ކުޅިވަރު

މި ނަތީޖާއިން ބަލިވާކަށް އެއްވެސް ބަޔަކު ބޭނުމެއް ނުވާނެ: ކްލޮޕް


ތަފާތު ބޮޑު ނަތީޖާކުން ބަލިވާން އެއްވެސް ބަޔަކު ބޭނުން ނުވާނެކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި އެސްޓަން ވިލާއާ ވާދަކޮށް 7-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވުމަށްފަހު ވާހަކަ ދައްކަމުން ކްލޮޕް ބުނީ މީގެ އެއް އަހަރު ކުރިން ލިވަޕޫލުން ބުނަމުން ދިޔައީ ތާރިހުގަ ފާހަގަކޮށްލެވޭ ކާމިޔާބެއް ހޯދަންކަމަށާއި އެކަމު އެކަން ބަދަލުވެގެން މިދިޔައީ މުޅިން އިދިކޮޅަށްކަމަށެވެ. މިއީ ޖެހުނު ބޮޑު ކަޅު ލައްގަނޑެކަމަށް ކުލޮޕް ވަނީ ސިފަކޮށްފައެވެ.

މިއީ ވޭތުވެދިޔަ 63 އަހަރުގެތެރޭގައި ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމެއް ކޮޅަށް މިހާގިނަ ލަނޑު ޖެހި ފުރަތަމަ ފަހަރެއެވެ. އޭނާ ބުނީ މެޗުގައި މިހާ ބޮޑު ތަފާތެއް ފެނިގެންދިޔައީ މާ ބޮޑަށް ފަރުވާކުޑަކުރުމުން ކަމަށާއި ލަނޑު ޖަހާނެ ކިތަންމެ ފުރުސަތެއް ލިވަޕޫލުން ތަނަވަސްކުރި ކަމަށެވެ.

ކްލޮޕް ބުނީ އިދިކޮޅުން ޖެހި ކޮންމެ ލަނޑަކީ ލިވުޕޫލުން ހެދި ބޮޑު ގޯސްތަކުން ފައިދާ ނަގައިގެން އެޓީމުން ކާމިޔާބު ކުރި ލަނޑުތަކެއް ކަމަށެވެ. މެޗުގައި ފުރުސަތު ތަނަވަސް ކުރިމަކުގައި ވިޔަސް ބޯޅަ ހިފަހައްޓައިގެން ކައުންޓަރ އެޓޭކްތަކުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނު ކަމަށް ކްލޮޕް ބުންޏެވެ.