބީރިއާއާއި މެދުއިރުމައްޗާއި ދެކުނު އެމެރިކާގެ ބައެއް ސަރަޙައްދުތަކާއި އޮސްޓްރޭލިއާ އާދަޔާ ޚިލާފަށް ހޫނުގަދަވެފައިވާކަމަށެވެ. މޫސުމީ ބަދަލުގެ ނޭދެވޭ އަސަރުގެ ސަބަބުން ދުނިޔެ ހޫނުވުމުގެ ނަތީޖާއެއްގެ ގޮތުން ގުދުރަތީ ގިނަ ކާރިޘާތައް މެދުވެރިވަމުންދާކަމަށް ސައިންސުވެރިންވަނީ ފާހަގަކޮށްފައެވެ.
އެމެރިކާގެ ހުޅަނގުގެ ގިނަ ސަރަޙައްދުތަކުގެ ޖަންގަލިތަކުގައި އަލިފާން ރޯވުމުގެ އިތުރުން ގިނަ ޢަދަދެއްގެ ތޫފާނާއި ފެންބޮޑުވުންފަދަ އިތުރު ކާރިޘާތައްވަނީ ކުރިމަތިވެފައެވެ. ފާއިތުވި ދުވަސްތަކުގައި އާދަޔާ ޚިލާފަށް ހޫނުގަދަވުމުގެ ސަބަބުން ކެލިފޯނިއާއާއި އޮސްޓްރޭލިއާގެ ޖަންގަލިތަކުގައިވަނީ ރެކޯޑު މިންވަރަކަށް އަލިފާން ރޯވެފައެވެ.
މިދިޔަ މަހުގައި ދުނިޔޭގެ ފިނިހޫނުމިން ހުންނަ މިންވަރުވަނީ އާންމުކޮށް ހުންނަ މިންވަރަށްވުރެ 0.63 ޑިގުރީ ސެލްސިއަސް އިތުރުވެފައެވެ. އެއީ އޭގެ ކުރީ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅައިބަލައިއިރު އިތުރު 0.05 ޑިގުރީ ސެލްސިއަސްގެ އިތުރުވުމެކެވެ. އަދި 2016ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅައިބަލައިއިރު 0.08 ޑިގުރީ ސެލްސިއަސްގެ އިތުރުވުމެކެވެ. 2016 އަދި 2019ވަނަ އަހަރުގެ ސެޕްޓެމްބަރު މަހަކީ މީގެ ކުރިން އެންމެ ހޫނުގަދަވި ދެ ސެޕްޓެމްބަރު މަހުގެ ގޮތުގައި ފާހަގަކޮށްފައިވާ ދެ މަހެވެ.
އާކްޓިކު ކަނޑުގައި ހުންނަ ގަނޑުފެންވެސް ހޫނުގަދަވުމުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް ވިރިފައެވެ. ގަނޑުފެން ވިރިފައިވާ މިންވަރަކީ މިހާތަނަށް ދެވަނައަށް އެންމެ ބޮޑަށް ގަނޑުފެން ވިރުނު މިންވަރެވެ. 2050ވަނަ އަހަރުގެ ހޫނު މޫސުމާއި ހަމައަށް އާކްޓިކް ކަނޑުގައިހުރި ހުރިހާ ގަނޑުފެނެއް ވިރޭނެކަމަށް ސައިންސުވެރިން ލަފާކުރެއެވެ.
ކޮޕާނިއަސްގެ ޑިރެކްޓަރު ކާލޯ ބޫންޓެންޕޯ ވިދާޅުވީ މި އަހަރު ރިކޯޑު މިންވަރަކަށް ހޫނުގަދަވުމާއި އާކްޓިކް ކަނޑުގައި ހުރި ގަނޑުފެން ވިރުމުގެ ސަބަބުން އަވަސް މިނެއްގައި ހޫނުގަދަވަމުންދާ ސަރަޙައްދުތައް ދިރާސާކޮށް ބެލެހެއްޓުމުގެ މުހިންމުކަން ފާހަގަވެފައިވާކަމަށެވެ.
ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފަރިކް އެޑްމިނިސްޓްރޭޝަނުން ބުނީ މިހާތަނަށް އެންމެ ހޫނުގަދަވިކަމަށް ރެކޯޑުކޮށްފައިވާ ފަސް އަހަރުގެ ތެރޭގައި 2020ވަނަ އަހަރު ހިމެނޭނެކަމަށް ޤަބޫލުކުރާކަމަށެވެ.