ކޯވިޑް-19ގެ ސަބަބުން ނަފްސާނީ މައްސަލަތައް ދިމާވެފައިވާ މީހުންނަށާއި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ ނަފްސާނީ ޚިދުމަތްތައް ދިނުމުގައި ދަތިތަކާކުރިމަތިވެފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން ބުނެފިއެވެ.
ނަފްސާނީ ބަލިތައް ހުންނަ މީހުންނާއި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ބަލިމަޑުކަމުގެ މި ޙާލަތުގައި ފޯރުކޮށްދެމުންދާ ޚިދުމަތްތަކާއި ގުޅޭގޮތުން ޑަބްލިއުއެޗުއޯއިންވަނީ ދިރާސާއެއްކޮށްފައެވެ. އެއްވެސް މެދުކެނޑުމެއްނެތި ކުރިއެކޭ އެއްގޮތަށް ނަފްސާނީ ބަލިތަކަށް ބޭސްކުރާ މީހުންނަށް ޚިދުމަތް ފޯރުކޮށްދެމުންދިޔަކަމަށް ބުނީ ދިރާސާގައި ބައިވެރިވި 130 ޤައުމުގެ ތެރެއިން ހަތެއް އިންސައްތައެވެ. ދިރާސާގައި ބައިވެރިވި ޤައުމުތަކުގެ 93 އިންސައްތަ ބުނީ އެ ދާއިރާއަށް ދެމުންދިޔަ ޚިދުމަތްތަކަށް ބުރޫ އަރާފައިވާކަމަށެވެ.
ޑަބްލިއުއެޗުއޯގެ ޑިޕާޓްމަންޓް އޮފް މެންޓަލް ހެލްތު އެންޑް ސަބްސްޓެންސް އެބިއުސްގެ ޑިރެކްޓަރު ޑެވޯރާ ކެސްޓެލް ވިދާޅުވީ ނަފްސާނީ ބަލިތަކާއި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމުގެ ދާއިރާއަކީ މާލީ އެހީތެރިކަން ލިބުމުގައި ޒަމާނުއްސުރެ ފަހަތުގައި އޮންނަ ދާއިރާއަކަށްވުމުން ކޯވިޑް-19ގެ މި ޙާލަތުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާކަމަށެވެ. އޭނާ ވިދާޅުވީ ބަލިމަޑުކަމުގެ ޙާލަތުގައި ނަފްސާނީ އެހީތެރިކަން ބޭނުންވާ މީހުންގެ ޢަދަދު އިތުރުވުމުގެ ސަބަބުން އެ މީހުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް އިތުރު ފައިސާ ކަނަޑައަޅާފައިވަނީ ދިރާސާގައި ބައިވެރިވި ޤައުމުތަކުގެ ތެރެއިން އެންމެ 17 އިންސައްތަ ޤައުމުންކަމަށެވެ.
ކެސްޓެލް ވިދާޅުވީ އެ އިދާރާއިން ކޮށްފައިވާ ދިރާސާތަކުން ދައްކާގޮތުގައި ނަފްސާނީ އަދި ސިކުނޑީގެ ނާރުތަކާއި ގުޅުންހުރި މައްސަލަތަކާއި ޑްރަގުގެ ވަބާގައި ޖެހުމުން ދިމާވާ މައްސަލަތަކަށް ފަރުވާ ހޯދަންޖެހޭ މީހުންގެ ޢަދަދު މި ދުވަސްވަރު އިތުރުވުމަކީ ވަރަށް އެކަށީގެންވާކަމެއްކަމަށެވެ. އަދި އެ ދާއިރާތަކަށް އިތުރު ސަމާލުކަން ބޭނުންވާކަމަށެވެ.
އެފަދަ މީހުންނަށް ފަރުވާ ނުދެވުމުގެ ސަބަބުން ފުރާނައަށް ލިބިފައިވާ ގެއްލުމާއި ގުޅޭ މަޢުލޫމާތު ޑަބްލިއުއެޗުއޯއިން އެއްކޮށްފައެއް ނުވެއެވެ. ނަމަވެސް އަމިއްލައަށް މަރުވުމާއި ފިޓުޖެހުމާއި ބޭހަށް ދެވިހިފުން ފަދަ މައްސަލަތައް އެއީ ކުރިމަތިވެދާނެ މައްސަލަތަކެއްކަމަށް އެ އިދާރާއިންވަނީ ފާހަގަކޮށްފައެވެ.
ޑަބްލިއުއެޗުއޯއިން ކުރި ދިރާސާގައި ބުނީ ގިނަ ޤައުމުތަކަކުން، ޚާއްޞަކޮށް މުއްސަނދި ނޫން ޤައުމުތަކުން ޢާންމު ހަސްފަތާލުތަކުގައި ދެމުންދިޔަ ނަފްސާނީ ބައްޔަށް ދޭ ޚިދުމަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންގޮސްފައިވާކަމަށެވެ. ޚިދުމަތް ދިނުން ކުރިއަށް ގެންގޮސްފައިވީ ނަމަވެސް ފަރުވާ ހޯދުމުގައި ބަލި މީހުންނަށް އިތުރު ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަށް ދިރާސާގައިވަނީ ފާހަގަކޮށްފައެވެ.
ކެސްޓެލް ވިދާޅުވީ ބަލިމަޑުކަމުގެ ސަބަބުން ދަތުރުފަތުރުގެ ޚިދުމަތްތަކަށް ބުރޫއެރުމުން މުއްސަނދި ނޫން ޤައުމުތަކުގެ 73 އިންސައްތަ މީހުންނަށް ބޮޑެތި މައްސަލަތައް ކުރިމަތިވިކަމަށެވެ. ހަސްފަތާލަށް ގޮސްގެން ފަރުވާ ހޯދުމާއި ޞިއްޙީ މަރުކަޒުފަދަ ތަންތަނުން ޚިދުމަތް ހޯދުމުގައި މެދު ފަންތިއާއި މަތީ ފަންތީގެ ޤައުމުތަކަށް އަސަރުކޮށްފައިވާކަމަށް ޑަބްލިއުއެޗުއޯއިން ބުނެއެވެ. ނަމަވެސް މުއްސަނދި ޤައުމުތަކުން އިންޓަނެޓާއި ޓެކްނޮލޮޖީގެ ބޭނުންކޮށް ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދިޔަކަމަށް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.
ކެސްޓެލް ވިދާޅުވީ މި ޙާލަތުގައި މުއްސަނދި ޤައުމުތަކުގެ މީހުންނަށް އިތުރު ގޮތްތައް ފަހިވެފައިވާކަމަށާއި އެފަދަ ވަޞީލަތްތައް ހުރިހާ އެންމެންނަށްވެސް ލިބޭނެކަން ޔަޤީންކުރުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ.