ކޯވިޑް-19އާއެކު ދިރިއުޅުމަށް އެމެރިކާގެ ރައްޔިތުންނަށް ދަސްވަމުންދާކަމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަންޕު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް އެމެރިކާގެ ރިޔަސީ އިންތިޚާބުގައި އިތުރު ދަޢުރަކަށް ވާދަކުރައްވާ ޓްރަންޕު މީގެ ކުރިންވަނީ ކޯވިޑް-19އަކީ ނުރައްކާތެރި ބައްޔެއް ނޫންކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
އެމެރިކާގައި މިހާތަނަށް 7.2 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހި 215،000 މީހުންވަނީ އެބަލީގައި މަރުވެފައެވެ. އެ ޤައުމު އޮތީ އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވާ ޤައުމުގެ ގޮތުގައެވެ. ރައީސް ޓްރަންޕުވެސް މި ވަގުތު ގެންދަވަނީ ކޯވިޑް-19 ޖެހުމުގެ ސަބަބުން ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ.
ފާއިތުވި ތިން ދުވަހު ވޮލްޓާ ރީޑް އަސްކަރީ ހަސްފަތާލުގައި ފަރުވާ ހޯއްދެވުމަށްފަހު އެނބުރި ވައިޓު ހައުސަށް ވަޑައިގެން ކުރެއްވި ޓްވީޓެއްގައި ރައީސް ޓްރަންޕު ވިދާޅުވީ އިންފުލުއެންޒާގެ ސަބަބުން އަހަރެއްގެ މައްޗަށް ސަތޭކަ ހާހަށްވުރެ ގިނަ މީހުން މަރުވާކަމަށާއި ފުލޫއާ ދެކޮޅަށް ވެކްސިންވެސް ލިބެން އެބަހުރިކަމަށެވެ. އެ ބަލީގެ ސަބަބުން ޤައުމު އެއްކޮށް ބަންދުކޮށްފައިވޭތޯ ސުވާލުކުރައްވަމުން ޓްރަންޕު ވިދާޅުވީ އިންފުލުއެންޒާގެ ސަބަބުން ޤައުމު ހުއްޓުމަކަށް ގެނެސްފައިނުވާކަމަށާއި އެ ބައްޔާއެކު ދިރިއުޅުމަށް ރައްޔިތުން ދަސްކުރިކަމަށެވެ. ހަމަ އެގޮތަށް ކޯވިޑް-19އާއެކު ދިރިއުޅުމަށްވެސް އެމެރިކާގެ ރައްޔިތުން ދަސްކުރަމުންދާކަމަށް ޓްރަންޕު ވިދާޅުވިއެވެ.
Flu season is coming up! Many people every year, sometimes over 100,000, and despite the Vaccine, die from the Flu. Are we going to close down our Country? No, we have learned to live with it, just like we are learning to live with Covid, in most populations far less lethal!!!
— Donald J. Trump (@realDonaldTrump) October 6, 2020
2019ވަނަ އަހަރު އިންފުލުއެންޒާ ޖެހިގެން އެމެރިކާގައި 22،000 މީހުންވަނީ މަރުވެފައިވާކަމަށް އެމެރިކާގެ ސަރުކާރުން ޝާއިޢުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ. އެ ޢަދަދު ރައީސް ޓްރަންޕު ވިދާޅުވި ޢަދަދުތަކާ ދިމައެއް ނުވެއެވެ. އިންފުލުއެންޒާއާ އެއްވަރުކޮށް ކޯވިޑް-19ގެ ނުރައްކާތެރިކަމާއި ގުޅޭގޮތުން ހަޤީޤަތް އޮޅޭ ފަދަ ޕޯސްޓެއް މީސް މީޑިޔާއަށް ދޫކޮށްލާފައިވާތީ ޓްވިޓަރ އާއި ފޭސްބުކުންވަނީ ރައީސް ޓްރަންޕުގެ އެ ޕޯސްޓުތައް ނުފެންނަ ގޮތަށް ނުވަތަ އިތުރަށް ނުފެތުރޭގޮތަށް ހަދާފައެވެ.
ޓްރަންޕަށް ކޯވިޑް-19 ޖެހުމުގެ ކުރިންވެސް ކޯވިޑް-19އަކީ އިންފުލުއެންޒާއަށްވުރެ ނުރައްކާތެރި ބައްޔެއްކަމަށް އޭނާވަނީ އެއްބަސްވެވަޑައިގެންފައެވެ. ނަމަވެސް ބަލިފެތުރުން ހުއްޓުވުމަށް އަޅާ ގައިދުރުކުރުމުގެ ފިޔަވަޅުތަކަށް ޢަމަލުނުކުރައްވާ ޞިއްޙީ މާހިރުންގެ ލަފަޔަށް ފަރުވާލެއް ނުބަހައްޓަވާ ބޭފުޅެއްގެ ގޮތުގައި ރައީސް ޓްރަންޕުވަނީ ފާހަގަވެފައެވެ. މާސްކު ބޭނުންކުރުމާއި ދެކޮޅަށްވެސް އެކި ފަހަރުމަތިން އެމަނިކުފާނުވަނީ ވާހަކަދައްކަވާފައެވެ.
ކޯވިޑް-19 ޖެހުމުގެ ފަހުން ވީޑިއޯ މެދުވެރިކޮށް ދެއްވި މެސެޖެއްގައި ކޯވިޑް-19އަށް އޮންނަ ބިރެއްގެ ސަބަބުން މުޅި ދިރިއުޅުމަށް އޭގެ އަސަރު ކުރިޔަދީގެން ނުވާނެކަމަށާއި ކޯވިޑް ދެކެ ބިރުގަނެގެން ނުވާނެކަމަށް ރައީސް ޓްރަންޕުވަނީ ވިދާޅުވެފައެވެ. އެންމެންވެސް ރައްކާތެރިކަމާއެކު މުޖުތަމަޢުގެ ތެރެއަށް ނުކުމެ މަސައްކަތުގައި އަހުލުވެރިވާންވީކަމަށާއި ބައްޔާއި ކުރިމަތިލާންޖެހޭކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.
އުމުރުން 74 އަހަރުގެ ޓްރަންޕުގެ ޑޮކްޓަރުންގެ ޓީމަކުން ބުނީ ފާއިތުވި 72 ގަޑިއިރުގެ ތެރޭގައި ޓްރަންޕުގެ ހަށިކޮޅުން ހުމުގެ އަސަރެއް ފެނިފައިނުވާކަމަށާއި އޮކްސިޖަން ހުރި މިންވަރުވެސް ރަނގަޅުކަމަށެވެ. ފާއިތުވި ދުވަސްތަކުގައި ދެ ފަހަރެއްގެ މަތިން ރައީސް ޓްރަންޕަށް އޮކްސިޖަން ދީފައިވާކަމަށްވެސް ޑޮކްޓަރުން ފާހަގަކުރެއްވިއެވެ. ބަލީގެ ސަބަބުން ރައީސްގެ ފުއްޕާމެޔަށް ކޮށްފާނެ އަސަރަކާއި އެންމެ ފަހުން ކޯވިޑް-19އަށް ތަހުލީލުކޮށް ނެގެޓިވް ނަތީޖާއެއް ލިބިފައިވާ ތާރީޚު ހާމަކުރުމަށް އެބޭފުޅުންވަނީ ދެކޮޅު ހައްދަވާފައެވެ. ޓްރަންޕު ވިދާޅުވަނީ އޭނާގެ ޙާލުކޮޅު ރަނގަޅުކަމަށެވެ.
އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އިފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީސަސް، އެންތޮނީ ފައުޗީ ވިދާޅުވީ ރައީސް ޓްރަންޕު ވައިޓު ހައުސަށް އެނބުރި ވަޑައިގެންނެވިއިރު ބަލާބެލުމަށް ޙާލު ރަނގަޅުކަމަށެވެ. ނަމަވެސް ކޯވިޑް-19 ޖެހޭ ގިނަ މީހުންނަށް ބަލިޖެހުމުގެ ފަސް ދުވަހުގެ ތެރޭގައި ޙާލަތު އަނެއްކާ ގޯސްވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ޙާލަތަކަށް ތައްޔާރަށް ތިބުމަކީ މުހިންމުކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.